16 ފެބުރުއަރީ 2017 - 15:34

ވޮޝިންޓަން (ފެބްރުއަރީ 16) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ 60،000 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސްގެ ކޮމާންޑަރު ޖެނެރަލް ރޭމަންޑް ތޯމަސް ވިދާޅުވެއްޖެ އެވެ.
މެރީލޭންޑުގައި ބޭއްވި ސިމްޕޯޒިއަމެއްގައި ވާހަކަ ދައްކަވަމުން ކޮމާންޑަރު ވިދާޅުވީ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ދިން ހަމަލާތަކުގައި މަރާލި 60،000 މީހުންގެ ތެރޭގައި އައިއެސްގެ އިސް ލީޑަރުން ވެސް ހިމެނޭ ކަމަށެވެ.
އައިއެސްއާ ދެކޮޅަށް އެމެރިކާ އިން ހިންގާ އޮޕަރޭޝަނުގެ އެންމެ އިސް ރޯލެއް އަދާކުރަނީ އެލީޓް ސްޕެޝަލް އޮޕަރޭޝަނުންނެވެ.
އައިއެސްގެ ހަނގުރާމަވެރިންގެ ތެރޭން މަރާލި މީހުންގެ އަދަދު ކަމަށް އެމެރިކާގެ އޮފިޝަލުން ކުރިން ބުނި އަދަދަށް ވުރެ ތޯމްސް ދެއްވި އަދަދު އިތުރެވެ. އެމެރިކާ ސިފައިންގެ އިސް އޮފިސަރަކު ޑިސެމްބަރު މަހު ސީއެންއެން އަށް ވިދާޅުވެފައި ވަނީ އައިއެސްގެ ހަނގުރާމަވެރިންގެ ތެރޭން ބައި ލައްކަ މީހުން މަރާލާފައިވާ ކަމަށެވެ. އިނގިރޭސި ދިފާއީ ވަޒީރު މައިކަލް ފެލޮން ޑިސެމްބަރު މަހު ލަންޑަނުގައި ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ އައިއެސްގެ ހަނގުރާމަވެރިންގެ ތެރޭން 25،000 މީހުން މަރާލާފައިވާ ކަމަށެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ސީރިއާގެ ރައްގާ އާއި އިރާގުގެ މޫސަލް އަށް ދޭ ވައިގެ ހަމަލާތައް ވަނީ އިތުރުކޮށްފަ އެވެ. މޫސަލް ހިފަން ފެށި އޮޕަރޭޝަނުގައި އައިއެސްގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށްވެ އެވެ.