03 މާޗް 2024 - 06:30

މެންޗެސްޓާ (މާޗް 3) - މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ، ސީޒަންގެ ފުރަތަމަ ހަ މަސް ދުވަހު އުނދަގޫކޮށް ދިޔަނަމަވެސް، އަލުން ފޯމަކަށް އެޅި ތަފާތު ދެއްކުމުގެ އެންމެ ބޮޑު ސަބަބަކީ ނަފުސާނީ ގޮތުން ހޯދި ހިތްވަރުކަމަށް، އެ ޓީމުގެ ގޯލް ކީޕަރު އަންޑްރޭ އޮނާނާ ބުނެފި އެވެ.

ޑޭވިޑް ޑެހެއާ، ޔުނައިޓެޑް ދޫކޮށްލުމުން އޭނާގެ މަގާމު ފޫބައްދަން އެ ކްލަބުން ގެންދިޔައީ މިދިޔަ ސީޒަނުގައި އިންޓަ މިލާނަށް ކުޅުނު އޮނާނާ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް މިދިޔަ އަހަރު އިންޓަ ގެންގޮސް ދިނުމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރި ކީޕަރަށް ޔުނައިޓެޑްގައި ފުރަތަމަ ހަ މަސް ދުވަހު ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.
ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް އަޔެކްސްގައި މަސައްކަތް ކުރި އިރު، އެ ޓީމުގެ ކާމިޔާބުގައި ވެސް ހިއްސާވި އޮނާނާ އަށް ޔުނައިޓެޑްގައި ބޮޑު ޕްރެޝަރެއް ކުރިމަތިވީ އޭނާ އަށް ހެދުނު ފީކަޅާ ގޮސްތަކުންނެވެ. މުހިންމު މެޗުތަކުގައި ޓީމު ބަލި ވަނީ ވެސް އޮނާނާ އަށް ހެދޭ ބޮޑެތި ގޯސްތަކުންނެވެ.
އެކަމަކު، ކެމެރޫންގެ ކީޕަރު މިހާރު ދަނީ ފޯމަކަށް އެޅި ތަފާތު ދައްކަމުންނެވެ. އޭނާ ބުނީ އޭރު ހެދުނު ގޯސްތަކުން ގިނަ ފިލާވަޅުތަކެއް ދަސްވި ކަމަށެވެ.
"އެއީ އުނދަގޫ ވަގުތުތަކެއް. އެ ހާލަތުން އަހަރެން ވަރަށް ގިނަ ކަންކަން ދަސްކޮށްފިން،" އުމުރުން 27 އަހަރުގެ އޮނާނާ ބުންޏެވެ.
"އަހަރެން އެނބުރި އަންނަން ހާލަތްތަކެއް އައި. އެންމެ ބޮޑު ކަމަކީ ނަފުސާނީ ގޮތުން ހޯދި ހިތްވަރު."
އަޔެކްސް ދޫކޮށް، މިދިޔަ ސީޒަނުގައި އިންޓަ އަށް ބަދަލުވެ ވަރަށް ފަސޭހައިން އޭނާ، އެ ޓީމަށް ހޭނުނެވެ. އެކަމަކު އޮނާނާ ބުނީ ޔުނައިޓެޑްގައި ހޭނެން ހަތް މަސް ދުވަސް ހޭދަވި ކަމަށެވެ.
"އަހަރެންގެ ޓީމުގެ އެހެން ކުޅުންތެރިން ވަރަށް ބޮޑު ހިތްވަރެއް ދިން. އެ މީހުން ބުނި މި ތަނުގައި ބައެއް ކުޅުންތެރިން ހޭނެން ދެ އަހަރު ވެސް ނަގައޭ. ބައެއް ކުޅުންތެރިން ނުވެސް ހޭނޭޔޭ. އެކަމަކު އަހަރެންގެ ކިބައިގައި އެ ހިތްވަރު ހުންނާނެ ކަމަށް އެމީހުން އަހަންނަށް ހަނދާންކޮށް ދީ ވަރަށް ހިތްވަރު ދިން،" އޮނާނާ ބުންޏެވެ.