03 މާޗް 2024 - 17:49

މި ސަރުކާރަކީ "ދޮގު ހަދާ، ދޮގުވެރި ސަރުކާރެއް" ކަމަށް ބުނެ އިދިކޮޅުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްދު ދެއްވައިފި އެވެ.
ރ. ދުވާފަރުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދޮގު ހެދުމަކީ އެ މަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށާއި ހުންނެވީ މާތްﷲ ގަންދީ ހުވާ ކުރައްވައިގެން ކަމަށެވެ. ހުވައިގެ ކޮންމެ ލަފުޒެއް ވެސް މުހިންމު ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑަކީ ދޮގު ހަދާނެ މީހެއް ނޫން. އެހެން މީހުން ދޮގު ހަދައިގެން އަޅުގަނޑު ދައްކާ ވާހަކަ ޓްވިސްޓް ކުރަން އުޅެނީ،" ރައީސް ވިދާޅުވި އެވެ.
އޭގެ މިސާލެއްގެ ގޮތުން ރައީސް ދެއްކެވީ ޓެކްސް ބޭސް ފުޅާ ކުރާ ވާހަކަ އެ މަނިކުފާނު ދެއްކުވެމުން އާ ޓެކްސްއެއް ތައާރަފު ކުރަނީ ކަމަށް ބުނެ ވާހަކަ ފެތުރުނު ކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ ޓެކްސް ބޭސް ފުޅާ ކުރާ ވާހަކައިގެ އެއް މިސާލަކީ ޓޫރިޒަމް ފުޅާކޮށްގެން ޓީޖީއެސްޓީ ލިބޭ މިންވަރު އިތުރު ކުރުން ކަމަށެވެ.
"ނަގަމުންދާ ޓެކްސްއިން ލިބޭ އާމްދަނީ އިތުރު ކުރަން އިގްތިސޯދީ އެޖެންޑާގައި މިއޮތީ. އެހެންވީމަ އެ ވާހަކަ ދެއްކީމަ އެވެސް އޮޅުވާލީ. ދޮގު ހަދާ މީހުންނަށް ހީވާނެ އެހެން މީހުން ވެސް ހަދާނީ ދޮގޭ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑެއް ދޮގެއް ނުހަދަން. އެއްވެސް ތާކު ނޯންނާނެ ދޮގެއް ހަދާފައެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދޮގެއް ނުވެސް ހަދާނަން."
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި ސަރުކާރަށް އެންމެ ބޮޑަށް އަމާޒު ކުރާ ފާޑުވިދާޅުވުމަކީ ހުރިހާ ކަމެއްގައި ވެސް ސަރުކާރުން ދޮގު ހަދަމުންދާ ކަމެވެ.
ޝާހިދު ވިދާޅުވެފައިވަނީ މި ސަރުކާރުން ވެރިކަމަށް އައީ ވެސް "ދޮގު ދޮލަނގު" ވިއްކައިގެން ކަމަށާއި މިހާރު ވަނީ އެ ދޮލަނގުގެ ދޮގުތައް ފީވެ، ފުޅަ އަޅާފައި ކަމަށެވެ.