17 ފެބުރުއަރީ 2017 - 06:03

ސުޝާންތު ސިންގް ރާޖްޕޫތު ފިލްމު އިންޑަސްޓްރީއަށް ތައާރަފްވީ ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ ސަބަބުންނެވެ. ސުޝާންތުގެ ކެރިއަރު ފެށުނީ އެކްތާ އުފައްދައި ޒީ-ޓީވީން ދެއްކި "ޕަވިތުރަ ރިޝްތާ" އިންނެވެ. އޭނާއަށް ފިލްމު ކުޅުމުގެ ފުރުސަތު ތަނަވަސްވީ އެ ސިލްސިލާއިން ލިބުނު މަޝްހޫރުކަމުގެ ސަބަބުންނެވެ. އަދި އެންމެ ފަހުން ރިލީޒްވި "އެމް.އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އާ އެކު ސުޝާންތު ވަނީ ބޮލީވުޑްގައި އޭނާގެ މަގާމު ވަރުގަދަ ކޮށްފަ އެވެ.
ސުޝާންތު ފިލްމު ކުޅެން ފެށީ އެކްތާގެ "ޕަވިތުރަ ރިޝްތާ" ގެ ވަކި ހިސާބަކުން އެ ސިލްސިލާއިން ވަކިވުމަށް ފަހުގަ އެވެ. އެހެންވެ އޭރުއްސުރެ އެކްތާ ހުރީ ސުޝާންތު ދެކެ ރުޅިއައިސްފަ އެވެ. ނަމަވެސް ލޯބިވެރިންގެ ދުވަސް ފާހަގަކުރަން ކަރަން ޖޯހަރް ބޭއްވި ޕާޓީއެއްގައި ސުޝާންތާއި އެކްތާ ބައްދަލުވެ ދެ މީހުންގެ ރުޅިވެރިކަން ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އެ ޕާޓީގައި މި ދެ މީހުން ބައްދާލައިގެން ނަގާފައިވާ ފޮޓޯއެއް ތަނޫ ގަރްގް ކިޔާ އެކްޓަރަކު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
ސުޝާންތު މިހާރު ތައްޔާރުވަމުން ދަނީ އޭނާގެ މިހާރުގެ ލޯބިވެރިޔާ ކަމަށް ބުނެވޭ ކީރްތީ ސަނަންއާ އެކު ކުޅެފައިވާ "ރާބްތާ" ރިލީޒްކުރުމުގެ ގޮތުން ކުރަންޖެހޭ ޕްރޮމޯޝަން މަސައްކަތަށެވެ. އޭނާ އެންމެ އަވަހަށް ކުޅެން ފަށަން ހަމަޖެހިފައިވަނީ އިންޑިއާގެ ފުރަތަމަ ސްޕޭސް ފިލްމު "ޗަންދާ މާމާ ދޫރް ސޭ" އެވެ.
ސުޝާންތު ވަނީ "ޕަވިތުރަ ރިޝްތާ" ކުޅުނު ދުވަސްވަރު އެ ސިލްސިލާގައި އޭނާއާ އެކު ލީޑް ރޯލު އަދާކުރި ބަތަލާ އަންކިތާ ލޯކަންޑޭއާ ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ވަންދެން އުޅެފަ އެވެ. ނަމަވެސް "ރާބްތާ"ގެ ޝޫޓިންގްގައި ބޭރު ގައުމެއްގައި ކްރީތީ އާ އެކު ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އެނބުރި މުމްބައި އަށް ގޮސް އަންކިތާއާ އޮތް ގުޅުން އޭނާ ވަނީ ކަނޑާލާފަ އެވެ. މިހާރު އޭނާ ވަރަށް ސީރިއަސްކޮށް ކްރީތީއާ ރައްޓެހިވެގެން އުޅޭ ކަމަށްވެ އެވެ.