މަޖިލިސް އިންތިހާބަށް ރީރެޖިސްޓްރީވުމަށް އިތުރު ފުރުސަތެއް މި މަހުގެ 14 ގައި ދެނީ
މަޖިލިސް އިންތިހާބަށް ރީރެޖިސްޓްރީވުމަށް އިތުރު ފުރުސަތެއް މި މަހުގެ 14 ގައި ދެނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މަހުގެ 21 އަށް ފަސްކުރުމާ ގުޅިގެން، ވޯޓުލާ މަރުކަޒު ބަދަލުކުރުމަށް ހުށަހެޅުމަށް އިތުރު ތިން ދުވަހުގެ ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، އިންތިހާބު ފަސްކުރުމާ ގުޅިގެން ވޯޓުލުމުގެ ހައްގު 560 މީހަކަށް އަލަށް ލިބިފައިވާ ކަމަށެވެ.

އެ މީހުން ލިސްޓަށް އިތުރުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމަށް ފަހު، ރީރެޖިސްރޭޝަނަށް އަލުން ފުރުސަތު ހުޅުވާލާނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް ހަސަން ވިދާޅުވި އެވެ. މި ފަހަރު ދޭން ނިންމާފައިވަނީ ތިން ދުވަހުގެ މުއްދަތެކެވެ.

ހަސަން ވިދާޅުވީ، އެންމެ ތިން ދުވަސް ދޭން ނިންމީ ރީރެޖިސްޓާ ވުމަށް ފުރަތަމަ ދިން ފުރުސަތުގައި ލިބުނު ތަރުހީބު ކުޑަވުމުގެ ސަބަބުން ކަމަށެވެ.

"11،000 ވަރު މި ލިބުނީ. އެ އަށް ވުރެ ބޮޑު ތަރުހީބެއް ނާންނާނެތީވެ، ތިން ދުވަހެއް އަޅުގަނޑުމެން މިދެނީ. ކުރިން ވެސް އެއް ހަފްތާ ދީފައިވާތީއާއެކު،" ހަސަން ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުގައި ވޯޓުފޮށި ބަހައްޓަން ހުޅުވާލި ފުރުސަތުގައި އަދަދު ހަމަނުވާ ގައުމުތަކަށް ވެސް އިތުރު ފުރުސަތެއް ދީ، އަދަދު ހަމަވޭތޯ ހުޅުވާލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ލަންޑަނާއި ތައިލެންޑް ފަދަ ތަންތަނަށް އިތުރު ފުރުސަތު ދީ، 150 ހަމަވެއްޖެ ނަމަ އެ ތަންތަނުގައި ވޯޓުފޮށި ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރީރެޖިސްޓްރޭޝަނަށް އަލަށް ދޭ ފުރުސަތުގައި އެންމެ ތިން ދުވަސް ދޭތީ ކޮމިޓީގެ މުގައްރިރު، އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ އެ މުއްދަތު އިތުރުކުރުމަށް އެދިވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އެކަމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމޭތޯ ބައްލަވާނެ ކަމަށެވެ.