އަނަސްގެ މަރުން ސަލާމަތްވި މީހަކު ޑްރަގްގެ ބޮޑު މައްސަލައެއްގައި ހައްޔަރަށް
އަނަސްގެ މަރުން ސަލާމަތްވި މީހަކު ޑްރަގްގެ ބޮޑު މައްސަލައެއްގައި ހައްޔަރަށް

މީގެ ހަތް އަހަރު ކުރިން، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅި ޖަހައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ކުރި ދައުވާ ސާބިތުނުވެ، ދޫކޮށްލި މީހަކު ޑްރަގްސްގެ މައްސަލައެއްގައި ރޭ އަނެއްކާ ހައްޔަރުކޮށްފި އެވެ.

ޖުލައި 2017 ގައި އަނަސް މަރާލި މައްސަލައިގައި ދައުވާ ލިބުނު ހަތް މީހަކަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ހޯމްލޭންޑު ސެކިއުރިޓީ ސެކްޓާގެ ފަރާތުން މިހާރު ކުރިއަށްގެންދާ ޕްރެސް ކޮންފަރެންސްގައި، ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ އަނަސްގެ މަރުގެ މައްސަލައިގެ ހުކުމްގެ ރިޕޯޓު އަދި ވެސް ނުލިބޭ ކަމަށެވެ.

އެ ރިޕޯޓު ލިބުމުން ގާނޫނީ މާހިރުން ލަފާ ހޯދުމަށްފަހު އެ މައްސަލަ އިސްތިއުނާފުކުރަން ފަށާނެ ކަމަށް ނަވީން ވިދާޅުވި އެވެ.

ނަމަވެސް، ރޭ ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ލޯންޗެއް ބަލާ ފާސްކޮށް، މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުންގެ ތެރޭގައި، އަނަސްގެ މަރުގެ މައްސަލައިން ސަލާމަތްވި ހަތް މީހުންގެ ތެރެއިން އެކަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެއީ ކާކު ކަމެއް، އަދި އޭނާ އާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

"ރޭ އަޅުގަނޑުމެން ހިންގި އޮޕަރޭޝަނެއްގައި ލޯންޗެއް ހުއްޓުވައި ބަލާ ފާސްކޮށް މަސްތުވާތަކެއްޗާ ވަރަށް ގިނަ ބަނގުރަލާ އެކު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވޭ. މި ބަނގުރަލާ މަސްތުވާތަކެތި ހުރި އުޅަނދު ހުއްޓުވާ ބެލިއިރު، އަނަސްގެ މައްސަލައިގައި ދައުވާ އުފުލައި، ކުށް ސާބިތުނުވުމުގެ ސަބަބުން ދޫކޮށްލާފައިވާ ފަރާތެއް ވޭ. އެހެންވީމަ، މިއީ އަޅުގަނޑުމެން ކަންބޮޑުވުން ހުރިވަރު މި ފާހަގަކޮށްލީ." އިސްކަންދަރު ކޮށީގައި ބާއްވާ ނިއުސް ކޮންފަރެންސްގައި ނަވީން ވިދާޅުވި އެވެ.

އެ މައްސަލައިގައި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ؛

- ޅ. ކުރެންދޫ، އަސުރުމާގޭ، އަހުމަދު ޒަޔާން

- މ. ލޮނުމިދިލިގޭ، އަފްރާހު އަބްދުއްރައްޒާގު

- މ. ދިމިޝްގު، އުސްމާން ޝަރީފް

ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ؛

- ލ. ގަން، ތުނޑި، ނަންނާރިގޭ ޖުނައިހް އަބްދުﷲ

- ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާ

- ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް

- ތ. ކިނބިދޫ، ގުލްފާމްގޭ، މުހައްމަދު ޝާޒް

އޭނާ ވިދާޅުވީ ޑްރަގް އޮޕަރޭޝަންގެ މައުލޫމާތު ހިއްސާކުރަން އަންނަ އާދިއްތަ ދުވަހު ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.