03 މާޗް 2024 - 06:31

ބުދަ ދުވަހާ ގުޅޭ
އެ ފޯނަށް ގުޅީ ކާކުހެއްޔެވެ؟ ފޯނު އޮތީ ކޮން ތާކުހެއްޔެވެ؟ އަހަންނަށް ސިއްރުން ކިނާން ފޯނެއް ގެންގުޅެނީ ކީއްވެހެއްޔެވެ؟ އަހަންނަކީ ފިރިމީހާއަށް ފާރަލާ މީހެއް ނޫނެވެ. ޝައްކުކުރި މީހެއް ވެސް ނޫނެވެ. ކިނާނަށް ފާރަލުމުގެ ނިޔަތަކު އަލަމާރިއެއް ވެސް ނަހާވަމެވެ. އެހެނަސް، މުޝީރާ ބުނި ވާހަކައަށް ފަހު، އެ ފޯނު ހޯދާ ހިތްވިއެވެ. ފޯނު ފެނިއްޖެ ނަމަ، ހަގީގަތް ފަޅާއަރައިފި ނަމަ ހަލާކުވާނީ އަހަރެންގެ ހިތްކަން އެނގިހުރެއެވެ. އަނެއްކާ ވެސް ފޯނު ވައިބްރޭޓުވާ އަޑުއިވެން ފެށިއެވެ. ވަރަށް ފަސޭހައިން ފޯނު ފެނުނެވެ. ފޯނު އޮތީ، އަލަމާރީގައި ހުރި ކުޑަ ވަތްގަނޑުގެ އެންމެ ބިއްދޮށުގައެވެ. އެއީ ނޯކިޔާ ބައްތި ފޯނެކެވެ. ފޯނަށް އަރާފައި އޮތީ "ލޯބި" އެވެ. ވަރަށް ދެރަވިއެވެ. ކިނާނަށް ވެގެންއުޅޭ ގޮތް އެ "ލޯބި" އަށް ނޭނގެނީތާއޭ ހިތަށްއެރިއެވެ. ކުރެވުނީ މޮޔަކަމެކެވެ. އަހަރެންނަށް އެ ކޯލު ނެގުނީއެވެ. އެކަމަކު ވާހަކަދައްކަން އަހަންނަކަށް ފުރުސަތެއް ނުލިބުނެވެ.
"އަޅެ ލޯބީ!" ތުއި އަޑަކުން އަންހެންކުއްޖަކު ވާހަކަދެއްކިއެވެ. "މިހާރު ކިތައް ހަންރެޑް ފަހަރު ގުޅައިފިން؟ ހިތަށްއެރި އަނެއް ނަންބަރަށް ވެސް ގުޅާފާނަމޭ! ކީއްވެތަ ފޯނު ނުނަގަނީ؟ އެނގޭނެއްނު އާރި ނޫން މީހަކު ތި ފޯނަކަށް ނުގުޅާނެކަން. ވަރަށް އެހެން ކަހަލަ ޑްރީމެއް ފެނިގެން އެ ވާހަކަ ބުނަންވެގެންނޭ މި ގުޅަނީ. ބިޒީތަ؟ ކޮބާ ވައިފް؟"
އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް ހުއްޓުމެއް ނާދެއެވެ. ކޮންމެ ކަމެއް ކިނާން ކުރި ނަމަވެސް އަހަންނަށް ބޭވަފާތެރި ނުވި ނަމައޭ ހިތަށްއެރިއެވެ.
"ވާހަަކަދައްކަނީ!" އަހަރެން ބުނީމެވެ.
އަހަރެން އެހެން ބުނި ވަގުތަކީ، ފޯނުގެ ބެޓެރިދާކަމުގެ އިންޒާރާއެކު ފޯނު ނިވުނު ވަގުތެވެ. އަހަރެންގެ އަޑު އާރިޒާއަށް އިވުނުކަމެއް އަހަންނަކަށް ޔަގީނެއް ނޫނެވެ. ފޯނުގެ ޗާޖަރު ވީ ތަނެއް އަހަންނަކަށް ނޭނގެއެވެ. ޗާޖަރު ފެނުނަސް، ބެޓެރި ޗާޖުކޮށްގެން އާރިޒާއަށް އަހަރެން ގުޅަންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އޮތް ތަނުގައި ފޯނު ބާއްވާފައި އަހަރެން ގޮސް އެނދުގައި އިށީނދެލީމެވެ. އެ ވަގުތުން އެ ވަގުތަށް ފޮށްޓަށް އެއްޗެހި އަޅައިގެން އަހަރެން ނުދާންވީ ކީއްވެހެއްޔެވެ؟ ހޮސްޕިޓަލަށް ގޮސް ކިނާން ހޭއަރާނެ ވަގުތަކަށް އަހަރެން އިންތިޒާރުކުރަންވީ ކީއްކުރަންހެއްޔެވެ؟ ކިނާން ދެކެ ލޯބިވާންވީ ކީއްކުރަންހެއްޔެވެ؟ އޭނައަށް ހެޔޮދުއާކުރަންވީ ކީއްކުރަންހެއްޔެވެ؟ ހަމަ އެންމެ ސަބަބަކާ ހެދިއެވެ. ކިނާނަކީ އަހަރެންގެ ފިރިމީހާއެވެ. ސަތޭކަ އަންހެނުން ދެކެ ކިނާން ލޯބިވިޔަސް، އެއް ހާސް އަންހެނުން ކިނާނަށް މަރުދަންޖެހުނަސް، އަހަރެން ނޫން އަންބެއް ކިނާންގެ ނުހުންނާނެއެވެ. އަހަރެން ނޫން މީހެއްގެ ފިރިއަކަށް ކިނާނަކަށް ނުވެވޭނެއެވެ. އެނދުގައި މަޑުމަޑުން އޮށޯވެ، ހީކެރުވުމުން ގުރުވާހެން އަހަރެން ގުރުވެލީމެވެ. ހިތަށްއެރިއެވެ. މީހުންނަކަށް އަހަންނެއް ނޭނގެއެވެ. އަހަންނަކީ އާލިޔާއެވެ. ފިނޑިއެއް ނޫނެވެ. އަރިއަޅާލައިގެން ވެއްޓެންދާ މީހަކު ކޮއްޕައިލުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟ ކިނާންގެ ދިރިއުޅުމުން އަހަރެން ނުކުންނާނީ ކިނާން "މަރުވެފައިއޮއްވައެއް" ނޫނެވެ. ވެއްޓިފައިއޮއްވައެއް ވެސް ނޫނެވެ. އަހަރެން ދަންޏާ ދާނީ ކިނާން ކޮޅަށްހުއްޓައި، އޭނަގެ ލޮލަށް ބަލަހައްޓައިގެން ހުރެ، އޭނާ ހުރަސްކޮށްފައެވެ. އަހަރެންގެ ސަބަބުން ކިނާނަށް ލިބު އަނިޔާއަށް ފަރުވާކޮށް، ފަސޭހަކޮށް، ކުށުން ބަރީއަވެގެންނެވެ. ނޫނީ އަހަރެންގެ ނަފުސު އަހަންނަކަށް މާފެއް ނުކުރާނެއެވެ. މެސެޖެއްއައި އަޑަށް އަހަރެން ފޯނު ބަލައިލީމެވެ. އެއީ މުޝީރާގެ މެސެޖެކެވެ.
"ނިދާފަ ދޯ؟" މެސެޖުގައި އޮތެވެ.
އަހަރެން މުޝީރާއަށް ގުޅީމެވެ. އޭނާ ހީކުރީ އަހަރެން ހުންނާނީ ރުޅިއައިސްފައި ކަމަށެވެ.
"ހީ ވެސް ނުކުރަން ގުޅާނެކަމަކަށް،" މުޝީރާ ބުންޏެވެ. "އަހަރެން ވަރަށް ގޯސް ދޯ؟ ކިނާންގެ ފޯނު ބަލައިފިންތަ؟"
"އެ ކުއްޖާ ގުޅަނީ އޭނައަށް ހާއްސަ ފޯނަކަށް،" އަހަރެން ބުނީމެވެ. "އޭނައަކަށް ނޭނގޭތަ ކިނާން ކޯމާގަކަމެއް؟ ނުބުނަންތަ؟"
"ތި ދެ މީހުންނަކީ ވެސް އަހަރެންގެ ނުލާހިކު ކްލޯސް ދެ ފްރެންޑުން،" އުނދަގޫ ދެކަފިމަގެއްގެ ކަންމަތީގައިހުރި މުޝީރާ ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން އެކަކަށް ވެސް ދެރައެއް ދޭކަށް. އާލިޔާ ދައްކާ ވާހަކަ އޭނަޔަކަށް ނުކިޔައިދެން. އޭނަ ދައްކާ ވާހަކަ އާލިޔާއަކަށް ވެސް ނޭނގޭނެ. ދެ ފްރެންޑުންނަށް ފެއާވުމަކީ ހާދަ އުނދަގޫކަމެކޭ. އޭނައެއް ނުވެސް ބުނޭ ކިނާން ވަކި ފޯނެއް ގެންގުޅޭ ވާހަކައެއް. އަހަރެން ނުބުނަން ކިނާން ކޯމާއަށްދިޔަ ވާހަކައެއް. އެކަމަކު މި ކަންތަކާ ދޭތެރޭ ވަރަށް ވިސްނޭ! އަހަރެން ހިތަށްއެރީ އަސްލު ހުރިހާ ދެރައެއް ލިބެނީ އާލިޔާއަށޭ! އެހެންވެ އަބަދާއަބަދު މި ކިޔަނީ ވަރިވާށޭ ވަރިވާށޭ! މިހާރު ދެން މި ކަންތައް ވެސް ފަޅާއެރީ. ދެން ޑިވޯސްވެބަލަ! ބޮޑުވަރަކަށް ސިންގަލްވެފަ ހުންނާނީތާ! ދެން ހުރީމަ ނިމުނީނު."
"ދެން މުޝީރާ ކީއްވެ ތިންވަނަ މީހާޔާ އިނީ؟" އަހަރެން އެހީމެވެ. "ކީއްވެ ސިންގަލްކޮށް ނުހުރެވުނީ؟"
މުޝީރާއަކަށް ޖަވާބެއް ނުދެވުނެވެ. ދުރުގައި ހުރެލާފައި އެއްޗެއް ބުނެލަން ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހަވާނެއެވެ. އަހަރެން ވެސް ކުރިން ހިތަށްއެރިއެވެ. ފިރިހެނަކާ ނުލައި ނޫޅެވެންވީ ކީއްވެހެއްޔެވެ؟ ބައިވަރު މީހުން އެ އުޅެނީއެވެ. ނޫނެކެވެ. އުޅެވޭކަަމަށް ހެދެނީއެވެ. ބައިވެރިޔަކު ނެތް ހަޔާތެއް ފުރިހަމައެއް ނުވާނެއެވެ. އުނިކަމެއް ނެތް މީހަކާ ދިމައެއް ވެސް ނުވާނެއެވެ. ވަރިއަކީ ހައްލެއް ނޫނެވެ. ކައިވެންޏަކީ، ނުބައިކޮށް ލިޔެވޭ ކޮންމެ ފަހަރަކު ބޮނޑިކޮށްފައި އެއްލައިލާ ކަހަލަ ކަރުދާސްގަނޑެއް ނޫނެވެ.
"ތީ ވެސް ތެދެއް،" މުޝީރާ އެއްބަސްވިއެވެ. "ކެރޭނެތަ އާރިޒާޔާ މީޓްކުރަން؟ އާލިޔާ ބޭނުމިއްޔާ އެ ކަން ވެދާނެ."
އެއީ ކީއްކުރަންހެއްޔެވެ؟ އަހަރެން ދައްކާނީ ކޮން ވާހަކައެއްހެއްޔެވެ؟ އަންބަކު ހުއްޓައި ފިރިމީހާ އެހެން މީހަކާ ހިތާވުމަކީ ލަދުވެތިކަމެކެވެ. ހެއްވާކަމަކީ، ފިރިމީހާގެ ބަދަލުގައި އަނބިމީހާއާ ދިމާއަށް މީހުން އިނގިލިދިއްކުރާތީއެވެ.
ސައިކަލުގައި ގޮސް ބުރިޖަށް ލަނބައިލުމާއެކު އަހަރެން އާފުރޭ ގޮތްވިއެވެ. ދުވަހަކީ ވައި މަޑު ދުވަހެކެވެ. މުޝީރާ ސައިކަލު ދުއްވީ އާދައިގެ ދުވެއްޔެއްގައެވެ. އަހަރެން އިނީ ފޯނަށް ސަމާލުވެގެންނެވެ. ހޮސްޕިޓަލުން ދައްތަ ގުޅައިފިއްޔާ، ހުޅުލެއާ ހިސާބުން ނޫނީ އަނބުރައެއް ނުލެވޭނެއެވެ.
"ކީއްކުރަން އަސްލު އަހަރުމެން އޭނަޔާ މީޓް މި ކުރަނީ؟" އަހަރެން އެހީމެވެ.
"މީޓްވީމަ އެނގޭނެ،" މުޝީރާ ޖަވާބުދިނެވެ. "އާލިޔާ ހިތަކަށް ނާރާތަ އާލިޔާއާ ކިނާން މެރީކުރީ ކީއްވެހޭ؟ ތީ ނުލާހިކު ލޯބިލޯބި ކުއްޖެއްނު! ތި ދެ މީހުންގެ ހަމަ އެކަނި ތަފާތަކީ ކިނާނަށް އާލިޔާ ސްޕެންޑްކޮށްފަ، އެ މަންޖެއަށް ކިނާން ސްޕެންޑްކުރާކަން. ދެން ނެތޭ ތަފާތެއް. ނަމަށް ބަލާލިޔަސް ކިހާ ތަފާތު ކުޑަ. އާލިޔާ، އާރިޒާ. އަހަރެން ސުރުހީއަޅާލާނަން. އާލިޔާ ސައިކުގަ ހަރުލާ އިންނާތި! އެ ދެ މީހުން އުޅުނީ މެރީކުރަން. އެ މަންޖެގެ ބައްޕަ ގަބޫލުނުވީ. މިހާރު ބައްޕަ ނިޔާވެއްޖެ! އަހަންނަށް ހީވަނީ އާލިޔާ ހެޔޮކަމުން ކިނާން އެ އުޅެނީ އާލިޔާ ވަރިކުރަން ނުކެރިގެންހެން. ހީވާ އެއްޗެއް މީ! ތެދަށް ބުނަންޏާ އާލިޔާގެ ނަސީބަކީ އާރިޒާ!"
"އެއީ ކީއްވެ؟" އަހަރެން އެހީމެވެ.
"ތި ސުވާލުގެ ޖަވާބުދޭށޭ މި ގެންދަނީ،" މުޝީރާ ބުންޏެވެ. "ކިނާން އުޅުނު ދޯ އާލިޔާގެ ބުރުގާ ނަގަން؟ އެ ކަން ހަނދާންބަހައްޓާތި!"
ހުޅުމާލޭގެ މަގުތަކުގައި ދަތުރުކުރަމުން ގޮސް ސައިކަލު މަޑުކޮށްލީ ތަނަކަށް ނުވާ ކަހަލަ ތަނަކަށެވެ. އެ ދިމާ އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އަންހެންކުއްޖަކު އިށީނދެލައިގެން އިނެވެ. ސައިކަލު މަޑުކޮށްލުމުން އެ ކުއްޖާ ތެދުވިއެވެ. ބުޅިއަށްވުރެ ފަނާ ގާތްކުރާ އިސްތަށިގަނޑު ފަހަތަށް އައްސަމުން އޭނަ އައި އިރު އަހަންނަށް ފާހަގަކުރެވުނީ، އަހަރުމެން ދެމީހުންގެ ވައްތަރުކަމެވެ. އޭނަ ބުރުގާއެއް ނާޅައެވެ. އަހަންނަށް ވުރެ ދޮނެވެ. އިސްކޮޅުން ކުރުހެން ހީވެއެވެ. ހިނގުން ވެސް ތަފާތެވެ. އެކަމަކު ބައެއް ފަހަރު ބަލައިލާ ގޮތުން އަހަންނާ އޭނަ ވައްތަރެވެ. އަހަންނަށް ވިސްނުނެވެ. ކިނާން ހޯދީ އާރިޒާއެކެވެ. އާލިޔާއެއް ނޫނެވެ. ކިނާން އަހަންނަށް ލިބުނަސް ލޯބި ނުލިބުނީ އެހެންވެއެވެ.
"މިހާރު ވިސްނިއްޖެ؟" މުޝީރާ ބުންޏެވެ. "އޭނަޔާ ވައްތަރުނުވި ނަމަ އާލިޔާއަކަށް ކިނާނެއް ނުލިބުނީސް."
އެއީ އަހަރެންގެ ނަސީބުހެއްޔެވެ؟ ބަދުނަސީބުހެއްޔެވެ؟ އަހަރުމެން ދެމީހުންގެ ތެރެއިން ފަހަތަށްޖެހޭނީ ކާކުހެއްޔެވެ؟ ކިނާން ލިބެންވީ ކާކަށްހެއްޔެވެ؟ އެއްވެސް ސުވާލެއްގެ ޖަވާބެއް އަހަންނަކަށް ނުހޯދުނެވެ. ހޮސްޕިޓަލުން އެ ވަގުތު އައި ފޯނެއްގެ ސަބަބުން އަހަރެންނަށް މަޖުބޫރުވީ މާލެއަށް މިސްރާބުޖަހާށެވެ. ކިނާން ލޯހުޅުވީއެވެ. މުޝީރާއަށް ދުއްވުނު އެންމެ ބާރަކަށް ދުއްވައިފައި އަހަރުމެން މާލެއަށް ގޮސް ހޮސްޕިޓަލަށް ވަންއިރު ކިނާން އޮތީ ލޯހުޅުވައިގެންނެވެ. ކަޅި ހަރަކާތްކުރެއެވެ. ހަށިގަނޑުގައި އޭރަކު ހަރަކާތެއް ނެތެވެ. ވާހަކައެއް ނުދައްކައެވެ. އަހަރެން ފެނުމުން، ބީރައްޓެހި ނަޒަރަކުން އަހަންނަށް ބަލައިލިއެވެ. ހީވަނީ އަހަރެން އަލަށް ފެނުނުހެންނެވެ. ޑަކުޓަރު ބުނި ގޮތުގައި، ކިނާނަށް ކުރިމަތިވީ ހާޓްއެޓޭކެކެވެ. ހާޓްއެޓޭކަކަށް ފަހު ކޯމާއަށް ދިޔުމަކީ ވަރަށް ބޮޑުކަމެކެވެ. ކޯމާއަކުން ހޭލައިފައި ލޯހުޅުވިޔަސް، ހަށިގަނޑު "ހޭލަން" ވަގުތުނަގާނެއެވެ.
ފުރަތަމަ ރިޕޯޓުތަކުން ދެއްކި ނަތީޖާ ވަރަށް ރަނގަޅެވެ. ކިނާންގެ މޫނުގައި ހުރީ ވަރަށް ކުޑަ އައިބެކެވެ. ދައްކާ ވާހަކަ ސާފުނުވުން ފިޔަވައި، ޖިސްމާނީ ގޮތުން ބޮޑު މައްސަލައެއް ނެތެވެ. ހަށިގަނޑުގެ އެއްފަޅި ވަރުދެރައެވެ. އަނެއް ފަޅީގައި އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު ނަފުސާނީ ގޮތުން ކިނާނަށް ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. މާޒީގެ ހަނދާންތައް ވަރަށް ރަނގަޅަށް ހުއްޓެވެ. މީހުން ވެސް ވަކިވެއެވެ. އެކަމަކު އާ ހަނދާނެއް ރައްކާކުރަން ކިނާނަށް އުނދަގުލެވެ. އޮވެވެނީ ކޮން ތަނެއްގައިކަން އެތައް ފަހަރަކު ބުނެދޭންޖެހެއެވެ. ޑަކުޓަރު ބުނި ގޮތުގައި، އެ ވަރުވީކަމަށް ޓަކައި އުފާކުރަންޖެހެއެވެ. ކުރިޔަށް އޮތް ތަނުގައި ކިނާން ހަމައަކަށް އެޅޭނެއެވެ. މާ ގިނަ ދުވަހަކު ހޮސްޕިޓަލުގައި އޮންނާކަށް ނުޖެހޭނެއެވެ.
ކިނާން ކޮޓަރިއަށް ބަދަލުކުރުމުން އަހަންނަށް ވަރަށް ފަސޭހަވިއެވެ. އޭނަގެ ލޯމަތިން އަހަންނެއް ނުގެއްލެމެވެ. އޭނައަކަށް ފުސްމޫނެއް އަހަރެން ނުދައްކަމެވެ. އަހަރެންގެ ހިތް ރުޔަސް ތުންފަތަކަށް އެ ކަމެއް ނާންގަމެވެ. އެކަމަކު ކިނާން އޮންނަނީ ފެންކަޅިވެފައިހެން އަހަންނަށް ހީވެއެވެ. އެއްފަހަރަކު އަހަރެން ފޯނު ހިފައިގެން އިންދައި ފޯނަށް އިނގިލި ދިއްކޮށްލިހެން ހީވެގެން ފޯނު ކައިރިކޮށްލީމެވެ. ކިނާން ވަރަށް މަސައްކަތުން ފޯނުގެ ނޯޓުފޮތް ހުޅުވައިލިއެވެ.
"ސޮރީ!" އިނގެރޭސިން ކިނާން ލިޔެލިއެވެ.
ނުނިމޭ