ދިވެހި ފިލްމީ ދާއިރާއިން އުންމީދީ މަންޒަރެއް
ދިވެހި ފިލްމީ ދާއިރާއިން އުންމީދީ މަންޒަރެއް

މީގެ ހަތަރު ނުވަތަ ފަސް އަހަރެއްހާ ދުވަހަށް ކުރިއަށް ޖެހިލާ ނަމަ، ދިވެހި ސިނަމާ އޮތީ ވަރަށް ނިކަމެތިކޮށެވެ. ފިލްމީ މަސައްކަތްތައް ގާތްގަނޑަކަށް ހުއްޓި، ބެލުންތެރިން ތިބީ ބޮޑު ފޫހި ކަމެއްގެ ތެރޭގަ އެވެ.

ދިވެހި ފިލްމީ ދާއިރާއިން އުންމީދީ މަންޒަރެއް
ދިވެހި ފިލްމީ ދާއިރާއިން އުންމީދީ މަންޒަރެއް

ދިވެހި ފިލްމްތަކަށް މަލާމާތްކޮށް، ބައެއް މީހުން ފާޑުކީ ނަމަވެސް، ހަގީގަތުގައި ދިވެހި ފިލްމުތަކަށް ލޯބިކުރާ މީހުން ގިނަ އެވެ. އެކަން ސާބިތު ވަނީ ރަނގަޅު ފިލްމެއް އަޅުވައިފި ނަމަ، އާންމުންގެ ތަރުހީބު ލިބޭތީ އެވެ.

ދިވެހި ފިލްމީ ދާއިރާއިން އުންމީދީ މަންޒަރެއް
ދިވެހި ފިލްމީ ދާއިރާއިން އުންމީދީ މަންޒަރެއް

އެހެންވެ ދިވެހި ފިލްމީ ދާއިރާ މަޑުޖެހިފައި އޮތުމަކީ ފިލްމުތަކަށް ލޯބިކުރާ މީހުން އެއްގޮތަކަށް ވެސް ބޭނުން ވާނެ ގޮތެއް ނޫނެވެ. ސިނަމާ އަށް ގޮސް ފިލްމް ބަލަން ބޭނުންވާ މީހުން ރާއްޖޭގައި މަދެއް ނޫނެވެ.

އެކަމަކު ގިނަ ބަޔަކު އެންމެ ކަންބޮޑުވާ އެއް ކަމަކީ ފިލްމްތައް މަދުވުމެވެ. ރާއްޖޭގެ ފިލްމީ ދާއިރާ އަށް ނަޒަރު ހިންގައިލައިފި ނަމަ، ނުވަދިހައިގެ އަހަރުތަކުން ފެށިގެން، ދެހާހުގެ އަހަރުތައް ފެށުމާ ހަމައަށް މި ދާއިރާގެ ފޯރި ވަރަށް ގަދަ އެވެ.

ފިލްމު އުފައްދާ ސްޓޫޑިއޯތައް ގިނަ އެވެ. އެ ތަންތަނުގެ ހަރަކާތްތަކުގެ ދުވެލި ބާރުވެފައި، މަސައްކަތުގެ ޖޯޝް ގަދަ އެވެ. ހަމައެކަނި ސްކްރީން ފިލްމް ހެދުން އެކަންޏެއް ނޫނެވެ. ޓީވީ ޑްރާމާތަކާއި ވީޑިއޯ ލަވަތައް ހެދުމާއި ވީސީޑީތައް ނެރުމާއި ކުރު ފިލްމްތައް ހެދުމުގެ މަސައްކަތް އެ ދުވަސްވަރު އޮތީ މެކުހަށް ޖައިފަ އެވެ.

އެކަމުގެ ސަބަބުން މި ދާއިރާގެ މީހުން އޭރު ވަރަށް ބުރަ އެވެ. މަސައްކަތް ކުރާ މީހުންނަށް ރަނގަޅު އާމްދަނީއެއް ވެސް ލިބެމުން ދިޔަ އެވެ.

އެހެން ނަމަވެސް ދެހާހުގެ އަހަރުތައް ފެށިގެން އައި އިރު، ސިޔާސީ ފޯރި ރާއްޖޭގައި ގަދަވެ، ގިނަ ބަޔަކު ސިޔާސީ ކަންކަމަށް ހުސްވި އެވެ. މިހެންވުމުގެ ސަބަބުން ރިސްކް ނަގަން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވެސް ޖެހިލުންވާން ފެށި އެވެ.

ހަރަދުތަކެއްކޮށްފައި، ފިލްމްތައް ހެދިޔަސް ހަރަދު ފޫބެއްދޭނެ ޔަގީން ކަމެއް ނެތް ނަމަ، އަމިއްލަ ޖީބުން ހަރަދު ކުރުމުގެ ބޭނުމެއް ނޯންނާނެ އެވެ.

ސިޔާސީ ފޯރި އާއި އެ ހައިޖާނުގެ ތެރޭގައި ފިލްމް ބަލާލަން ސިނަމާ އަށް ވަންނާނީ ކާކުތޯ އެއީ އޭރު އެންމެ ބޮޑަށް އުފެދުނު ސުވާލެވެ. ނަތީޖާއަކީ ފިލްމީ ދާއިރާގެ މަސައްކަތްތައް ވަޅުޖެހި، ފަނޑުވެ މި ދާއިރާ ވަރަށް ބޮޑަށް ނިކަމެތިވުމެވެ.

ދިވެހި ފިލްމް އިންޑަސްޓްރީއޭ ކިޔަސް، ހަގީގަތުގައި މި ދާއިރާއަކީ ރާއްޖޭގައި ރަސްމީ މަގާމެއް ލިބިފައި އޮތް ދާއިރާއެއް ނޫނެވެ. އުފެއްދުންތަކަށް ގައުމީ އެވޯޑެއް ހާލަކުން ފަހަރަކު ދިނުން ފިޔަވައި، ފިލްމީ ދާއިރާ ކުރިއަރުވައި، ތަރައްގީ ކުރާކަށް މިހާތަނަށް އެއްވެސް ސަރުކާރަކުން ރަސްމީ ސިފައެއްގައި މަސައްކަތެއްކޮށްފައެއް ނެތެވެ.

މި ދާއިރާއަކީ މިކަމުގެ ޝައުގުވެރިކަން ހުންނަ ބަޔަކު ނަގަހައްޓާ ދާއިރާއެކެވެ. އެއީ މި މަސައްކަތަށް އޮތް ޝައުގާއި ލޯތްބެއްގެ ބޮޑުކަމުންނެވެ.

މާޒީގެ ވާހަކަތައް ކިތަންމެ ވަރަކަށް ވެސް ދެއްކި ދާނެ އެވެ. ބޭނުން ވަނީ ފިލާވަޅުތަކެއް ލިބި، ގަނެ ކުރިއަށް ދާނެ ހިތްވަރު ހޯދުމެވެ.

މީގެ ތިން އަހަރު ކުރިއަށް ޖެހިލާ އިރު، ފިލްމީ ދާއިރާގެ މަސައްކަތް އަލުން ދިރެމުން، ކުރިއަރަމުން އަންނަކަން ފާހަގަ ކުރެވެ އެވެ. ދުވެލި މަޑުވެފައި އޮތް ފިލްމީ މަސައްކަތްތައް މިހާރު އަނެއްކާ ވެސް ވަރަށް ފޯރިއާ އެކު ވަނީ ފެށިފަ އެވެ. އެކަމަށް ހިތްވަރު ވެސް ދޭން ޖެހެ އެވެ.

މިދިޔަ ތިން އަހަރަށް ބަލާ ނަމަ، 2014 ވަނަ އަހަރު ސިނަމާ އަށް ފަސް ފިލްމް އައި އިރު، 2015 ގައި ރިލީޒްވީ ހަތަރު ފިލްމެވެ. އެކަމަކުމިދިޔަ އަހަރު ނިންމައިލީ އަށް ފިލްމާ އެކުގަ އެވެ.

އެއީ އޭގެ ކުރީ ދެ އަހަރުގެ ފިލްމްތައް އެއްކޮށްލުމުން އެއް ފިލްމް މަދު އަދެދެކެވެ. އެކަމަކު އުފާކުރަން ޖެހޭ ކަމަކީ 2014 އާއި 2015 ގެ ޖުމުލާ ގާތްކުރާ އަދަދަކަށް 2016 ގައި އެކަނިވެސް ފިލްމްތައް ސިނަމާ އައިސްފައިވާތީ އެވެ.

މިއީ ކުރިއެރުމެއް ކަމަށް ބެލި ދާނެ އެވެ. ފިލްމްތަކަށް ޝައުގުވެރިވާ މީހުންް ހިތްހަމަޖައްސައި ދިން ކަމެކެވެ.

އެހެން ނަމަވެސް މުހިއްމީ އަދަދެއް ނޫނެވެ. ކޮލިޓީ އެވެ. ފެންވަރު ރަނގަޅު އުފެއްދުންތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުމެވެ.

މިދިޔަ އަހަރު ރިލީޒްވި ފިލްމުތަކަށް ބަލާ އިރު، ފިލްމް އުފައްދާ ވައްޓަފާޅި އާއި ޖޯންރާ އާއި ފިލްމްތައް ހުށަހަޅައި ދޭ ގޮތުގައި ބޮޑެތި ތަފާތުތަކެއް، ބަދަލުތަކެއް ގެނެސްފައި ހުރިކަން ގިނަ ބަޔަކު ފާހަގަ ކުރާނެ އެވެ. ރަނގަޅު ފިލްމްތަކެއް، ބަލާ ހިތްވާ ކަހަލަ ފިލްމްތަކެއް މިދިޔަ އަހަރު ފެނުނީ އެހެންވެ އެވެ.

މި ދާއިރާގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ގޮތަށް ބަލާ ނަމަ، ކޮންމެ ބަޔަކު ވެސް މިހާރު ބަލަނީ ފެންވަރު ރަނގަޅު، މޮޅު އުފެއްދުމެއް ގެނެސް ދެވޭތޯ އެވެ. ބޭނުމަކީ ގިނަ ފިލްމްތަކެއް ކޮންމެހެން ހެދުމެއް ނޫނެވެ.

ދުރާލައި ރާވައިގެން ވަގުތު ނަގައިގެން، ފަރުވާތެރިކަމާ އެކު މިހާރު މަސައްކަތް ކުރާ ތަން ފެނެ އެވެ. އެއްޗަކަށް އެއްޗެއް ހެދުމުގެ ވައްޓަފާޅި މިހާރު އެކީހެން ފިލްމީ ދާއިރާ އިން ދޫކޮށްލައިފިއޭ ބުނެވި ދާނެ އެވެ.

މި އަހަރަކީ އަނެއްކާ ވެސް ގިނަ ފިލްމްތަކެއް ސިނަމާ އަށް އަންނާނެ އަހަރެކެވެ. ލަފާ ކުރެވޭ ގޮތުން މިދިޔަ އަހަރު ނިކުތް، ފިލްމަތަކަށް ވުރެ މާ ގިނައިން މި އަހަރު ފިލްމްތައް ސިނަމާ އަށް އަންނާނެ އެވެ. ތަފާތު ރަހަތަކުގެ، ތަފާތު އެތައް ބައެއްގެ މަސައްކަތްތައް ފެނިގެން ދާނެ އެވެ.

އަނެއްކޮޅުން މި އަހަރަކީ ވަރަށް ގިނަ އާ ފަންނާނުން ފިލްމީ ދައިރާ އަށް ތައާރަފު ވާނެ އަހަރެކެވެ. މިއީ ފިލްމީ ދާއިރާ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ގިނަ ސްޓޫޑިއޯތައް މިހާރު ވަރަށް ބިޒީ އެވެ. ތަރިންނާއި ޓެކްނިކަލް މީހުން ވެސް މިހާރު މަސައްކަތެއް ނެތިފައި ތިބޭކަށް ނުޖެހެ އެވެ. އަނެއްކޮޅުން ވަރަށް ގިނަ އާ ސްޓޫޑިއޯތައް އުފެދި، މުނިފޫހި ފިލުވުމުގެ ތަފާތު އުފެއްދުންތައް މިހާރު އަންނަނީ އުފައްދަމުންނެވެ.

ބެލެވޭ ގޮތުން މި އަހަރަކީ މަދުވެގެން ހަތަރު ފަސް އާ ސްޓޫޑިއޯއަކުން ބެލުންތެރިންނާ ހަމައަށް ފިލްމްތައް ގެނެސް ދޭނެ އަހަރެކެވެ. އިންތިޒާރުކޮށްލަމާ ހިނގާށެވެ.

ކިޔަވައިގެން ތިބި، ޒުވާނުން ފިލްމީ ދާއިރާ އަށް ނިކުތުމަކީ ވަރަށް ހެޔޮ ފާލެކެވެ. އާ ވިސްނުންތަކެއް މި ދާއިރާގެ ތެރެއަށް އައުމަކީ ބަދަލުތަކެއް ފެންނާނެ ކަމެކެވެ. ފިލްމީ މި ދާއިރާގައި މިހާރު ވަރަށް ހުނަރުވެރި، އާ ސިކުނޑިތަކެއް އެބަ ތިއްބެވެ. އޭގެ މާނައަކީ ދިވެހި ސިނަމާގެ ކުރިމަގު އޮތް ކަމެވެ.

މިއީ އިންޑަސްޓްރީއެކޭ ރަސްމީކޮށް ކިޔާ ވަރުގެ މަސައްކަތްތަކެއް ކުރެވެން އެބަ ޖެހެ އެވެ. އެ ހުނަރާއި ފަންނު ހުރި މީހުން މިހާރު މި ދާއިރާގައި އެބަ އުޅެ އެވެ. އަދި ހަމައެއާ އެކު ދިވެހި ފިލްމްތަކަށް އިންޓަނެޝަނަލް މާކެޓް ހޯދުމަކީ ވެސް ކުރަން ޖެހިފައި އޮތް ކަމެކެވެ. އެއީ ނުކުރެވޭނެ ކަމެއް ނޫނެވެ.

ބޭރުގެ ފެސްޓިވަލްތަކާ ހަމައަށް ދިވެހި ފިލްމްތައް ގޮސް، ރަނގަޅު ކާމިޔާބީތަކެއް ވެސް މިހާރު އެބަ ހޯދަ އެވެ. އެހެންވެ ދިވެހި ފިލްމްތަކަށް ބޭރު މީހުންގެ ލޯބި ނުޖެއްސެންވީ ސަބަބެއް ނެތެވެ.

ހޮލީވުޑާއި ބޮލީވުޑް ފިލްމްތައް ދުނިޔޭގެ އެތަންމިތަނުގެ މީހުން ބަލާ ގޮތަށް، ދިވެހި ފިލްމްތަކަށް އެ ޖާގަ ނޯންނަންވީ ވަކި ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟