03 މާޗް 2024 - 10:32

ވިޔަފާރިތަކަށް ހާއްސަކޮށްގެން ހިދުމަތް ދޭގޮތަށް ބަދަލު ގެނެސް، އެމްއައިބީގެ މާލެ ބްރާންޗު ރަސްމީކޮށް ހުޅުވައިފި އެވެ.
މި ބެންކުން ވިޔަފާރިތަކަށް ހާއްސަކޮށް މި ބްރާންޗު ހުޅުވުމަށް ފަހު، ހިދުމަތް ދޭ ވަގުތު ވަނީ ހަވީރު 4 ޖެހުމާއި ހަމައަށް އިތުރުކޮށްފަ އެވެ. މި ބަދަލާ އެކު ހެނދުނު 8:30 އިން ހަވީރު 4:00އަށް ކައުންޓަރުން ފައިސާ ޖަމާ ކުރުމާއި ފޯމުތައް ހުށަހެޅުމާއި އެހެނިހެން ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީން މި ރޯދަ މަހު ހެނދުނު 09:30 އިން މެންދުރުފަހު 03:00 ޖެހުމާ ހަމައަށް ހިދުމަތް ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި ރޯދަ މަހު ފަހު 10 ގައި ހެނދުނު 11:00 އިން މެންދުރު 02:00 އަށް ހިދުމަތް ދިނުމަށް ވަނީ ނިންމައިފަ އެވެ.
އެމްއައިބީ މާލެ ބްރާންޗުން ވިޔަފާރިވެރިންނަށް ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ނަގުދު ފައިސާގެ ހިދުމަތް ދޭ ކައުންޓަރު އިތުރުކޮށް، ބަލްކް ކޭޝް ފަދަ ހިދުމަތް ދިނުމަށް ވަކި ކައުންޓަރުތަކެއް ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ ތަނުގައި ޑޮލަރު އޭޓީއެމްއެއްގެ އިތުރުން ރުފިޔާ ނެގޭ ހަތަރު އޭޓީއެމް ވެސް ވަނީ ބަހައްޓައިފަ އެވެ.
މާލެ ބްރާންޗު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއައިބީން ވަނީ ވިޔަފާރިތަކަށް ހާއްސަކޮށް ހަމައެކަނި ފަައިސާ ޖަމާ ކުރެވޭ ކާޑަކާއި އެކްސްޕެންސް ކާޑެއް ވެސް ތައާރަފްކޮށްފަ އެވެ.
އެމްއައިބީން ބުނި ގޮތުގައި ފައިސާ ޖަމާ ކުރާ ކާޑުން އާންމުކޮށް ފައިސާ ޖަމާ ކުރާ ވަރަށް ވުރެ އިތުރަށް ފައިސާ ޖަމާ ކުރެވޭނެ އެވެ. އަދި އެކްސްޕެންސް ކާޑުން ވިޔަފާރިތަކުގެ ޕެޓީ ކޭޝް މެނޭޖްކުރުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކާޑެކެވެ.
މި ދެ ކާޑުން ވެސް އިންޓަނެޓް ބޭންކިންގެ ހިދުމަތް ލިބޭނެ އެވެ. މި ދެ ކާޑަކީ ވިޔަފާރިތަކަށް ބޭނުންތެރި، ފައިސާ މެނޭޖުކޮށް، މުއާމަލާތްތައް ކޮށް، ބެލެހެއްޓުމުގައި އިތުރަށް ލުއިފަސޭހަކުރުވާނެ ކާޑުތަކެއްގެ ގޮތުގައި އެ ބެންކުން ފާހަގަކުރެ އެވެ.
އެމްއައިބީން ޒަމާނީ ވަސީލަތްތަކާ އެކު ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އަންނަނީ ފުޅާކުރަމުންނެވެ.