03 މާޗް 2024 - 17:26

މުދަލާއި މީހުން އުފުލުމަށް ރަށްރަށުގައި އާންމު ގޮތެއްގައި ބޭނުން ކުރާ ރަށު ޕިކަޕުން ނަގާ ފީ އުވާލަން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރަށު ޕިކަޕްގެ ފީއެއްގެ ގޮތުގައި 1،800ރ. ސަރުކާރުން ނަގަ އެވެ.
ރ. ދުވާފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށު ޕިކަޕަކީ ތިމާވެއްޓާ ރައްޓެހި ވެހިކަލަކަށް ވާއިރު، އެއިން ރައްޔިތުންނަށް އެތައް ފަސޭހަތަކެއްވާ ކަމަށެވެ.
"އެހެންވީމަ މި އަންނަ މަހުން ފެށިގެން އިރާދަކުރެއްވިއްޔާ ރަށު ޕިކަޕުން މި ނަގާ ފީ އެއްކޮށް އުވާލާނަން. އޭރަށް އެ 1،800 ރުފިޔާ ވެސް ސަލާމަތްވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ފީ އުވާލުމުން އިންޖީނު ވެހިކަލްތައް އިހްތިޔާރު ކުރުމަށް ވުރެ، ބެޓަރީ ވެހިކަލްތަކަށް ދިޔުމަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ މި މުޖުތަމައުއަކީ ފެހިކަން ގަދަ މުޖުތަމައުއަކަށް ހަދަން،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ކަމަށާއި ރައްޔިތުންނަށް ލުއި ފަސޭހަކޮށްދޭން ކުރެވެން ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.