16 ފެބުރުއަރީ 2017 - 12:24

މެންޗެސްޓާ (ފެބްރުއަރީ 16) - ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ފްރާންސުގެ ސެއިން އެޓިއެންއާ ދެކޮޅަށް މިރޭ މެންޗެސްޓާ ޔުނައިޓެޑް ނުކުންނައިރު މި މެޗު ހާއްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ މި މެޗަކީ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ އާއި ސެއިން އެޓިއެންގައި ހުރި އޭނާގެ ބޭބެ ފްލޮރެންޓިން ޕޮގްބާގެ ކުރިމަތިލުމަކަށް ވާތީ އެވެ.

އުމުރުން 23 އަހަރުގެ ޕައުލް ޕޮގްބާއާ ދެކޮޅަށް ކުޅެން ޖެހުމަކީ އޭނާގެ ބޭބެ ފްލޮރެންޓިން ޕޮގްބާ އަށް ލިބުނީ ހިތްހަމަޖެހުމެކެވެ. ޔުއޭފާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ފްލޮރެންޓިން ޕޮގްބާ ބުނީ މިއީ އޭނާގެ މާޒީގައި ކޮށްފައިވާ ޗެލެންޖަކާ ވެސް ގުޅިފައިވާ މެޗެއް ކަމަށެވެ.
"ކުރިން އަހަރެމެން ވާދަކުރީ ގޭގަޔާއި ގެ ކައިރީގައި އޮންނަ ދަނޑުގައި ކުޅުނު ވާދަވެރި މެޗުތަކުގައި. އަހަރެން އޭރު ވެސް ކުރި އުއްމީދެއް ޕްރޮފެޝަނަލް ފެންވަރުގައި ވެސް ކޮއްކޮ (ޕައުލް ޕޮގްބާ)އާ ދެކޮޅަށް މެޗެއް ކުޅެލަން. އެކަން ފުރިހަމަ މިވަނީ. މިއީ އަހަރެމެންގެ އާއިލާ އަށް ވެސް ހަނދާނީ މެޗެއް،" އުމުުރުން 26 އަހަރުގެ ފްލޮރެންޓީން ބުންޏެވެ.
ޕައުލް ޕޮގްބާ ފްރާންސް ގައުމީ ޓީމަށް ކުޅެމުން އައި ނަމަވެސް ފްލޮރެންޓިން ޕޮގްބާ ނިންމީ އުފަން ގައުމު ގިނީ އަށް ކުޅުމަށެވެ.
"އަހަރެމެން ދެ ގައުމެއްގެ ގައުމީ ޓީމު ތަމްސީލް ކުރަމުން އައި ނަމަވެސް އަހަރެމެންގެ ގުޅުމަކަށް ބުރުލެއް ނާރާ. ހަމަ އެގޮތަށް ކްލަބް ލެވެލްގައި ވެސް ވަކި ތަފާތެއް އަންނާނެ ކަަމަށް އުއްމީދު ނުކުރަން،" ފްލޮރެންޓިން ބުންޏެވެ.
އޭނާ ބުނީ ޔުނައިޓެޑާ އަޅާކިޔާއިރު ސެއިން އެޓިއެން އަކީ ކުޑަ ކްލަބެއް ކަމަށާއި އެެހެން ނަމަވެސް މި މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ޕައުލް ޕޮގްބާ ބުނީ މިއީ އޭނާ ކުޑައިރުއްސުރެން ވެސް އުއްމީދުކުރި ކަމެއް ކަމަށާއި މި މެޗަކީ އޭނާ އަށް ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.
"ބޭބެ (ފްލޮރެންޓިން)އާ ދެކޮޅަށް އަހަރެން އަބަދުވެސް ކުޅެން ބޭނުންވޭ. އެއީ އަހަރެންގެ މޮޅު ކުޅުން ފެނޭތޯ ބޭބެ އަބަދުވެސް ޗެލެންޖް ކުރާތީ. މިއީ އަހަރެންގެ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ މެޗެއް. އަމާޒަކީ ޖަޒުބާތީ ކަންތައްތައް އެއް ފަރާތްކޮށް މެޗުން މޮޅުވުން،" ޕައުލް ޕޮގްބާ ބުންޏެވެ.
ޔުނައިޓެޑް ދަނޑުގައި ސެއިން އެޓިއެންއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 1:05 ގަ އެވެ.