ކުޑަހުވަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކޮށް، ވިޔަފާރި ބަނދަރެއް ހަދައިދޭނަން: ރައީސް
ކުޑަހުވަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކޮށް، ވިޔަފާރި ބަނދަރެއް ހަދައިދޭނަން: ރައީސް

ދ. ކުޑަހުވަދުއަކީ މި ސަރުކާރުން ތަރައްގީ ކުރަން ނިންމައިފައިވާ ހަތް އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރު ތަރައްގީ ކުރަން ނިންމާފައިވާ ރަށް ކަމަށާއި އެ ރަށުގައި ވިޔަފާރި ބަނދަރެއް ވެސް ހަދާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.

ކުޑަހުވަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކޮށް، ވިޔަފާރި ބަނދަރެއް ހަދައިދޭނަން: ރައީސް
ކުޑަހުވަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކޮށް، ވިޔަފާރި ބަނދަރެއް ހަދައިދޭނަން: ރައީސް

މި ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ އަދި ރައްޔިތުން ބަލައިގަތް މެނިފެސްޓޯގައި ހިމަނާފައިވާނީ ހުރިހާ ހިދުމަތްތަކެއް ލިބޭ ތަރައްގީގެ ހަތް އާބަން ސެންޓަރު ގާއިމް ކުރުމަށް ކަމަށެވެ.

އެ އާބަން ސެންޓަރުތަކަކީ ރަށުގެ ރައްޔިތުން އެދޭ ހުރިހާ ތަރައްގީއެއް ފުރިހަމަވެ، އެހެން ރަށްރަށުން ވެސް މީހުން ހިޖުރަ ކުރަން ބޭނުންވާ ފަދަ ތަންތަނަށް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެފަދަ އެއް ރަށަކީ ކުޑަހުވަދޫ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މީގެކުރިން ވަނީ ރ. އުނގޫފާރަކީ ވެސް އެއް އާބަން ސެންޓަރު ކަން އިއުލާން ކުރައްވައިފަ އެވެ.

ދ. ކުޑަހުވަދު އަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ވެސް ވައުދުވެފައިވެ އެވެ. ނަމަވެސް، ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމިގެން ދިޔައިރު އެކަން ހާސިލްވެފައެއް ނުވެ އެވެ.

އާބަން ސެންޓަރާ އެކު ކުޑަހުވަދޫ އަށް ތަރައްގީ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވަނީ މި ރަށުގައި ކޮމާޝަލް ބަނދަރެއް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މީގެކުރިން ބަޖެޓްގައި އެ މަޝްރޫއު ޖަހަމުން ދިޔަ ނަމަވެސް، ހަގީގަތަކަށްވެފައި ނެތް ކަމަށެވެ.

ނަމަވެސް، މި ސަރުކާރުން ކުޑަހުވަދޫ ކޮމާޝަލް ހާބަރު ރައްޔިތުން އުއްމީދު ކުރައްވާ ފެންވަރަށް ގާއިމްކޮށް، އެއީ ރައްޔިތުންގެ ލޯމައްޗަށް ފެންނަ ތަރައްގީއަކަށް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް، ކޮމާޝަލް ހާބަރު މަޝްރޫއުގެ ތަފްސީލެއް ރައީސް މިއަދު އިއުލާނެއް ނުކުރައްވަ އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ހުރިހާ އުއްމީދެއް މި ސަރުކާރުން ހާސިލްކޮށް ދޭނެ ކަމަށާއި ރައްޔިތުންނަށް އަބަދުވެސް ދޭން ބޭނުންވާ ޔަގީން ކަމަކީ އެއީ ކަމަށެވެ.