ގަވައިދާ ޚިލާފަށް އުޅުނު 800 އަށް ވުރެން ގިނަ ބިދޭސީން ފުރުވާލައިފި
ގަވައިދާ ޚިލާފަށް އުޅުނު 800 އަށް ވުރެން ގިނަ ބިދޭސީން ފުރުވާލައިފި

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 817 ބިދޭސީއަކު، މި ސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް ގައުމަށް އަނބުރާ ފުރުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާ މެދު ފިޔަވަޅު ނާޅާއިި ކުރީ ސަރުކާރުތަކުން އަމަލުކުރި ގޮތް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެކު ނިމުމަކަށް ގެނެސް އެފަދަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީން ނޭޝަނަލް ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށެވެ. އެއާއެކު މިހާތަނަށް 22 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު، މުހައްމަދު ޝައްމާން ވަހީދު، އިއްޔެ ނޫސްވެރިންނަށް ވިދާޅުވީ 817 ބިދޭސީންގެ މައްސަލަ ބަލައި އެމީހުން ފުރުވާލާފައިވާ އިރު އޭގެތެރެއިން 527 މީހުންނަކީ ރީއިންޓަގްރޭޝަން އޮޕަރޭޝަނުގެ ދަށުން ފުރުވާލި ބިދޭސީންނެވެ. އަދި 290 މީހުން ޑީޕޯޓްކުރީ ކަމަށް ޝައްމާން ވިދާޅުވި އެވެ.

ޝައްމާން ވިދާޅުވި ގޮތުގައި މިހާތަނަށް ފުރުވާލާފައިވާ ބިދޭސީންގެ ތެރޭގައި ގަވާއިދާ ހިލާފަށް، ސައްހަ ވިޒާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި އެކިއެކި ކުށްރަކަށް އަރައިގެންފައިވާ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ހަށި ވިއްކުމުގެ ވިޔާފާރީގައި ޝާމިލުވާ ބިދޭސީން އެ އޮޕަރޭޝަނުގައި ޑީޕޯޓްކޮށްފައިވެ އެވެ.

ޝައްމާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައި ވެސް ފުޅާކުރާނެ އެވެ.