ހޫތީން ހަމަލާދިން ކާގޯ ބޯޓު ފެތިއްޖެ
ހޫތީން ހަމަލާދިން ކާގޯ ބޯޓު ފެތިއްޖެ

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން މީގެ ދެ ހަތްފާ ކުރިން މިސައިލުން ހަަމަލާދިން، ގަސްކާނާ ބަރާކޮށްފައިވާ ކާގޯ ބޯޓު އަދަންގެ ގަލްފަށް ފެތިއްޖެ ކަމަށް ޔަމަނުން ބުނެފި އެވެ.

ހޫތީން ބުނެފައިވާ ގޮތުގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު ހަމަލާ ދިން ބޯޓަކީ ލުބުނާނުގެ ކުންފުންޏަކުން އޮޕަރޭޓްކުރާ ބޯޓެކެވެ. އޭގައި ހުރީ އަލިފާން ހިފާ ޒާތުގެ ގަސްކާނާ ކަމަށް ވެސް ބުންޏެވެ. އެހެންވެ ބޯޓު ފެތި، ތިމާވެއްޓަށް ވެސް ގެއްލުންވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ހޫތީން ބުނި ގޮތުގައި މިސައިލްގެ ދެ ހަމަލާއިން ބޯޓަށް ގެއްލުން ދިނުމާ އެކު ބޯޓުގެ ފަޅުވެރިން ބޯޓުން ފޭބުމުން އެ މީހުންނަށް ވަނީ ރައްކާތެރިކަން ދީފަ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ފުރައިގެން ބަލްގޭރިއާގެ ބަނދަރަކަށް ދަތުރުކުރި ބޯޓު އަޑިއަށް ދިޔައީ ހަމަލާގައި ގެއްލުންވެފައި އޮއްވައި މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް، ޔަމަންގެ ރަސްމީ ސަރުކާރުން ބުންޏެވެ.

އެކަމަކު ބޯޓު އަޑިއަށް ދިޔަކަން ނޭނގޭ ކަމަށް އެ ބޯޓުގެ އޮޕަރޭޓަރު ބްލޫ ފްލީޓްގެ ޗީފް އެގްޒެކެޓިވް ރޯއީ ޚޫރީ ވިދާޅުވި އެވެ.

"އެއީ ތެދެއްތޯ ނުވަތަ ނޫންތޯ ބެލުމަށް އަޅުގަނޑުމެންގެ ބޯޓުގައި އެއްވެސް މީހަކު ނެތް،" އޭނާ އޭއެފްޕީއަށް ވިދާޅުވި އެވެ.

ރޫބީމާ އަކީ އެމެރިކާގެ އަސްކަރިއްޔާ އަދި ސަލާމަތީ ކުންފުނި އަމްބްރޭ އިން އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއްކަން ފާހަގަކުރި ނަމަވެސް ޚޫތީން ވަނީ އެ މައުލޫމާތު ދޮގުކޮށްފަ އެވެ.

ހޫތީން ބުނަމުން ދަނީ ހަމަލާތައް އަމާޒުކުރަނީ އިޒްރޭލަށް އެހީވާ އަދި ތާއީދުކުރާ ގައުމުތަކާއި ވިޔަފާރިތަކާ ގުޅުން ހުރި އުޅަނދުތަކަށް ކަމަށެވެ. ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ ކަމަށް އަންދާޒާކުރެވޭ ރަތްކަނޑުން ދަތުރުކުރުން މި ހަމަލާތަކާ ހެދި ސަސްޕެންޑްކޮށް އެތައް ހާސް މޭލެއް ދުރުން އެފްރިކާ ބައްރު ވަށާލައި ދަތުރުކުރަން ފަށައިފަ އެވެ. އެ ސަބަބާ ހެދި މުދާ އުފުލުމުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ. -- އޭއެފްޕީ