ރޯދައިގެ ކުރިން ޣައްޒާގެ ހަމަލާތައް ހުއްޓުވޭތޯ ބަލަނީ
ރޯދައިގެ ކުރިން ޣައްޒާގެ ހަމަލާތައް ހުއްޓުވޭތޯ ބަލަނީ

އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ހަމަލާތައް ހުއްޓާލުމަށް އެއްބަސްކުރުވުމުގެ ގޮތުން ކުރަމުން އަންނަ މަޝްވަރާގައި "މުހިންމު ކުރިއެރުމެއް" ހޯދާފައިވާ ކަމަށް މިސްރު ސަރުކާރާ ގުޅުން އޮންނަ ޓީވީއަކުން އިއްޔެ ބުނެފި އެވެ.

ހަފްތާތަކެއް ވަންދެން ކުރި ޑިޕްލޮމެޓިކް މަސައްކަތްތަކަށް ފަހު މިސްރާއި ގަތަރާއި އެމެރިކާއިން މިހާރު އަމާޒު ހިފާފައިވަނީ އަންނަ ހަފްތާގައި ރަމަޟާން މަސް ފެށުމުގެ ކުރިން، ހަ ހަފްތާގެ މުއްދަތަކަށް ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްކުރުވޭތޯ އެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި ރަހީނުކުރި މީހުން ދޫކޮށްލުމަށާއި އެ މީހުންގެ ބަދަލުގައި އިޒްރޭލުން ވެސް ފަލަސްތީނުގެ ބައެއް އަސީރުން މިނިވަންކުރުން މި އެއްބަސްވުމުގެ ތެރޭގައި ހިމެނެ އެވެ.

މިސްރުގެ ޖާސޫސީ އިދާރާތަކާ ގުޅުން ހުރި އަލް ގަހީރާ ނިއުސް އިން އިސް އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ "ރޯދަމަހުގެ ކުރިން ހަނގުރާމަ ހުއްޓުމަކަށް ގެންނަން މިސްރުން ވަރަށް ބޮޑަށް ބާރުއަޅައި އެ މަސައްކަތް ކުރަމުން އަންނަ" ކަމަށެވެ.

"މަޝްވަރާތަކުގައި ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައި،" އިޒްރޭލުގެ ބައިވެރިވުމެއް ނެތި މި ފަހުން ބޭއްވި މަޝްވަރާތަކާ ގުޅޭ ގޮތުން އޮފިޝަލް ވިދާޅުވި އެވެ.

އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އިޒްރޭލުން ވަނީ ހަ ހަފްތާއަށް ހަމަލާތައް ހުއްޓާލުމަށް ހުށަހަޅާފައިވާ ޝަރުތުތަކުގެ ބޮޑު ބައި ގަބޫލުކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ވެސް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް ހަ މަސް ވެފައި ވާއިރު މިހާތަނަށް ފަލަސްތީނުން 30،000 މީހުން ވަނީ ޝަހީދުވެފަ އެވެ. އިޒްރޭލުން ބުނެފައި ވަނީ ރަހީނުކުރި މީހުން ރޯދަ މަހުގެ ކުރިން މިިނިވަން ނުކޮށްފި ނަމަ، ޣައްޒާގައި އާންމުން މިހާރު ހިމާޔަތް ހޯދަމުން އަންނަ ސަރަހައްދު ކަމަށްވާ ރަފަހް އަށް ވެސް އަރާނެ ކަމަށާއި ރޯދަ މަހު ވެސް ހަމަލާ ދޭނެ ކަމަށެވެ. -- އޭއެފްޕީ