07 މާޗް 2024 - 13:30

މަގުމަތީގައި ވެހިކަލް އުފުލުމާ ގުޅޭ އުސޫލު ނިންމުމަށް ފަހު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، "ރޯޑް ކެރީން ކެޕޭސިޓީ" އުސޫލަށް އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށް ފަހު، އެ ގެޒެޓުކުރުމަށް ހުރިހާ ކަމެއް ނިންމާފައިވާ ކަމަށެވެ. ވަރަށް އަވަހަށް އުސޫލު އާއްމުކުރާނެ ކަމަށާއި އޭރުން، އެ ރަށެއްގައި އެއްގަމު އުޅަނދު ދުއްވޭނެ ވަރު ކަނޑައެޅުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޮފިޝަލް ވިދާޅުވީ، އެ އުސޫލުގައި މިނިސްޓްރީން ދީފައި ހުންނާނީ، އެއްގަމު އުޅަނދު ދުއްވޭނެ މުއްދަތު އަދި އަދަދު ކަނޑައަޅާނެ ގޮތުގެ އެހީއެއް ކަމަށެވެ.
އެ ރަށެއްގައި ދުއްވާ އެއްގަމު އުޅަނދުތައް ހުންނަންޖެހޭ އުމުރާއި އުޅަނދުތަކުގެ ލިމިޓް އެ ކައުންސިލުން ކަނޑައަޅާނީ، ޓްރާންސްޕޯޓު މިނިސްޓްރީން ބުނިގޮތުގައި، އެ އުސޫލު ބަލައިގެންނެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އުޅަނދު ރަޖިސްޓްރީކުރުމާއި އެއްގަމު އުޅަނދުގެ އަދަދު ކަނޑައެޅުމާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ލިބޭ ގޮތަށް ގަވައިދު ބަދަލުކުރީ 2021ގަ އެވެ. އެހެންވެ، މިއީ، ހުރިހާ ކައުންސިލަކުން ވެސް އެކަން ކަނޑައެޅުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ނެރޭ އާއްމު އުސޫލެކެވެ.
ވެހިކަލް ލިމިޓް ކުރަން ބާރު ލިބޭ ގޮތަށް އުސޫލު ހެދުމުގެ މަސައްކަތް ފެށިއިރު، ރާއްޖޭގައި ހާއްސަކޮށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުން ވަނީ ތޮއްޖެހިފަ އެވެ. އެކަމާ ގުޅިގެން، މާލޭގެ މޭޔަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި އާދަމް އާޒިމް މިދިޔަ ޖެނުއަރީ މަހު ވިދާޅުވީ މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅަން ކަމާ ގުޅުން ހުރި އިދާރާތަކާ އެކު މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ރައްޔިތުންނަށް ހިތްފަސޭހަ ތަނަކަށް މާލެ ހެދުމަކީ އެންމެ ބޮޑު އަމާޒެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި މިދިޔަ ފަސް އަހަރު 69،000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިވެ އެވެ. އޭގެ ތެރެއިން 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ އަށެވެ. އެއީ އާދަޔާ ހިލާފަށް ގިނަ އަދަދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.