06 މާޗް 2024 - 17:42

މާލޭގައި ނުރައްކާތެރިކޮށް، ބާރު ސްޕީޑުގައި ދުއްވި މައްސަލާގައި މިދިޔަ ދެ މަހު 54 އުޅަނދެއް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރޯދަ މަހަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ބޭއްވި ނިއުސް ބްރީފިންގައި މާލޭ އޭރިޔާގެ ޕޮލިސް ހެޑް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ މާލޭގައި ނުރައްކާތެރިކޮށް އަޑުގަދަކޮށް ވެހިކަލް ދުއްވުމުގެ ސަބަބުން މިދިޔަ ދެ މަހުގެ ތެރޭގައި 54 އުޅަނދެއް 30 ދުވަހަށް ހިފަހައްޓާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ ސައިލެންސަރު މޮޑިފައި ކޮށްގެން އަޑުގަދަވާ ގޮތަށް ދުއްވި އުޅަނދުތަކެވެ.
"އަޑުގަދަކޮށް ސައިލެންސަރު މޮޑިފައިކޮށްގެން ދުއްވާ ސައިކަލުތައް ވެސް ވާނީ އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެސްފައި. ހަތަރު ފުރޮޅުލީ ވެހިކަލްތައް ވެސް މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވެހިކަލް ދުއްވީމަ ހުންނާނީ ހިފަހައްޓާފައި،" ސަމީރު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ވެސް އިތުރުވަމުން އަންނައިރު ސަމީރު ވިދާޅުވީ މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 450 އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކްސިޑެންޓުތައް ހިނގަނީ ގަވާއިދާ ހިލާފަށް އޯވާޓޭކްކުރުމާއި ޒިގްޒެކްކޮށް ސައިކަލު ދުއްވުމާއި ކަނޑައަޅާފައިވާ ލޭނު ނޫން އެހެން ލޭނެއް ބޭނުންކުރުމާއި ބާރަށް ވެހިކަލްތައް ދިއުމުގެ ސަބަބުން ސިއްސައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެންނެވެ.
ފަރުވާކުޑަކުރުމުގެ ސަބަބުން މާލޭގައި އެކްސިޑެންޓުތައް އިތުރުވެފައިވާއިރު ސަމީރު ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފަށް އެހެން އުޅަނދުތައް ޕާކުކުރުމުގެ ސަބަބުން ގޯޅިން އަޅާއިރު އެ އުޅަނދުތައް ނުފެނިގެން ވެސް އެކްސިޑެންޓުތައް ހިނގާފައި އެބަ ހުއްޓެވެ.
އެ މުއްދަތުގައި ހުޅުމާލޭގައި ހިނގާފައި ވަނީ 150 އެއްހާ އެކްސިޑެންޓެވެ. އެތަނުގައި ވެސް އާންމުކޮށް އެކްސިޑެންޓުތައް ހިނގާފައި ހުރީ ނުރައްކާތެރިކޮށް ވެހިކަލްތައް ދުއްވައިގެންނެވެ.
މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވަމުން އަންނައިރު އެފަދަ އެކްސިޑެންޓުތައް މަދުކުރުމަށް އެއްބާރުލުން ދިނުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.