04 މާޗް 2024 - 06:19

އިޒްރޭލުގެ އަސްކަރިއްޔާއިން ހަމަލާ ދިނުމުގައި އޭއައި ޓެކްނޮލޮޖީ ބޭނުންކޮށް، ހަމާސްގެ ހަނގުރާމަވެރިން ދެނެގަތުން ފަސޭހަކޮށްފައިވާ ކަމަށް ބުންޏަސް މިދިޔަ ފަސް މަސް ދުވަހު މަރުވި މީހުންނަށް ބަލާއިރު އެކަމުގައި ސުވާލު އުފެދޭ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް 30،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އާންމުންނެވެ.
"އިޒްރޭލުގެ އަސްކަރިއްޔާއިން ބުނާ ވަރަށް އޭއައި ޓެކްނޮލޮޖީ މޮޅުވެފައި، އެކަމަކު ހަމަލާތަކުގައި، ކަމާ ގުޅުމެއް ނެތް މީހުންނަށް ގެއްލުންވުން [ކޮލޭޓްރަލް ޑެމޭޖް] އަށް އަޅާނުލަނީ. ނުވަތަ އޭއައި ޓެކްނޮލޮޖީ އެ ބުނާހާ ރަނގަޅު ނޫނީ،" އޮސްޓޭރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސް އޭއައި އިންސްޓިޓިއުޓްގެ އިސް ސައިންސްވެރިޔާ ޓޯބީ ވޯލްޝް އޭއެފްޕީއަށް ވިދާޅުވި އެވެ.
ފަލަސްތީނުން މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނޭ ހަނގުރާމަވެރިންގެ އަދަދު ވަކިން ހާމައެއް ނުކުރެ އެވެ.
އެކަމަކު އިޒްރޭލުން ބުނެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު ހަމަލާތައް ދޭން ފެށި ފަހުން "10،000 ޓެރަރިސްޓުން" ނައްތާލާފައިވާނެ ކަމަށެވެ.
އިޒްރޭލުގެ ހަމަލާތަކުގައި އޭއައި އެލްގޮރިޒަމްތައް ބޭނުންކުރާ ކަމަށް ބުނާއިރު، ޣައްޒާގައި ގެންގުޅޭ ޑްރޯންތަކާއި ހަނގުރާމަމަތީ އުޅަނދުތައް ފަދަ އާޓިފިޝަލް އިންޓެލިޖެންސް އިން އުފައްދާ ހާޑްވެއާތަކުގެ ސަބަބުން ހަނގުރާމައިގެ ގެއްލުން ބޮޑުވާ ކަމަށް އެކްޓިވިސްޓުން ބުނެ އެވެ. އެހެންވެ އޭއައި އާއި ހަނގުރާމަ އެއްވުމުގެ ކަންބޮޑުވުން އިތުރަށް ވަނީ ބޮޑުވެފަ އެވެ.
މިކަމާ ގުޅޭ ގޮތުން އޭއެފްޕީން އިޒްރޭލުގެ އަސްކަރިއްޔާއާ ސުވާލުކުރުމުން ބުނީ އޭއައި ޓާގެޓިން ސިސްޓަމްތަކާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.
އޭއެފްޕީއަށް ވާހަކަ ދެއްކި ބައެއް ތަޖުރިބާކާރުން ބުނީ އިޒްރޭލުގެ އަސްކަރިއްޔާއިން ސިސްޓަމަށް ފީޑްކުރަނީ ޑްރޯން ފޫޓޭޖާއި ސޯޝަލް މީޑިއާ ޕޯސްޓްތަކާއި އޭޖެންޓުން ދޭ މައުލޫމާތާއި މޯބައިލް ފޯނު ލޮކޭޝަންތަކާއި އެހެނިހެން ސަވައިލެންސް ޑޭޓާތައްކަމަށެވެ.
މި ނިޒާމުން ޓާގެޓެއް ދެނެގަތުމުން، އާބާދީގެ މައުލޫމާތު ބޭނުންކޮށްގެން، އާންމުންނަށް ލިބޭ ގެއްލުންތައް ލަފާކުރެވިދާނެ އެވެ.
އެކަމަކު އިނގިރޭސިވިލާތުގެ ލަންކަސްޓާ ޔުނިވާސިޓީގެ އެންތްރޮޕޮލޮޖީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕްރޮފެސަރު ލޫސީ ސުޗްމަން ވިދާޅުވީ ގިނަ ޑޭޓާ އެއްކުރުމުން ރަނގަޅު ޓާގެޓްތަކެއް ހޯދިދާނެ ކަމަށް ބުނާ ޚިޔާލަކީ ހަގީގަތެއް ނޫން ކަމަށެވެ.
އެލްގޮރިދަމްތައް ތަމްރީނު ކުރަނީ ވަކި ޝަރުތުތަތަކާ ގުޅޭ ޑޭޓާއަކުން އެއްގޮތް ކަންތައްތައް ހޯދައިގެން ކަމަށާއި އެހެންވެ، ޝައްކު އުފެދޭ ޑޭޓާތައް ގިނަވި ވަރަކަށް ގޯސް ނަތީޖާތައް ވެސް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. -- އޭއެފްޕީ