17 ފެބުރުއަރީ 2017 - 05:59

ބޮލީވުޑްގައި މިހާތަނަށް އެންމެ ކާމިޔާބު ފިލްމެއް އުފެއްދީ އާމިރު ޚާނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު "ދަންގަލް" ވަނީ ހިންދީ ފިލްމީ ތާރީޚުގައި މިހާތަނަށް އުފެއްދި ހުރިހާ ފިލްމަކުން ހަދާފައިވާ ރެކޯޑްތައް މުގުރާލާފަ އެވެ. މި ފިލްމު ވަނީ 700 ކްރޯޑު (70 ބިލިއަން ރުޕީސް)އަށް ވުރެ ގިނައިން ހޯދައިގެން ބޮލީވުޑް ފިލްމަކަށް މިހާތަނަށް ގާއިމްކުރެވިފައި ނެތް ރެކޯޑެއް ހަދާފަ އެވެ.

އާމިރުގެ ފިލްމުތައް ގިނަ ބަޔަކަށް ވަރަށް ކަމުދެ އެވެ. އާއްމުކޮށް އަހަރަކު އެންމެ ފިލްމެއް ކުޅޭ އާމިރުގެ ފިލްމުތަކަށް ގިނަ ބަޔަކު އެއް އަހަރު ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަނީ އެ ފިލްމެއް ރީތިވެފައި މޮޅުވެފައިވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮންނާތީ އެވެ. އެހެންވެ އެހެން ތަރިންގެ ފިލްމުތަކަށް ބޭނުންވާ ވަރަކަށް އާމިރުގެ ފިލްމުތައް އިޝްތިހާރު ކުރާކަށް ވެސް ނުޖެހެ އެވެ.

ބޮލީވުޑްގެ ގިނަ ތަރިންގެ ހާލަކީ އެމީހުންގެ ފިލްމެއް ރިލީޒްވާން ދެތިން މަހަށް ވުމުން ޕްރޮމޯޝަން މަސައްކަތުގައި ހޭބޯނާރާ އުޅުމެވެ. އެކި ޗެނަލްތަކުން ދައްކާ ރިއަލިޓީ ޝޯތަކުގައި ބައިވެރިވުމާއި ރޭޑިއޯ/ޓީވީ ޗެނަލްތަކަށް ގޮސް އިންޓަވިއުތައް ދިނުމާއި އިންޑިއާގެ އެކި ހިސާބުތަކަށް ދަތުރުކޮށް ކޮންސެޓްތަކުގައި ބައިވެރިވުން ފަދަ ކަންކަން ކުރެ އެވެ. ނަމަވެސް އާމިރަކީ މިގޮތަށް ފިލްމު ޕްރޮމޯޓްކުރާ ތަރިއެއް ނޫނެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ ފިލްމުތަކުގެ އިޝްތިހާރަކީ އޭނާގެ ޕާފޯމަންސެވެ. ޕާފޯމަންސް ކަމުދާ ނަމަ ފިލްމު ބަލަން މީހުން ވަންނާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

މިއީ 1988 ގައި އޭނާ "ގަޔާމަތުސޭ ގަޔާމަތު ތަކް" ކުޅުނުއިރުއްސުރެ ގެންގުޅޭ އުސޫލެވެ. އެ ފިލްމު ރިލީޒްކުރި ދުވަސްވަރު އާމިރުގެ އުމުރުން އެންމެ 22 އަހަރެވެ. ނަމަވެސް އޭރުވެސް އާމިރު ބޭނުންވީ އޭނާގެ ޕާފޯމަންސް މޮޅުކޮށްގެން މީހުންގެ ހިތްތައް ފަތަހަކުރާށެވެ.
"ގަޔާމަތުސޭ ގަޔާމަތު ތަކް" އަކީ އާމިރުގެ ފުރަތަމަ ފިލްމެއް ނޫނެވެ. އޭގެ ކުރިން އޭނާ ވަނީ އުމުރުން 18 އަހަރުގައި "ހޯލީ" ކިޔާ ފިލްމެއް ކުޅެފަ އެވެ.
އެދުވަސްވަރު އޭނާ ފިލްމްފެއާ އަށް ދިފައިވާ އިންޓަވިއުއެއްގައި "ގަޔާމަތުސޭ ގަޔާމަތު ތަކް" އަކީ އޭނާ ތައާރަފްކުރުމުގެ ނިޔަތުގައި އާއިލާއިން އުފެއްދި ފިލްމެއްތޯ ސުވާލު ކޮށްފައިވެ އެވެ. ޖަވާބުގައި އާމިރު ބުނެފައި ވަނީ އެހާ ގިނަ ފައިސާ ވަކި މީހަކަށްޓަކައި ޚަރަދު ނުކުރާނެ ކަމަށާއި އޭނާއަށް ވެސް ސްކްރީން ޓެސްޓާއި އޮޑިޝަންތައް ހަދަން ޖެހުނު ކަމަށެވެ.
"އަހަންނަށް އިސްކަމެއް ނުދެއެކޭ ނޫން. ނަމަވެސް އެއީ އަހަރެންގެ ކިބައިގައި ގާބިލްކަން ހުރިކަން އެމީހުންނަށް އެނގޭތީ ކުރިކަމެއް. އެހެން ނޫން ނަމަ އެމީހުން އަހަރެން ލައްވާ އެ ފިލްމެއް ނުކުޅުވީސް،" އާމިރު ބުންޏެވެ.
ހަގީގަތުގައި އާމިރުގެ އެންމެ ފުރަތަމަ މަސައްކަތަކީ "ޔާދޯންކީ ބާރާތު"ގައި ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ކުރި މަސައްކަތެވެ. ނަމަވެސް އެހާ ޅައިރު ފިލްމުގައި ބައިވެރި ކުރިޔަސް ހިންދީ ފިލްމު ކުޅުމުގެ ވިސްނުމެއް ބޮޑުވެގެން އައިއިރުވެސް ނުގެންގުޅެ އެވެ.
"އަހަންނަކީ ކުޑައިރު ވަރަށް ލަދުން ހުންނަ، މީހުންނާ ވާހަކަ ދައްކަން ނުކެރޭ ކުއްޖެއް. އެކްޓް ކުރުމަކީ އޭރު އެއްގޮތަކަށް ވެސް ޚިޔާލުކުރި ކަމެއް ނޫން. ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ބައްޕަ (ތާހިރު ހުސެއިން) ޑައިރެކްޓަރަށާއި އާޓިސްޓުންނަށް އެތައް ބައިވަރު ފައިސާއެއް ޚަރަދުކޮށް އަދި އެމީހުން ލައްވާ ފިލްމުތަކުގައި މަސައްކަތްކުރުވަން އެމީހުން ފަހަތުން ދުވާ މަންޒަރު ފެނުމުން އަހަރެން ހުންނަނީ ފާޑަކަށް ފިލްމީ މަސައްކަތާ ވަރަށް ހިތްހަމަނުޖެހިފައި،"
"ބައްޕަ އުޅޭ ހާލު ފެނިފައި އަހަރެން އޭރު ހިތަށް އަރާ ދުވަހަކު ވެސް ޕްރޮޑިއުސަރަކަށް ނުވާނަމޭ އަދި ފިލްމާ ގުޅުންހުރި އެއްވެސް މަސައްކަތެއް ނުކުރާނަމޭ،" 1988 ގައި އާމިރު ބުނެފައިވެ އެވެ.
ފިލްމީ ދާއިރާއަށް ވަދެވުނުގޮތް ކިޔައިދެމުން އާމިރު ބުނީ އޭނާ ގްރޭޑް 12 ގައި އުޅެނިކޮށް އަދިތުޔާ ބަޓާޗާރިޔާ ކިޔާ މީހަކު، ކުރު ފިލްމެއްގައި އޭނާ ބައިވެރިކުރަން މަސައްކަތް ކުރި ކަމަށެވެ. އެއީ ފެސްޓިވަލްއެއްގައި ބައިވެރިކުރުމަށް ތައްޔާރުކުރާ ފިލްމެކެވެ. އެހެންވެ މަޖަލަކަށް އާނއެކޭ ބުނެ ފިލްމަށް ރުހުން ދިނީ އެވެ. އެ ފިލްމުގައި މަސައްކަތްކުރުން ވީ އޭނާއަށް ވަރަށް މަޖާ އެހާމެ ހިތްހަމަޖެހޭ ތަޖުރިބާ އަކަށެވެ. އަދި އޭނާއަށް ވެސް އެކްޓްކުރެވިދާނެކަން އަމިއްލައަށް ގަބޫލު ކުރެވުނީ އެ ފިލްމު ކުޅުމުގެ ސަބަބުން ކަމަށް ބުންޏެވެ.
އާމިރުގެ ބައްޕަ އަކީ ޕްރޮޑިއުސަރަކަށް ވާތީ ފިލްމު އިންޑަސްޓްރީގެ އެންމެންވެސް އޭނާ ދަނެ އެވެ. އެގޮތުން 18 އަހަރުގައި "ހޯލީ" ކުޅުމުގެ ފުރުސަތު ކޭތަން މެހެތާ އޭނާއަށް ދިނެވެ. އާއިލާގެ މީހުން އޭނާ ފިލްމީ ދާއިރާއަށް ވަންނަން އެއްބަސް ވިޔަސް އެކްޓިން އަކީ އޭނާއަށް ކަމުދާނެ ކެރިއަރެއްކަމަކަށް އެމީހުން ގަބޫލެއް ނުކުރެ އެވެ.
"އަހަރެން އެކްޓަރަކަށް ވާން ނިންމުމުން އާއިލާގެ މީހުން މައްސަލައެއް ނުޖައްސާ. އެކަމަކު އެކްޓިން އަކީ އަހަންނަށް ކުރެވޭނެކަމެއް ނޫންކަމަށް އެމީހުންނަށް ހީވާ ކަމުގެ މެސެޖު ލިބުނު،" އާމިރު ބުނެފައިވެ އެވެ.
ހައި ސްކޫލް ނިންމުމަށްފަހު ބޮޑުބޭބެ ނާސިރު ހުސެއިންގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުން އާމިރު މަސައްކަތް ފެށި އެވެ. އަދި ޕޫނާ އިންސްޓިޓިއުޓްގައި އޭރު ކިޔަވަމުންދިޔަ ކުދިންތަކަކަށް ބައެއް ޑޮކިއުމެންޓްރީތައް ވެސް އެ ދުވަސްވަރު އޭނާ ތައްޔާރުކޮށްދިނެވެ. ކޭތަން މެހެތާ އަށް އާމިރު ފެނުނީ މި ޑޮކިއުމެންޓްރީތައް އުފެއްދުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. "ހޯލީ"ގައި ބަތަލުގެ ބައި ކުޅެދިނުމަށް ހުށަހެޅީ އެ ހިސާބުންނެވެ. އެންމެ ފަހުން އާމިރު އެ ފިލްމު ކުޅުނީ އެވެ.
ނަމަވެސް އޭގެ އެތައް އަހަރެއް ފަހުން އޭނާ "ގަޔާމަތު ސޭ ގަޔާމަތު ތަކް"ގެ ޝޫޓިން ފެށިއިރު ވެސް ކެމެރާއަށް ކުރިމަތިލާން ގަންނަ ބިރެއް ނުކެނޑެ އެވެ.
ނަސީބަކުން އެ ފިލްމު ވެގެން ދިޔައީ އެ އަހަރުވެސް ނުކުތް އެންމެ ކާމިޔާބު އެއް ފިލްމަށެވެ. އެއާއެކު އާމިރުގެ ތަރި މެދުއުޑުގައި ފިޔަޖަހަން ފެށި އެވެ. އާމިރަށް އޭނާ ބޭނުންވާ ގޮތަށް ހިތްހަމަޖެހޭ ފިލްމުތައް ޚިޔާރުކުރުމުގެ ފުރުސަތު ހުޅުވިގެން ދިޔަ އެވެ.
އޭގެ ފަހުން މިވީ ތިރީހަކަށް އަހަރު ވެސް އާމިރަށް ކާމިޔާބުކަމާ އެކު ހިތްހަމަޖެހޭ ވަރުގެ ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީ އޭނާ ހިފަހައްޓާ އުސޫލުގެ ސަބަބުންނެވެ. އޭނާ ބޭނުންވީ އޭނާގެ ޕާފޯމަންސްތައް އެއީ އޭނާގެ އިޝްތިހާރަކަށް ހަދާށެވެ. އެގޮތުގައި މިހާތަނަށް ވެސް އޭނާ ހުރީ ސާބިތުވެ އެވެ.