އާލިޔާ
އާލިޔާ

އާދިއްތަ ދުވަހާ ގުޅޭ

"ސޮރީ!" އިނގެރޭސިން ކިނާން ލިޔެލިއެވެ.

އިތުރަށް ކިތަންމެ އެއްޗެއް ކިނާން ކިޔެވެ. އަހަންނަކަށް އޮޅުމެއް ނުފިލިއެވެ. އަކުރުތައް ހުންނަނީ ފާޑަކަށް އެކުވެފައެވެ.

"ކޮން ކަމަކާ؟" އަހަރެން އެހީމެވެ.

އަހަރެން ފޯނު ދިއްކޮށްލީމެވެ. ކިނާންގެ ޖަވާބުހޯދުމަށް ޓަކައެވެ. ލިޔަން ކިނާން އުޅުނެވެ. އެހެނަސް ފޫހިވެގެން ހުއްޓައިލިއެވެ. ޖަވާބު ދިގީކަމެއް ނުވަތަ ލިޔަން އުނދަގުލީކަމެއް އަހަންނަކަށް ނޭނގެއެވެ. ކިނާން މަސައްކަތްކުރީ ދުލުން ޖަވާބުދޭށެވެ. އަހަރެން ދެއަތަކަށް ބޯހޫރައިލީމެވެ.

"ވަރަށް ސޮރީ އެކަމަކު ނޭނގެ ކިނާން ތި ކިޔާ އެއްޗެއް،" އަހަރެން ބުނީމެވެ. "ފޯނުގަ ލިޔެލަންވީނު؟"

ހިތްހަމަނުޖެހިފައި އިރުކޮޅަކު އޮވެފައި ކިނާން ލިޔަން ފެށިއެވެ.

"އަހަރެންގެ ފޯނު ކޮބާ؟" ކިނާން ލިޔުމުން އެހިއެވެ.

"ކޮން ފޯނެއް؟" އަހަރެން ބޭނުންވީ ފޯނު ފެނުނުކަން ކިނާނަށް އަންގާށެވެ. "ނޯކިޔާ ފޯނުތަ؟ ސެމްސަންގް ފޯނުތަ؟"

ކިނާނަށް ކުރެވުނުހައި ވެސް ކަމަކީ، ދެލޯ ބޮޑުކޮށްފައި އަހަންނަށް ބަލައިލުމެވެ. ދެން އެއްޗެއް ނުބުނެ އޮތީއެވެ. އަހަންނަށް ކިނާން އެނގެއެވެ. ރަނގަޅަށްހުރި ނަމަ ވަރަށް ގިނަ ސުވާލު އޭނަ ކުރީހެވެ. ދީނީ ފިލާވަޅުތައް ވެސް ނަގައިދިނީހެވެ. ފިރިމީހާގެ ސިއްރުހޯދުމާއި، ރައްކާކޮށްފައިހުންނަ އެއްޗެހި ބަލައިހޯދުމާ ބެހޭ ގޮތުންނެވެ. ކިނާން ދަސްކުރީ ހަމަ އެކަނި ފިރިމީހާގެ ހައްގެވެ. އަނބިމީހާގެ ހައްގުތަކުގެ ބައި ދޫކޮށްލީއެވެ. އަހަންނަށް މައްސަލައެއް ނެތެވެ. ކުރެވުނު ކުށަށް ތައުބާވުމަށް ފަހު އަހަރެން ހިނގައިދާނަމެވެ. ދެފައިމައްޗަށް ތެދުވެވެންދެން ކިނާން ކެތްކޮށްލީމައި ނިމުނީއެވެ.

"ދެން ގެއަށް ދެވޭ ފަހަރަކުން ކިނާންގެ ދެ ފޯނު ވެސް ގެނެސްދޭނަން،" އަހަރެން ބުނީމެވެ. "ކިނާން ބޭނުމިއްޔާ މި ފޯނުން ވެސް އޭނައަށް ގުޅިދާނެ. ނަންބަރު ބުނޭ! ވީޑިޔޯ ކޯލެއް ވެސް ކުރެވިދާނެ."

ފޫހިވި ވަރުން އަހަންނާ ދިމާއަށް ކިނާން ބަލައި ވެސް ނުލިއެވެ. އެ ވަގުތު ނަރުހަކާ އެކުގައި ޑަކުޓަރު ވަނެވެ. އަހަންނަށް ބެލުނީ އެ ޑަކުޓަރަށެވެ. ދަންނަހެން ހީވާތީއެވެ. އަހަރެން އެންމެ އަޅައިގަތީ އޭނަގެ ނިތްކުރީގައިހުރި ނަމާދުކުރައިގައެވެ.

"އާލިޔާ!" ޑަކުޓަރު ހިނިތުންވެފައި ބުންޏެވެ. "އަހަންނެއް ނޭނގުނުތަ؟ ހަމްޒާ!"

އަހަންނަށް ހީވީ ރަނގަޅަށެވެ. އެއީ އަހަރެންނާ އެކުގައި ތިން ގުރޭޑުގައި އުޅުނު އެކުވެރި ހަމްޒާއެވެ. އެއީ ވަރެއްގެ ހަމްޒާއެކެވެ. ވަރަށް ރަނގަޅު، ހިތްހެޔޮ އެކުވެރިއެކެވެ. ގޯސްހެދުނީ އަހަންނަށްކަމެއް ހަމްޒާއަށްކަމެއް ނޭނގެއެވެ. ޖެހުނު ކުޑަ ކުންޏެއްގެ ސަބަބުން އަހަރުމެންގެ "އެކުވެރިކަމަށް" ބުރޫއެރީއެވެ. އަހަރެން އެ ނަން ހަނދާންނައްތައިލައިފީމެވެ.

"ހީވި އެހެން،" ހިނިތުންވެފައި އަހަރެން ބުނީމެވެ. "ކިހިނެއްތަ؟"

"ފެންނާކަށްނު މިހިރީ،" ލައިގެންހުރި ޑަކުޓަރު ޔުނީފޯމު ދައްކައިލާފައި، ކަރުގައި އޮތް ހުންބަލާކަށިގަނޑުގައި އަތް ޖައްސައިލައިފައި ބުންޏެވެ. "މި ކަން ވެސް ކޮށްފަ މި އޮތީ."

ވާހަކަދައްކަމުން ހަމްޒާ އައިސް ކިނާންގެ ފައިލު ބަލައިލިއެވެ. ޑަކުޓަރުންގެ ބަހުރުވައިން ނަރުހާ ވާހަކަދައްކައިލިއެވެ. އަހަރެން ހުރީ ދެން ބުނަންވީ އެއްޗެއް ނުވަތަ ކުރަންވީ ހަރަކާތެއް ނޭނގިފައެވެ. މާޒީގެ ކަށިތައް ހަ ފަރާތުން އައިސް އަހަރެންގެ ގަޔަށް ހެރެން ފެށިއެވެ. އެ ހަނދާންތައް ހަމްޒާގެ ހިތުގައި ހުރީ ކިހައި ތާޒާކޮށްކަމެއް އަހަންނަކަށް ނޭނގެއެވެ. ޑަކުޓަރެއްގެ ހައިސިއްޔަތުން ކިނާނަށް ހަމްޒާ ގޮވައިލައިފައި، ބައެއް ހަރަކާތް ކުރެވޭތޯ ބެލިއެވެ. ދެން އަނެއްކާ ވާހަކަދެއްކީ އަހަންނާއެވެ.

"މާދަމާ ހީވަނީ ހަސްބަންޑް ގެއަށް ގެންދެވޭނެހެން،" ހަމްޒާ ބުންޏެވެ. "ހާސްވާންޖެހޭ ވަރުގެ އެއްވެސް ކަމެއް ނެތް."

އަހަރެން ހާސްނުވާންވީ ކީއްވެގެންހެއްޔެވެ؟ ނުވެސް ބުނަނީސް، ކިނާނަކީ އަހަރެންގެ ފިރިމީހާކަން ހަމްޒާއަށް އެނގިއްޖެއެވެ. އަހަންނާ ދޭތެރޭ ކަންތައްކުރި ގޮތަށް ފަހު، އަހަންނަކީ ދުނިޔޭގައި އުޅޭ މީހެއްތޯ ވެސް ހަމްޒާއެއް ނުބަލާނެއެވެ. އަހަރެން ނިންމައިގެންހުރީ އެހެންނެވެ.

"އަހަރުމެން އަންނަންދެން މި ތާ މަޑުކޮށްލާ،" ބިދޭސީ ނަރުސްކުއްޖާއަށް އެހެން ބުނުމަށް ފަހު ހަމްޒާ ބަލައިލީ އަހަންނަށެވެ. "ހިނގާބަލަ!"

ހަމްޒާޔާ އެކުގައި އަހަރެން ހިނގައިގަތީ އެކުވެރިޔެއްގެ ހައިސިއްޔަތަކުން ނޫނެވެ. އެއީ ޑަކުޓަރެއްކަމާއި އަހަންނަކީ ބަލިމީހާގެ އެހީތެރިޔާކަމަށް ބަލައިފައެވެ. އަހަރެން ޔަގީންކުރި ގޮތުގައި ޑރ. ހަމްޒާ އެ އުޅެނީ ކިނާނާ ބެހޭ ގޮތުން ކޮންމެވެސް މުހިންމު މަޝްވަރާއެއް ކުރާށެވެ. އަހަރެން ގޮވައިގެން ހަމްޒާ ދިޔައީ ހަމްޒާގެ ކޮޓަރިއަށެވެ. އެ ތަނުގައި ގުރުއާނުގެ އާޔަތްތައް ނެތް ނަމަ، އެ ތަން ހީވީހީ ބިރުވެރިހޮހަޅައެއްހެންނެވެ. ހަރުކޮށްފައި ހުރި، ނާރާއި ކަށިތައް ފެންނަ އިންސާނުންގެ ފޮޓޯތަކާއި، ބަހައްޓާފައި ހުރި އިންސާނުންގެ މަސްނޫއީ ކަންކާލުތަކާއި، ބޮލުގެ ނާށިގަނޑުގެ ސަބަބުންނެވެ. ހާމައަށް އޮތް މަސްނޫއީ ސިކުނޑިއެއް ވެސް އޮތެވެ. އެ ތަނުގައި ހުރި ގޮނޑިސެޓުން ގޮނޑިއަކަށް އިޝާރާތްކުރުމުން އަހަރެން އިށީނީމެވެ. އެހެން ގޮނޑިއެއްގައި ހަމްޒާ އިށީނެވެ.

"ފުރަތަމަ މި ވާހަކަދައްކަނީ ޑޮކްޓަރ ހަމްޒާ!" ހަމްޒާ ބުންޏެވެ. "ހަސްބަންޑްގެ ބަލީ އެއްފަޅި. އަނެއް ފަޅިން ހަރަކާތްކޮށްގެން ތެދުވެ އުޅެވެންޖެހޭނެ. އެހީތެރިކަމެއް ބޭނުންވާނެކަން ޔަގީން. ތެދުވަން ހަސްބަންޑް ބޭނުން ނުވަނީ ކީއްވެ؟"

"ނޭނގެ!" އަހަރެން ވަރަށް ސާދާ، ކުރު ޖަވާބެއް ދިނީމެވެ.

ހަމްޒާ ހިނިތުންވެލިއެވެ. ކަރުކެހިލިއެވެ. އަހަންނަށް ހީވާ ގޮތުގައި އޭނަ ބުނަން ބޭނުންވި އެތި، ނުބުނެ އެތައް ގޮތަކަށް އޭނަ ބަދަލުކުރިއެވެ. އެއްޗެއް ބުނަން ވަގުތުނެގީ އެހެންވެއެވެ.

"އަހަންނަކީ މިހާރު ޑޮކްޓަރެކޭ އާލިޔާ!" ހަމްޒާ ބުންޏެވެ. "ނުބުނާ ވާހަކަ ވެސް މިހާރު އަހަންނަށް އަޑުއިވޭނެ."

އަހަރެން ހިތަށްއެރިއެވެ. ލިބުނު ދަނޑިވަޅުގައި ބަހަކުން ޖަހާނަމެވެ. އަނިޔާވިޔަސްވެހެވެ.

"ދެން ކީއްވެ އަހަރެން ބުނި ވާހަކަ ނީވުނީ؟" އެހެން ބުނަން އަހަންނަށް ހިތްވަރުލިބުނީ އިސްޖަހާލައިގެން އިނދެއެވެ. "މުޅި ކްލާސްތެރެއަށް އަހަރެން ބޭޒާރުކޮށްލީނު. އަހަރެންގެ ކިޔެވުން ހަލާކުވީ ހަމްޒާޔާ ހެދި. އެ ޒިންމާ ޖެހޭނެ ނަގަން."

ހަމްޒާގެ މޫނަށް ވެރިވީ ކޮން ކަހަލަ އިހުސާސެއްކަމެއް އަހަންނަކަށް ނޭނގެއެވެ. ބަލާކަށް ވެސް ބޭނުމެއް ނޫނެވެ. ބޭނުންވީ ހިތުގައި އޮތް ޝަކުވާގެ ދޫނި، ކޮށިން މިނިވަންކުރާށެވެ. އެ ކަން ކުރެވުމުން އަހަރެން ނުކުތުމަށް ޓަކައި ތެދުވީމެވެ.

"މަޑުކޮށްލަބަލަ!" ހަމްޒާ އެދުނެވެ. "ޕްލީޒް!"

ހަމްޒާގެ މޫނަކަށް އަހަރެން ނުބަލަމެވެ. އިށީނީމެވެ. ކޮންމެ ގޮތެއް ވިޔަސް އެ ވަގުތު ހަމްޒާއަކީ ކިނާންގެ ޑަކުޓަރު ވެސްމެއެވެ. އޭނަ ދައްކާ ވާހަކަ އަހަރެން އަޑުއަހަން ޖެހޭނެއެވެ.

"އައި އޭމް ސޮރީ!" ހަމްޒާ ފުރަތަމަ ފަހަރަށް މާފަށްއެދުނެވެ. "އަހަރެން އެ ޒިންމާނަގައިފިން. އާލިޔާ ކޮންމެ އެއްޗެއް ބުންޏަސް އަހަރެން އަޑުއަހާނަން. އަހަންނަށް އޭގެ އަދަބު ލިބިއްޖޭ! ނޭނގޭތަ؟"

ހަމްޒާ އެހެން ބުނުމުން އޭނަގެ މޫނަށް އަހަންނަށް ބަލައިލެވުނެވެ. އެ ބުނި އެއްޗެއް ނޭނގިގެންނެވެ.

"ނޭނގޭ ދޯ؟" ހަމްޒާ ބުންޏެވެ. "މި ވަގުތު އަހަންނަކީ ޕޭޝަންޓްގެ ޑޮކްޓަރ. އާލިޔާ ތިހިރީ ޕޭޝަންޓްގެ އެހީތެރިޔާގެ ހައިސިއްޔަތުން. އެހެންވެ މި ހާލަތުގަ، މި ތާ ތިބެގެން ދައްކަން އެހާ ބޭނުންވާ ވާހަކައެއް ނޫން މީ. އަހަރެން އާލިޔާއަށް އަހަރެންގެ ނަންބަރު ފޮނުވާލާނަން. އިތުރު ޑީޓެއިލް ބޭނުމިއްޔާ ގުޅާލާ! އެހެން ނޫނީ އަޅާލާނެކަމެއް ނެތް. އަހަންނަކީ މިހާރު ކުރީގެ ހަމްޒާއެއް ނޫނޭ!"

އެއީ ތެދެކެވެ. ކުރީގެ ހަމްޒާއަކީ އިސްލާންދީނާ މެދު ވަރަށް އެހެން ކަހަލަ ނަޒަރަކުން ދުށް މީހެކެވެ. އެހެނަސް އެ ކޮޓަރީގައި ހުރި އާޔަތްތަކާއި، ހަމްޒާގެ ނިތްކުރީގައި ހުރި ސިއްކަ ކިޔައިދެނީ މުޅީން އެހެން ވާހަކައެކެވެ. ކުރީގެ ހަމްޒާ ނަމަ، އަހަރެންގެ ފިރިމީހާއާއި އަހަރެންގެ ނަންބަރެއް ވެސް ނޭނގޭނެއެވެ.

"އަހަރެން ކިޔަވަން ބޭރަށް ގޮސް މީހަކާ އިނީމޭ،" ހަމްޒާ ބުންޏެވެ. "އަހަރެން ބުނީމެއްނު ދިވެއްސަކާ ނީންނާނަމޭ! ބޭރު މީހަކާ އިނީ. ދެ ކުދިން ވެސް ލިބުނު. ޓްވިންސް."

ހަމްޒާގެ ފޯނުން ފޮޓޯއެއް ދައްކައިލިއެވެ. ވަރަށް ރީތި އަންހެނަކާއި، ލޯބިލޯބި ދެ އަންހެންކުދިން އޭގައި ތިއްބެވެ. އެ ކުދީންގެ އުމުރު ހީވަނީ ތިން އަހަރުހެންނެވެ.

"އެކަކު ވެސް މިހާރު ދުނިޔަކު ނެތް!" އެހެން ބުނި އިރު ހަމްޒާގެ އަރުބެދިއްޖެއެވެ.

ހަމްޒާއަށްވުރެ ކުރިން އަހަރެން ފެންކަޅިވިއެވެ. ތައުޒިޔާ ކިއީމެވެ. އަހަންނާ ހެދި އެ ވާހަކަ އަލުން ފެންމަތިކުރަން ޖެހުނުކަމަށް ޓަކައި މާފަށް ވެސް އެދުނީމެވެ. ހަމްޒާއަަކަށް ދެނެއް ވާހަކައެއް ނުދެއްކުނެވެ. އިޒުނަ އެދިފައި އަހަރެން އެ ތަނުން ނުކުތީމެވެ. މީހެއްގެ އަންބަކަށް އަހަރެން ނުވި ނަމަ، ހަމްޒާ މޭގައި ލައްކޮށްލައި ފިރުމައި ވެސް ލީމުހެވެ.

ގަޑިން ދަންވަރު އެކެއް ޖަހަނީއެވެ. ވިއްސަކަށް މިނެޓު ކުރިން ވެހެން ފެށި ވާރޭ، ހުއްޓައިނުލައި ވެހެމުންދިޔައެވެ. ކިނާން އޮތީ ނިދައިފައެވެ. އަހަރެން ހުރީ ބިއްލޫރި ކުޑަދޮރުން ބޭރު ބަލާށެވެ. މަގު އޮތީ ފަޅުވެފައެވެ. ހަމަހިމޭންވެފައެވެ. ދުރުދުރުން ވިދުވަރެއްގެ އަސަރު، ދޭތެރެ ދޭތެރެއިން ފެނެއެވެ. އަހަރެންގެ މާޒީ ވެސް، ފޮޓޯތަކެއް ފަދައިން ފެނިގެއްލެމުންދިޔައެވެ. ހަމްޒާއަކީ މުއްސަނދި އާއިލާއެއްގެ، ސިޔާސަ ކުއްޖެކެވެ. އަހަރުމެން ދެމީހުންނަކީ އެކުވެރިންނެވެ. އަބަދުވެސް ހަމްޒާ ކިޔައެވެ. ޑަކުޓަރަކަށް ވާނަމެވެ. ޔޫރަޕު ކުއްޖަކާ ނޫނީ ނީންނާނަމެވެ. ހަމްޒާއަށް ޓަކައި އަހަރެންގެ ހިތުން ފެޅި ލޯބީގެ ނިރު ގުރުޑުވެފައި އިނީ، ދިވެއްސަކާ ނީންނާނެކަމަށް ހަމްޒާ ބުނާތީއެވެ. ހިތް ހުޅުވައިލާފައި ހަމްޒާއަށް ނުދެއްކީ ވެސް އެހެންވެއެވެ. އެހެނަސް، އެއްދުވަހަކު އަހަންނަށް ނީނދެވިގެން ހަމްޒާ ގާތުގައި އެ ވާހަކަ ބުނެވުނީއެވެ. އެއީ އަހަރެންގެ މައްސަލައެކެވެ. އޭރު އިންޓަ ހައުސް، ވާހަކަދެއްކުމުގެ މުބާރާތް ހިނގަނީއެވެ. ހަމްޒާ އަރައި ވާހަކަދެއްކި މައުލޫއަކީ އެކުވެރިކަމެވެ. އެކުވެރިކަމުގެ މައުލޫއެއްގައި ލޯބީގެ ތަޖުރިބާ ކިޔައިދިނުން މުހިންމެއް ނޫނެވެ. ދެން ހަމްޒާއަށް މީހަކު ލޯބި ހުށައެޅިކަމާއި، ބޭނުމީ އެކުވެރިކަން ކަމުގައި، ޕޯޑިޔަމުގައި ހުރެފައި ބުނުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟ ދުރުދުރުން ވިޔަސް، ލޯބިހުށައެޅި މީހަކީ ކާކުކަން ބުނާކަށް ވެސް ނުޖެހެއެވެ. އެންމެ ފަހުން ހަމްޒާއަށް ބުނެވުނު އެއްޗަކުން، ހަމްޒާއަށް ލޯބި ހުށައެޅީ އަހަރެންކަން ފަޅާއެރީއެވެ. ކުލާސް އެންމެން ދިމާކުރަން ފެށީއެވެ. އެ ހިޔާލުގައި ހުއްޓައި ފޯނު ރަނގަބީލުވާން ފެށިއެވެ. އަރާފައިއޮތީ ނުދަންނަ ނަންބަރެކެވެ. އެއީ ހަމްޒާހެން އަހަންނަށް ވަރަށް ހީވިއެވެ. ހިތަށްއެރިއެވެ. ހަމްޒާއަކީ ކިނާންގެ ޑަކުޓަރެވެ. އަހަރެން ޖެހޭނީ ފޯނުނަގާށެވެ.

"ހަލޯ!" އަހަރެން ބުނީމެވެ.

"ކިނާނަން ގޮވާލަދީބަލަ! ޕްލީޒް!" އަހަންނަށް އިވުނީ އާރިޒާގެ ތުއި އަޑެވެ.

ނުނިމޭ