05 މާޗް 2024 - 11:13

ހުޅުމާލެ 2 ގައި އިމާރަތްކުރަމުން އަންނަ މިސްކިތްތަކުގެ ތެރެއިން ފުރަތަމަ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ މިސްކިތުގައި އެއްފަހަރާ 1،500 މީހުންނަށް ނަމާދުކުރެވޭނެ ކަމަށެވެ. އެ ބޮޑު މިސްކިތް ހުޅުވުމުން ހުޅުމާލެ 2 ގައި އުޅޭ މީހުންނަށް ކުރިއަށް އޮތް ރޯދަމަހުގެ ތެރޭގައި ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދުގައި މިހާރު ވެސް ވަގުތީ މިސްކިތް އެބަހުއްޓެވެ.
ހުޅުމާލެ 2 ގައި އެންމެ އަވަހަށް ހުޅުވަނީ، އިމާރާތްކުރުމުގެ ސާމާނާއި ފަރުނީޗަރު ވިއްކުމުގައި ރާއްޖޭގެ އެންމެ އެންމެ މަޝްހޫރު އެއް ކުންފުނި، މުނިހޯމް ކެއާ އިން ހަދާ މިސްކިތެވެ. ދެން އެންމެ އަވަހަށް ނިމޭނެ ކަމަށް ބެލެވެނީ އެސްޖޭ ކޮންސްޓްރަކްޝަނުން އިމާރާތްކުރާ 3،000 މީހުންގެ ޖާގައިގެ މިސްކިތެވެ.
އެ ސަރަހައްދުގައި މި ވަގުތު ވެސް މުނިހޯމް ކެއާ އަދި އެސްޖޭގެ އިތުރުން އަމިއްލަ ތިން ފަރާތަކާއި އެޗްޑީސީން އަންނަނީ މިސްކިތް އަޅަމުންނެވެ.
އެޗްޑީސީން ހަދާ މިސްކިތް ފިޔަވައި ދެން މުޅިން އިމާރާތް ކުރަނީ ދާއިމީ މިސްކިތްތައް ކަން ޝަހީމް މީގެ ކުރިން ފާހަގަކުރެއްވި އެވެ.
ހުޅުމާލޭގައި ވަގުތީ މިސްކިތްތައް ހެދުން ފަހަކަށް އައިސް އާންމު ކަމަކަށް ވެފައިވާއިރު، އިސްލާމިކް މިނިސްޓަރު ވިދާޅުވީ، މިސްކިތްތައް ދާއިމީ ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ އަމާޒެއް ކަމަށެވެ.