ވާވޭ އައިސީޓީ އެކަޑަމީން ވިލާ ކޮލެޖުގައި ސްމާޓް ކްލާސްރޫމުތަކެއް ހަދަނީ
ވާވޭ އައިސީޓީ އެކަޑަމީން ވިލާ ކޮލެޖުގައި ސްމާޓް ކްލާސްރޫމުތަކެއް ހަދަނީ

ވިލާ ކޮލެޖަށް ބޭނުންވާ އައިސީޓީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވާވޭ އައިސީޓީ އެކަޑަމީއިން އެ ކޮލެޖާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

މި އެއްބަސްވުމުގައި ވިލާ ކޮލެޖުއިން ސޮއިކުރެއްވީ ވިލާ ރެކްޓާ ޑރ އަހުމަދު އަންވަރެވެ. އަދި ވާވޭ އައިސީޓީ އެކަޑެމީއިން ސޮއިކުރެއްވީ ވާވޭ މޯލްޑިވްސްގެ ހެޑް ޗެން ކެޔަންގް އެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެ ކޮލެޖަށް ލިބިގެން ދާނެ އެންމެ ބޮޑު އެހީތެރިކަމަކީ އެ އެކަޑަމީއިން އެ ކޮލެޖުގައި ސްމާޓް ކްލާސްރޫމުތަކެއް ގާއިމުކުރުމެވެ. މި ސްމާޓް ކްލާސްރޫމުތަކަކީ އުގަންނާ ދިނުމުގައި އެންމެ ފަހުގެ ޓެކްނޮލަޖީގެ އެހީގައި ޒަމާނާ ގުޅޭ ގޮތަށް ކުރިއަރާފައިވާ ތަނަކަށް ވާނެ އެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި މި ސްމާޓް ކްލާސްރޫމުތަކަކީ އެ ކޮލެޖުގެ ދަރިވަރުންގެ ކިޔެވުން އިތުރަށް ޝައުގުވެރިކޮށް ގެންދެވޭނެ ކްލާސް ރޫމުތަކަކަށް ވާނެ ކަމަށާއި، އެ ކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު މިހާރަށް ވުރެ ވެސް ރަނގަޅުވާނެ ކަމަށެވެ. އަދި އެ ކޮލެޖުގައި ކިޔަވައިދޭ ޓީޗަރުންނަށް ކިޔަވައިދިނުމަށް އިތުރު ވަސީލަތްތައް ލިބުމަކީ ވަގުތާއި ހަރަދު ވެސް ސަލާމަތް ވެގެން ދާނެކަމެއްގެ ގޮތުގައި ވިލާ ކޮލެޖުން ސިފަކުރެ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ މާކެޓިން އެންޑް ކޮމިޔުނިކޭޝަންސްގެ ޑިރެކްޓަރު ނިޒްނާ އަލީ ދީދީ ވިދާޅުވީ މިއީ ވިލާ ކޮލެޖުން އަބަދުވެސް އިސްކަން ދެނީ ތައުލީމް ފޯރުކޮށްދިނުމުގައި ޒަމާނީ އާ ގޮތްތައް ހޯދުމަށް ކަމަށެވެ. އަދި މި އެއްބަސްވުމާއެކު ވާވޭ އެކަޑެމީއާ ގުޅިގެން ޒަމާނީ އާ އީޖާދުތައް ވިލާ ކޮލެޖުގައި ގާއިމްކުރުމަށް މަސައްކަތްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ވިލާ ކޮލެޖުގައި މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕެނަލް ޑިސްކަޝަންއެއް ވެސް ކުރިއަށް ދިޔަ އެވެ. މި ޕެނަލް ޑިސްކަޝަންގައި ވާވޭ ޓެކްނޮލޮޖީސް ސްރީލަންކާގެ އެޓްރެޓެޖިކް އެޑްވައިޒަރު އަދި ވައިސް ޕްރެޒިޑެންޓް އިންދިކާ ޑި ސޮއިޒާ، އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ސްޕެޝަލިސް ޑރ. އިބްރާހިމް ވަހީދު އާއި ލެކްޗަރާ ހުސެއިން ނައުޝާދު އަދި ވިމެން އިން ޓެކް މޯލްޑިވްސްގެ އެސޯސިއޭޓް މެމްބަރު އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޮމްޕެނީ ލިމިޓެޑްގެ ލީޑް ޑާޓާ ސްޕެޝަލިސްޓް މިހްނާ ޒާހިރު ބައިވެރިވެވަޑައިގަތެވެ.