07 މާޗް 2024 - 13:49

ށ. މާއުނގޫދޫ ސްކޫލް ގްރޭޑް އެކެއްގައި ކިޔަވާ ދަރިވަރަކަށް އެ ސްކޫލުގެ އެހެން ދަރިވަރަކު އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.

މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މާއުނގޫދޫގައި ދަރިވަރަކަށް އަނިޔާކޮށް ބުލީ ކުރި ކަމަށް ބުނާ މައްސަލަ ހިނގި ގޮތް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެ ކުއްޖާގެ ބެލެނިވެރިޔާ ސޯޝަލްމީޑިއާގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނީ އޭނާގެ ދަރިފުޅަށް އެއް ކްލާހެއްގައި ކިޔަވާ އެހެން ދަރިވަރަކު އަނިޔާ ކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އެ މައްސަލަ ސްކޫލުގެ ސަމާލުކަމަށް ވެސް ގެނައުމުން ވެސް އަޅާނުލީ ކަމަށް ބުންޏެވެ.
ސޯޝަލްމީޑިއާގައި ކަންބޮޑުވުންފާޅުކުރަން ޖެހުނީ، އެހެންވެ ކަމަށް އޭނާ ލިއެފައިވެ އެވެ.
"މިއީ މިދިޔަ މާޗް 4، 2024 ގައި ސްކޫލުގެ ފުރަތަމަ ގަޑި ނިމުނުއިރު ދަރިފުޅުގެ ލޯ ހުރި ގޮތް. ދަރިފުޅު ބުނީ ކުރިން ވެސް އަނިޔާ ކުރާ ކުއްޖާ ލޮލުގައި ޖެހީ ކަމަށް. މި ކުއްޖާގެ ފަރާތުން ކުރިން ވެސް އަނިޔާ ލިބޭތީ ސްކޫލަށް ވާނީ ހުށަހަޅާފައި،" އޭނާ ބުނެފައިވެ އެވެ.
"ސްކޫލުގެ ޕްރިންސިޕަލާ ބައްދަލުކުރަން ދެ ފަހަރަކު އުޅުމުން ވެސް އޭނަ އެކަމަށް އިންކާރު ކުރީ." ބެލެނިވެރިޔާ ބުންޏެވެ.
އެ ޕޯސްޓްގައި ހިމެނޭ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ސޮލާހް ވިދާޅުވީ އެ މައްސަލަ ސްކޫލުން ވެސް ބަލަމުން އަންނަ ކަމަށެވެ.
ސްކޫލްތަކުގައި ހިންގާ އެފަދަ ބުލީ ކުރުންތަކުގެ ސަބަބުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ އެ ސްކޫލުން އަޅާނުލި މައްސަލާގައި ފާޑުކިޔަމުންނެވެ.