04 މާޗް 2024 - 09:07

ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީގައި ޕާކުކޮށްފައި އޮތް އެތަނުގެ ވޭނެއްގައި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ގުލްއަލާމާ ހިންގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލު ގޮސް ވޭނުގައި ޖެހުމުން، ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެފައި ވާއިރު ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ.
މި އެކްސިޑެންޓުވެފައި ވަނިކޮށް ފެނުނީ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް ކަމަށާއި އެއީ ރޭ ދަންވަރު 2:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ސައިކަލު ގޮސް ޖެހުނު ބާރުމިނުގައި އޭގެ ބައިތައް ވަކިވެ އޮތީ ފުނޑުފުނޑު ވެފަ އެވެ. އަދި ސައިކަލު ގޮސް ޖެހުނު ވޭނުގެ ފަހަތް ވެސް އޮތީ ވަރަށް ބޮޑަށް ބަނޑިވެފަ އެވެ.
މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.