1 ބިލިއަން ރުފިޔާގެ ބަދަލު ނަގައިދޭން ސެޓްލްމެންޓް ކޮމިޓީގެ ނިންމުންތަކަށް އަމަލުކުރުން ހުއްޓުވައިފި
1 ބިލިއަން ރުފިޔާގެ ބަދަލު ނަގައިދޭން ސެޓްލްމެންޓް ކޮމިޓީގެ ނިންމުންތަކަށް އަމަލުކުރުން ހުއްޓުވައިފި

ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ އާއި މުދާ ހިމެނޭ ގޮތުން އެއް ބިލިއަނަށް ވުރެން ގިނަ ރުފިޔާ ދައުލަތުން ނަގައިދޭން ނިންމާފައި ނިންމުންތަކަށް އަމަލުކުރުން މަޑުޖައްސާލަން އަންގައިފި އެވެ.

އެއްބަސްވުންތައް އުވާލައިގެން ގެއްލުންވި ފަރާތްތަކަށް ބަދަލު ނަގައިދޭން، މިދިޔަ ސަރުކާރުން އެކުލަވާލި ސެޓްލްމެންޓް ކޮމިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އުވާލައްވައިފަ އެވެ. އޭރު އެކި ފަރާތްތަކުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން، ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހޭ ގޮތަށް މައްސަލަތައް އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، ސެޓްލްމަންޓް ކޮމެޓީ އުވައިލިއިރު، އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމައިފަ އެވެ. ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްތަކާއި ފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1ބިލިއަން ރުފިޔާގެ އަގުހުރި ހަރު މުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ބަދަލު ދޭން ނިންމާފައިވާ ބައެއް މައްސަލަތަކަކީ އޭރު ޝަރީއަތުގައި ކުރިއަށް ދިޔަ މައްސަލަތަކެއް ކަމަށާއި ދައުލަތާ ދެކޮޅަށް އެ މައްސަލަތައް ކާމިޔާބުނުވާނެ ކަން ޔަގީންވާ ފަދަ މައްސަލަތައް އޭގެ ތެރޭގައި ހުރި ކަމަށެވެ.

އަދި، ބައެއް މައްސަލަތައް ނިންމާފައިވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަކި ގޮތަކަށް އަމަލުކުރަން ދީފައިވާ ލަފާތަކާ ހިލާފަށް، ބޮޑެތި އަދަދުތަކުން ކަމަށެވެ.

މި ކޮމިޓީން ނިންމާފައިވާ 10 މައްސަލައެއް ރިވިއު ކުރަމުން އަންނަ ކަމަށާއި މި ކޮމިޓީން ނިންމާފައި ހުރި އެއްވެސް މަސައްކަތެއް އިތުރަށް ކުރިއަށް ނުގެންދިއުމަށް ފިނޭންސާއި ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

"މި 10 މައްސަލަ އޮޑިޓާ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވާފައި. ސެޓްލެމެންޓުގެ ގޮތުގައި އައިސްފައިވާ އަދަދަކީ ނުވަތަ ދިނުމަށް ކަނޑައަޅާފައިވާ މިންވަރު އެއީ ކޮންގޮތަކަށް އައިސްފައިވާ ނުވަތަ އެއީ އިންސާފުވެރި އަދަދެއްތޯ ބެލުމަށްޓަކައި އޮޑިޓާ ޖެނެރަލްގެ އެސެސްމެންޓެއް ހެދުމަށް،" އުޝާމް ވިދާޅުވި އެވެ.

ބަންޑާރަނައިބު ވިދާޅުވީ މިކަމާ ގުޅިގެން ދެން އަމަލުކުރާނެ ގޮތެއް ނިންމާނީ އެ އެސެސްމެންޓް އަދި ބަންޑާރަ ނައިބު އޮފީހުގެ ރިވިއު ނިމުމުން ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސް ނެންގެވުމަކަށް ސެޓްލްމަންޓް ކޮމިޓީ ފުރަތަމަ އެކުލަވާލީ ޖެނުއަރީ، 27، 2019ގަ އެވެ. ބޭނުމަކަށް ވީ ސަރުކާރުން އެކި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނާ ޚިލާފަށް އުވާލާފައިވާތީ އެ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ދިނުމެވެ.

ނަމަވެސް، އެ ކޮމިޓީ އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފާޑުކިޔައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމު ނަޒާހަތްތެރިކޮށް ކުރިއަށް ގެންދަން މަޖިލީހުން ސަރުކާރަށް ލަފާދިނެވެ. އެއާ އެކު ކޮމިޓީގެ މަސައްކަތްތައް މަޑުޖައްސާލުމަށް ފަހު އުސޫލު އެކުލަވާލައި އަނެއްކާވެސް ކޮމިޓީގެ މަސައްކަތްތައް ފަށައިގަތީ އެވެ.