ރޯދަ މަހު ސްކޫލުތައް ފަށާނީ 8:30 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައި
ރޯދަ މަހު ސްކޫލުތައް ފަށާނީ 8:30 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައި

ކުރިއަށް އޮތް ރޯދަމަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނީ ހެނދުނު 8:30 އާއި9:00 އާ ދެމެދު ކަމަށެވެ. އަދި ކިޔެވުން ނިމޭ އެންމެ ފަހު ގަޑިއަކީ މެންދުރުފަހު 3:00 އަށް ކަމަށް ސާކިއުލާގައި ބުނެފައި ވެ އެވެ.

ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ވެސް ކިޔަވައިދޭން ފަށާނީ 8:30ގަ އެވެ.

ސާކިއުލާގައި ވާ ގޮތުން ކިޔަވައިދިނުމުގެ ވަގުތު ކަނޑައަޅަން ވާނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރުފަހު 3:00 ގެ ކުރިން ނިންމާ ގޮތަށެވެ.

- އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން (1 ގަޑިއިރާ 30 މިނެޓް)

- ގްރޭޑް 1 އިން 6 އަށް (2 ގަޑިއިރާ 30 މިނެޓް)

- ގްރޭޑް 7 އިން 12 އަށް (3 ގަޑިއިރު)

އެ ސާކިއުލާގައި ބުނެފައި ވަނީ ރޯދަ މަހު ކިޔަވައިދޭ ވަގުތު މަދުކަމުން ގަޑިއެއްގެ ދިގުމިން ވާން ޖެހޭނީ 30 މިނެޓާއި 45 މިނެޓާ ދެމެދު ކަމަށެވެ. އަދި ރޯދަ މަހުގެ ދެ ހަފްތާ ތެރޭ ހުރިހާ މާއްދާއެއް ކިޔަވައިދޭ ގޮތަށް ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައި ވެ އެވެ.

- ޓީޗަރުންގެ މަސައްކަތުގެ ގަޑި 4 ގަޑިއިރަށްވުރެ ދިގު ނުކުރުން

- ކިޔެވުން ކުރިއަށް ގެންދާ ވަގުތުތަކުގައި އިދާރީ އޮފީހުގެ މަސައްކަތްތައް މެދު ނުކެނޑޭނެހެން އިދާރީ މުވައްޒަފުންގެ ގަޑިތައް ރޭވުން

ސްކޫލުގެ ކިޔެވުމުގެ ދަންފަޅިތައް ރާވާއިރު، ވަގުތަށް ނަމާދުކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ކުދިންނަށް ދީނީ މައުލޫމާތު ދިނުމާއި ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ސްކޫލުތަކުގައި އެއްވެސް ހަަރަކާތެއް ނުހިންގަން އެޑިއުކޭޝަނުން ވަނީ އެދިފަ އެވެ.

ސެކަންޑްރީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ރޭގަނޑު ވަގުތުތަކުގައި ސްކޫލުން ހިންގާ ޕްރޮގްރާމްތައް 9:00 އާއި 10:30އާ ދެމެދު ރޭވުމަށް ވެސް މިނިސްޓްރީން އެދިފައިވެ އެވެ.