ޕާކިސްތާނުގެ ބޮޑުވަޒީރުކަން ދެ ވަނަ ފަހަރަށް ޝަހްބާޒް ޝަރީފަށް
ޕާކިސްތާނުގެ ބޮޑުވަޒީރުކަން ދެ ވަނަ ފަހަރަށް ޝަހްބާޒް ޝަރީފަށް

ޖަލަށް ލާފައިވާ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ތާއީދުކުރާ މެންބަރުންނަށް އިންތިހާބުގައި ގިނަ ގޮނޑި ލިބުނަސް، ނިކަމެތި އިއްތިހާދަކުން ހޯދި ބާރާ އެކު ކުރީގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އަލުން ބޮޑުވަޒީރު ކަމަށް އިއްޔެ އިންތިހާބުކޮށްފި އެވެ.

މީގެ ތިން ހަފްތާ ކުރިން ބޭއްވި، މައްސަލަ ބޮޑުވި އިންތިހާބުގައި އަލަށް އިންތިހާބުކުރި މަޖިލީހުން ޝަހްބާޒް ބޮޑުވަޒީރުކަމަށް އިންތިހާބުކުރީ 201 ވޯޓުންނެވެ.

"އެއްވެސް ބަޔަކަށް އަޣުލަބިއްޔަތެއް ނުލިބޭ. ޒިންމާ އޮތީ އެންމެންގެ މެދުގައި ބެހިފައި. މި ހާލަތުގައި، އެއް ވިސްނުމެއްގެ ޕާޓީތަކުން ކޯލިޝަން ސަރުކާރެއް އުފެއްދުމަކީ ޑިމޮކްރެޓިކް ގޮތް،" ފެބްރުއަރީ 8 ވަނަ ދުވަހު ބޭއްވި އިންތިހާބަށް އިޝާރާތް ކުރައްވައި ޝަހްބާޒް މަޖިލީހުގައި ވިދާޅުވި އެވެ.

ޝަރީފް އާއިލާގެ ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ޕާޓީން އެ ޕާޓީއާ އަބަދުވެސް ވާދަވެރި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ އިތުރުން ކުދި ބައެއް ޕާޓީތަކާ ގުޅިގެން، ކުރީގެ ބޮޑުވަޒީރު އިމްރާންގެ ކެންޑިޑޭޓުންނަށް މަޖިލީހުގައި ބާރު ލިބުނު ނުދީ ހުއްޓުވައިފަ އެވެ.

މި އިއްތިހާދުން ވަނީ، އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ އާއިލާއިން ހިންގާ ޕީޕީޕީގެ ލީޑަރު ކަމަށްވާ، ބޭނަޒީރުގެ ފިރިކަރުން އާސިފް އަލީ ޒަރުދާރީއަށް ރައީސްކަން ދޭން އެއްބަސްވެފަ އެވެ.

މިދިޔަ މަހު ބޭއްވި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ، އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިންތިހާބުގައި ވާދަކުރުން މަނާކުރުމުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ. އެކަމަކު ސަރުކާރު އެކުލަވާލުމުގެ ބާރު ލިބެނީ ޕާޓީއެއްގެ ނަމުގައި ކަމަށް ވާތީ އެ މެންބަރުންނަށް ސަރުކާރެއް ނުހެދޭނެ އެވެ. -- އޭއެފްޕީ