12 ޖޫން 2016 - 12:05

މި އިޝްތިހާރު ބަލައިފައި ބައެއް މީހުން މަލާމާތް ކުރާނެ އެވެ. އަނެއް ބަޔަކު ސުނީތާ އަލީ (ސުނީ) އަށް ތައުރީފް ކުރާނެ އެވެ. ކޮންމެ ގޮތަކަށް ކޮންމެ ވިސްނުމެއް ހުއްޓަސް އެނގޭ އެކައްޗެއް އެބައޮތެވެ؛ އެއީ ސުނީގެ މި އިޝްތިހާރު އެތައް ބަޔަކު ބަލައިފި ކަމެވެ. ފޭސްބުކްގައި އެ ވީޑިއޯ އަޕްލޯޑު ކުރިތާ 48 ގަޑިއިރުގެ ތެރޭގައި ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ ބަލައި، 2000 ފަހަރު ޝެއާކޮށްފަ އެވެ. ބެލެވޭ ގޮތުގައި މި ވީޑިއޯ މިހާރު އެދަނީ ރާއްޖޭގެ ރެކޯޑަކާ ދިމާއަށެވެ.
މިއީ، އިޝްތިހާރު އުފެއްދި ފާ ހޮރައިޒަން ވެސް ހީކުރި ވަރަށް ވުރެ މާ ބޮޑު ތަރުހީބެކެވެ.
މި ވީޑިއޯ އިޝްތިހާރު އާންމުންގެ ތެރޭގައި ވައިރަލް ވެގެން ދިޔަ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. އެއް ކަމަކީ، މިއީ މި އިޝްތިހާރުގައި ސުނީތާ ކުޅެފައި ވަނީ އޭނާގެ އެންމެ ބޮޑު ފޭން ޕްރިޔަންކާގެ ވަރަށް މަޝްހޫރުވި އެގްޒޯޓިކް ލަވައިގެ ދިވެހި ވާޝަންގެ ތަންކޮޅެއް ކަމެވެ. އަދި މި ލަވައިގައި ޕިޓްބުލް އާ އެއްގޮތަށް ދިވެހި އާޓިސްޓަކު ކޮށްފައިވާ އެކްޓް ވެސް ވީ އާންމުންނަށް ވަރަށް މަޖާ، އަދި ފާޑުކިޔުން ބޮޑު ކަމަކަށެވެ.
މި އިޝްތިހާރާ ބެހޭ ގޮތުން ފާ ހޮރައިޒަންގެ ޑިރެކްޓަރު އަހުމަދު އަދްލީ "މިހާރު" އަށް މިއަދު ވިދާޅުވީ އެ ކުންފުނިން ހާސިލް ކުރަން ބޭނުންވި ކަންތައް ވަރަށް ފަސޭހައިން ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ ސުނީއަކީ ކުރިއަށް އޮތް ހަ މަހު ފާ ހޮރައިޒަންގެ ބްރޭންޑް އެމްބެސެޑަރު ކަމަށެވެ.
"މި ކަހަލަ ބްރޭންޑެއް އިޝްތިހާރުކޮށްލަން ވިސްނާލި އިރު ސުނީތާ ބޭނުންކޮށްގެން މިކަންކޮށްފި ނަމަ ވަރަށް ކާމިޔާބު ވެދާނެ ކަމަށް ބަލައިގެން މިކަން ކުރީ. އެހެންވީމާ އަޅުގަނޑުމެން ހާސިލް ކުރަން ބޭނުންވި ލަނޑުދަނޑި މިއޮތީ މާ އަވަހަށް ވެސް ހާސިލްވެފައި،" އޭނާ ވިދާޅުވި އެވެ.
އަދްލީ ވިދާޅުވީ ޓްރޭން އޭސީ އިޝްތިހާރު ކުރަން ސުނީ ނެގި އެންމެ ބޮޑު ސަބަބަކީ ވެސް އޭނާ އަށް މިހާރު ލިބިފައިވާ މަޝްހޫރުކަމާއި ސަމާލުކަން ކަމަށެވެ.
"ޕްރިންޔާންގެ އެންމެ ބޮޑު ފޭނުގެ ގޮތުގައި ސުނީތާ މުޅި ރާއްޖެ އަށް ވެސް ފާހަގަ ކުރެވިފައި އޮތީ. އެހެންވެ އޭނާގެ ބޭނުން ހިފައި ޕްރޮޑަކްޓެއް އިޝްތިހާރުކޮށްފި ނަމަ ވަރަށް ކާމިޔާބު ވެދާނެ ކަމަށް ބަލައި މިކަން ކުރީމަ އެޑް މިއޮތީ މިހާރު ވައިރަލްވެފައި،" އަދްލީ ވިދާޅުވި އެވެ. "އަޅުގަނޑުމެން ވަރަށް އުފަލުން މި ތިބީ. އޭސީ އާ ބެހޭ ގޮތުން ވަރަށް ގިނަ ބަޔަކު މިހާރު މައުލޫމާތު އެބަ ސާފު ކުރޭ."
ފާ ހޮރައިޒުން ބުނީ އާންމުންގެ މެދުގައި ޓްރޭން އޭސީ އިޝްތިހާރު ކުރަން ހިންގާ ކެމްޕޭނުގެ ތެރެއިން ސުނީތާގެ ބިލްބޯޑްތަކާއި އެ ނޫން ވެސް މެޓީރިއަލްތައް ކުރިއަށް އޮތީ ކަމަށެވެ.
އެމެރިކާގެ ބްރޭންޑެއް ކަމަށްވާ ޓްރޭންގެ އެއާކޮންޑިޝަނާ ފާ ހޮރައިޒަން އިން ރާއްޖޭގައި ވިއްކާތާ މިހާރު އަހަރެއްހާ ދުވަސްވެއްޖެ އެވެ. އެކަމަކު މި އޭސީ ބޮޑަށް މަޝްހޫރީ ރިސޯޓް ފަދަ ތަންތަނުގަ އެވެ.