05 މާޗް 2024 - 10:20

ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ގާނޫނު ހެދުމާ ގުޅޭ ބިލުގައި މަޖިލިސް މެންބަރުންގެ އިތުރުން އިދާރީ ދާއިރާތަކަށް ލާމަރުކަޒީ އުސޫލުން ހޮވާފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިތުރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން ވެސް ހިމަނައިފި އެވެ.
ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި ބިލުގައިވާ ގޮތުން، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ޑަބްލިއުޑީސީ މެންބަރުން އިންތިހާބުވުމަށް ފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބު ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭނެ އެވެ.
އަދި އަމިއްލަގޮތުން ހޮވުނު މެންބަރަކު ވެސް ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ސޮއިކޮށްފިނަމަ އިންތިހާބުވި މަގާމު ގެއްލޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
އަލަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން މަޖިލިސް މެންބަރަކު ސިޔާސީ ޕާޓިއަކުން ވަކި ކޮށްފި ނަމަ އެ ދާއިރާގެ ރިކޯލް ވޯޓަކަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ދާން ޖެހޭނެ އެވެ. އެ މެމްބަރެއްގެ ގޮނޑި ގެއްލޭނީ ދާއިރާގެ ރައްޔިތުން އޭނާ އަށް ނޫނެކޭ ބުނެފި ނަމަ އެވެ. އަދި އެ މެންބަރު އަމިއްލަ އަށް ޕާޓީން ވަކިވެއްޖެ ނަމަ އޭނާ ގޮނޑިން އިސްތިއުފާ ދެއްވަން ޖެހޭނެ އެވެ.
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންމެ ފުރަތަމަ އެންޓި ޑިފެކްޝަން ބިލެއް ހުށަހަޅާ ގާނޫނެއް އެކުލަވާލީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. ނަމަވެސް އޭރު އޮތް ސަރުކާރު ބަދަލުވުމާއެކު އެމްޑީޕީން ވަނީ އެ ގާނޫނު އުވާލައިފަ އެވެ.