03 މާޗް 2024 - 23:18

ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ބ. އޭދަފުއްޓަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅު ރައީސް ވިދާޅުވީ ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލް ބޮޑުވުމަކީ އަބަދުވެސް އޮންނަ ޝަކުވާއެއް ކަމަށާއި ނަމަވެސް، މި ފަހަރުގެ ރޯދަ މަހު ބިލްތައް ބޮޑު ނުވާނެ ކަމަށެވެ.
"އާންމު މަހެއްގަ އެ ހުންނަ ރޭޓްގަ ކެޕް ކޮށްފައި. އާންމު މަހެއްގަ ހުންނަ މިންވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލް ހުންނާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސްޓެލްކޯ އިން ފެނުގެ ހިދުމަތް ދެމުން އަންނަ ރަށްރަށުން ނަގަމުން އަންނަ 30ރ. ޗާޖް އުވާލުމަށް ވެސް އެ ކުންފުންޏަށް އަންގަވާފައިވާނެ ކަމަށެވެ.
"މިފަދަ ލުއިތައް ރައްޔިތުންނަށް ދިނުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. ރައްޔިތުން ތިބީ ވަރަށް ހާލުގައި. ރާއްޖޭގެ އިގުތިސޯދު އޮތީ ވަރަށް ހާލުގައި. އިގްތިސޯދުގައި ބުންވަރު ޖައްސަމުން ރައްޔިތުންނަށް ލުއި ދެވޭތޯ މި ބަލަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ އަދި ފުށް ބަސްތާއެއް ހަދިޔާ ކުރާނެ ކަމަށާއި އެއީ ވެސް ރައްޔިތުންނަށް ކޮންމެ ވެސް މިންވަރެއްގެ އެހީތެރިކަމެއް ދިނުމަށް ކުރާ ކަމެއް ކަމަށެވެ. މި ފެށޭ ހަފްތާގައި އެ މަސައްކަތް ފެށޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން ކައުންސިލްތަކުން މިސްކިތްތަކުގެ ކަރަންޓު ބިލް ދައްކާއިރު މިހާރު ނަގާ ގަވަމެންޓް ރޭޓްގެ ބަދަލުގައި ޗާޖް ކުރާނީ ޑޮމެސްޓިކް ރޭޓްގައި ކަމަށާއި އޭރަށް ކަރަންޓު ބިލް ވަރަށް ބޮޑު ތަނުން ހެޔޮ ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އޭރަށް ކައުންސިލް ބަޖެޓުން ސަލާމަތް ވާނެ. އެއީ ވެސް ކައުންސިލްތައް ހިންގަން ފުރުސަތު ދިނުން. އޭގެ ފައިދާ ވާނެ ރައްޔިތުންނަށް،" ރައީސް ވިދާޅުވި އެވެ.