07 މާޗް 2024 - 10:52

ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ބައެއް ސީދާ ކައުންސިލްތަކަކަށް ލިބޭ ގޮތަށް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވ. ކެޔޮދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކޮށްގެން، ކައުންސިލްތައް މެދުވެރިކޮށް ކަންކަން ރަށްރަށުގައި ކުރުން ކަމަށެވެ.
އެ ސިޔާސަތުގެ ދަށުން ކައުންސިލްތަކުގެ އާމްދަނީ އިތުރުވާނެ ގޮތްތައް ފަހި ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި އިންސައްތައެއް ކައުންސިލްތަކުގެ އާމްދަނީ އަށް އިތުރު ކުރުމަށް ލާމަރުކަޒީ ގާނޫނަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅަން ގަސްތު ކުރަން،" ރައީސް ވިދާޅުވި އެވެ.
"އޭގެ ސަބަބުން ކައުންސިލްތަކުގެ އާމްދަނީއަށް އަނެއްކާ ވެސް އިތުރު ފައިސާ ލިބިގެންދާނެ."
ޓޫރިޒަމްގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ސިނާޔަތްތަކުން ލިބޭ އާމްދަނީ އިން ވެސް ކައުންސިލްތަކަށް ބައެއް ލިބޭ ގޮތް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މީރާއަށް މި ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކޮންމެ ކައުންސިލަކަށް ލިބޭނެ ގޮތަކަށް، ސީދާ ކައުންސިލްތަކަށް ލިބޭ ގޮތަށް ގާނޫނުތައް ބައްޓަން ކުރަން އިސްލާހުތައް ގެންނާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ބަދަލު ގެނެވުމުން ރަށްރަށުގައި ކުރަން ޖެހިފައި ހުންނަ ކަންކަމަށް ސަރުކާރަށް އެއްކޮށް ބަރޯސާނުވެ، ކައުންސިލްތަކުން އަމިއްލަ ބަޖެޓުން ކަންކަން ކުރެވޭނެ މަގުފަހިވާނެ ކަމަށެވެ.
"އޭރަށް މާ ރަނގަޅަށް ކައުންސިލަރުން ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުގެ މަޝްވަރާއާ އެކު ކުރިއަށް ގެންދަން ހަމަޖެއްސޭނެ،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ރައީސް ވިދާޅުވީ އެ ބަދަލުތައް ގާނޫނަށް ގެނެވޭނީ ސަރުކާރަށް ރައްޔިތުންގެ މަޖިލިސްގެ މެޖޯރިޓީ ލިބިގެން ކަމަށާއި އެކަން ރައްޔިތުން ކޮށްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ރައްޔިތުންނަށް އެބަ ލިބޭ ވަރަށް ރަނުގެ ފުރުސަތެއް މިކަހަލަ ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް ހޮވުމަށް،" ރައީސް ވިދާޅުވި އެވެ.