06 މާޗް 2024 - 12:43

ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރަށް ޒިޔާރަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މ. މުލަކު ސްކޫލުގައި ބޭއްވި ޖަލްސާގައި، ރައީސް ވިދާޅުވީ މި ސަރުކާރުން ބޭނުން ވަނީ ލާމަރުކަޒީ ނިޒާމަކީ ހަމައެކަނި ފޮތުގައި ލިޔެފައިވާ އަކުރުތަކެއްގެ ބަދަލުގައި އަމަލީ ގޮތުން އެ ނިޒާމް ތަންފީޒުކުރަން ކަމަށެވެ.
ކައުންސިލްތަކާ އެކު ބައްދަލުވުންތައް ބާއްވައި، އެކަމަށް އެހާ ބޮޑު އިސްކަމެއް ދެއްވަނީ ރައީސް ވިދާޅުވި ގޮތުގައި، ރަށުގެ ކަންކަން، ރައްޔިތުން އެދޭ ގޮތަށް، އުއްމީދު ކުރާ ފެންވަރުގައި ކުރަން ބޭނުންވާތީ އެވެ.
ރައީސް ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ 100 އަށްވުރެ ގިނަ ކައުންސިލްތަކާ ބައްދަލު ކުރައްވައިފަ އެވެ.
"ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. ސީދާ ރައްޔިތުން ބޭނުންވާ ގޮތް އެނގިގެންދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ނިންމަވާފައިވަނީ މި އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމަށެވެ. އޭރަށް ރައްޔިތުންނާ ސީދާ ބައްދަލުވެ، މަޝްރޫއުތައް ފަށައިގަތުމަށް ފަސޭހަވަގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އޭގެ ފަހުން މި މަސައްކަތްތައް ފަށައިގަނެ، އާ މަސައްކަތްތައް ވެސް ކުރިއަށް ދާ ގޮތް ބެލުމަށްޓަކައި އަދި އެއް އަހަރު ފަހުން 2026 ގައި މީގެ ދެވަނަ ރައުންޑެއް ޕްލޭންކޮށްފައި މިއޮތީ. ހުރިހާ ރަށަކަށް އަޅުގަނޑު ދާ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މަދުވެގެން ދެ ފަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް ހުރިހާ ރައްޔިތުންނާ ބައްދަލު ކުރާނަން. އެއީ އަޅުގަނޑު ނިންމާފައި އޮތް ގޮތަކީ. އަދި އިތުރަށް ވެސް އެކި ކަންކަމުގައި ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމުގައި ބައެއް ރަށްތަކަށް ހަމަ ގައިމުން ވެސް ދެވޭނެ."
ރައީސް ވިދާޅުވި ގޮތުގައި ރަށްރަށަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލު ކުރުމުން މަޝްރޫއުތައް ކުރިއަށް ދަނީ އެމީހުން އެދޭ ގޮތަކަށް ކަން ޔަގީން ކުރެވޭނެ އެވެ. ބޭނުން ވަނީ ކޮންމެ ދުވަހަކު ވެސް ކޮންމެ ވަގުތަކު ވެސް ރައްޔިތުން ހަވާލުކުރި ޒިންމާގެ ދަށުން މަސައްކަތް ކުރަން ކަމަށާއި ކުރިއަށް ދާނީ އެގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މުޅި ޓީމް މަސައްކަތް މި ކުރަނީ އެ ގޮތުގައި. އަޅުގަނޑު އެދެނީ މި މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ދެއްވުން. ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވުން،" ރައީސް ވިދާޅުވި އެވެ.