05 މާޗް 2024 - 06:14

ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމަލާދިން އިރު ރަހީނުކުރި އިޒްރޭލު މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ކިތައް މީހުން ކަމެއް ޔަގީން ނުވާ ކަމަށް ހަމާސްގެ އިސް ލީޑަރަކު ވިދާޅުވެއްޖެ އެވެ.
"ރަހީނުކުރި މީހުންގެ ތެރެއިން ދުނިޔޭގައި ތިބީ ކިތައް މީހުން ކަމެއް، މަރުވީ ކިތައް މީހުން ކަމެއް ނުވަތަ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން މަރުވެ އަދި ހައި ހޫނުކަމުގައި މަރުވީ ކިތައް މީހުން ކަމެއް ޔަގީންކަމާ އެކު ބުނާކަށް ނޭނގެ،" މިސްރުގެ ގާހިރާގައި ހުންނަވައި، ހަމާސްގެ އިސް ލީޑަރެއް ކަމަށްވާ ބައްސާމް ނާއިމް އޭއެފްޕީ އަށް ވިދާޅުވި އެވެ.
އިޒްރޭލުގެ ހަމަލާތަކަށް ގާތްގަނޑަކަށް ފަސް މަސް ދުވަސް ވެފައިވާއިރު، ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި އެކި ޖަމާއަތްތަކުން އިޒްރޭލު މީހުން ރަހީނުކޮށްފައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ ކުރީގެ ހެލްތު މިނިސްޓަރު ނާއިމް ވިދާޅުވީ ރަހީނުކޮށްފައި ތިބި މީހުންގެ ނަމާއި އަދަދާއި އެމީހުންގެ ހާލަތު ކަށަވަރުކުރުމަށް ހަމަލާތައް މެދުކަނޑާލުން މުހިންމު ކަމަށެވެ.
ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް މެދުކަނޑާލުމާ ގުޅޭ ގޮތުން ގާހިރާގައި ކުރިއަށްދާ މަޝްވަރާތަކުގެ މައިގަނޑު މައުޟޫއަކަށް ވެސް ވެފައި ވަނީ ރަހީނުން ސަލާމަތްކުރުމެވެ.
ގަތަރާއި މިސްރުގެ މެދުވެރިން އެމެރިކާ އާއި ހަމާސްގެ މަންދޫބުންނާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުން ލިބެމުންދާ ކަމަށް ބުންޏަސް ހަމަލާތަކަށް ކުޑަވެސް މަޑުޖެހުމެއް ނާދެ އެވެ.
އިޒްރޭލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަހީނުކުރި މީހުންގެ ތެރެއިް ދިރިތިބި މީހުންގެ ލިސްޓެއް ދިނުމަށް އިޒްރޭލުން ހަމާސް އަށް ޑިމާންޑްކުރަމުން ދާއިރު އެކަން ކޮށްފައި ނުވާތީ މަޝްވަރާތަކަށް އިޒްރޭލުގެ ވަފުދު ފޮނުވުމަށް އަންނަނީ ދެކޮޅުހަދަމުންނެވެ. އެކަމަކު ނާއިމް ވިދާޅުވީ ރަހީނުކޮށްފައި ތިބި މީހުންގެ ހާލަތާ ބެހޭ ތަފްސީލުތައް ހޯދުމަށް އެއްވެސް ހުށަހެޅުމެއް ލިބިފައި ނެތް ކަމަށެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާގައި ގާތްގަނޑަކަށް 250 ވަރަކަށް މީހުން ޣައްޒާއަށް ގެންގޮސް ރަހީނުކުރި އެވެ. އިޒްރޭލުގެ އޮފިޝަލުން ބުނާ ގޮތުގައި އަދިވެސް 130 އަސީރުން އެތަނުގައި ބަންދުކޮށްފައިވާއިރު، އޭގެ ތެރެއިން 31 މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ.
ރަހީނުންގެ ތެރެއިން ހަތަރު މީހަކު މިދިޔަ ހުކުރު ދުވަހު ވެސް އިޒްރޭލުގެ ހަމަލާތަކުގައި މަރުވި ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ. އިޒްރޭލު ސިފައިންނަށް "އޮޅިގެން" ދެވުނު ހަމަލާއެއްގައި ޑިސެމްބަރު މަހު ވެސް ތިން ރަހީނަކު މަރުވި އެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާގައި އިޒްރޭލުގެ ގާތްގަނޑަކަށް 1،160 މީހުން މަރާލި ކަމަށާއި އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށް އިޒްރޭލުން ބުނެ އެވެ. ރައްދުގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 30،534 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. -- އޭއެފްޕީ