އުސްގެކޮޅު އިންޓަރެކްޓިވް މިޔުޒިއަމަކަށް ބަދަލުކުރަނީ
އުސްގެކޮޅު އިންޓަރެކްޓިވް މިޔުޒިއަމަކަށް ބަދަލުކުރަނީ

ސަލްޓަންޕާކުގައި ހުންނަ ތާރީހީގެ، އުސްގެކޮޅުގައި ދާރުލްއާސާރެއް ހެދުމަށް ނިންމާފައިވާ ކަމަށް ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އުސްގެކޮޅު އިންޓަރެކްޓިވް މިޔުޒިއަމަކަށް ބަދަލުކުރަނީ
އުސްގެކޮޅު އިންޓަރެކްޓިވް މިޔުޒިއަމަކަށް ބަދަލުކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެ މިނިސްޓްރީ އަށް ހާސިލް ކުރެވުނު ކަންކަން އަންގައިދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް ނަސީރު ވިދާޅުވީ އެ ގެކޮޅު ބަދަލުކުރަން ނިންމާފައި ވަނީ އިންޓްރެކްޓިވް މިޔުޒިއަމް އަކަށް ކަމަށެވެ.

އެ ބަދަލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެތަނަށް ގެންނަވަން ބޭނުންފުޅުވާ ބަދަލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އުސް ގެކޮޅު ހިމެނޭހެން މުޅި ރަސްރަނި ބަގީޗާ ވެސް ޒަމާނީ ގޮތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.

"މި ޒަމާނުގެ ގޮތަކަށް ސުމޭކު އުކުޅުތައް ބޭނުން ކޮށްގެން އަޅުގަނޑުމެންގެ ތާރީހު ދެނެގަނެވޭނެ، ތާރީހު ދަސްކުރެވޭނެ ގޮތަކަށޭ އެތަން ބަދަލުވަނީ. އެއީ އިންޓްރެކްޓިވް، އިމާސިވް އެކްސްޕީރިއަންސް ގޮތަކަށް އެތަން ބަދަލުކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

ރަސްރަނި ބަގީޗާ އާއި އުސްގެކޮޅަށް ގެންނަން ބޭނުންވާ ބަދަލުތަކަށް ބޭރުން ކޮންސަލްޓެންޓުން ހޯދުމާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަން ޖެހޭ މަޝްވަރާ ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު އެކަމާ ބެހޭ ހުރިހާ ލިޔެކިޔުންތަކުގެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އުސްގެކޮޅަކީ 1903 ވަނަ އަހަރު ރާއްޖޭގެ ރަސްކަން ކުރެއްވި އަލްސުލްތާނު މުހައްމަދު އިމާދުއްދީން ހަވަނަ މިސްރުން ކައިވެނި ބައްލަވައިގެންނެވި އަނބިކަނބަލުންނަށް ހެއްދެވި ތަނެކެވެ. ނަމަވެސް ގިނަ ދުވަސްނުވެ އެ ރަސްކަން ނިމުމަކަށް އައީ އެވެ. ފަހުން އެ ގެކޮޅު ބޭނުންކުރީ ރަސްކަލުންގެ އެކިއެކި ބޭނުންތަކަށެވެ. އެންމެ ފަހުން ވެސް އެތަނުގައި ހިންގީ ގައުމީ ދާރުލްއާސާރެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ސަލްޓަން ޕާކް ޒަމާނީ ފެންވަރަށް ތަރައްގީކޮށް އުސްގެކޮޅުގައި ކެފޭއެއް ހަދަން 13 އަހަރަށް، އަމިއްލަ ކުންފުންޏަކަށް ދިނުމަށް އެއްބަސްވުމެއް ވެސް ހެދި އެވެ.

އެ ކުންފުންޏަށް އެތަން ކުއްޔަށް ދިނީ ޑިޖިޓަލް ލައިބްރަރީއަކާ އެކު ކެފޭއެއް ހިންގުމަށެވެ. އެއީ އާޓިފިޝަލް ބީޗްގައި ބްލޫބޭ ރެސްޓޯރެންޓް ހިންގި ބިން ހުސްކުރަން އަންގައި އޭގެ ބަދަލުގައި ދިން ތަނެކެވެ. ނަމަވެސް މިދިޔަ ސަރުކާރުން އައިސް އެ އެއްބަސްވުން ބާތިލް ކުރީ އެވެ.