01 މާޗް 2024 - 14:53

ކައުންސިލުތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ކިޔެވުމުން މުސާރަ އާއި އިނާޔަތްތައް ރަނގަޅުކޮށްދެއްވަން ގާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ގައި ރައީސް މިހެން ވިދާޅުވީ ނ. މަނަދޫ ކައުންސިލު އިދާރާގެ މުވައްޒަފަކު ކުރި ސުވާލެއްގަ އެވެ.
އެ ރަށު ކައުންސިލުގައި މަސައްކަތްކުރާ އައްޒާ އަބްދުލްޣަފޫރު ސުވާލުކުރީ ކައުންސިލު އިދާރާތަކާއި ހިލާފަށް އެހެން އިދާރާތަކުގައި ސިވިލް ސާވިސް މުވައްޒަފުން ކިޔެވުމުން އެމީހުންނަށް މުސާރަ އާއި އިނާޔަތްތައް އިތުރުވިޔަސް އެ ފުރުސަތު ކައުންސިލުގައި ނޯންނަ ކަމަށާއި އެކަމުގައި ސަރުކާރުން މަސައްކަތްކޮށްދޭނެތޯ އެވެ.
އެ ސުވާލުގައި ރައީސް ވިދާޅުވީ އޭގައި މައިގަނޑު މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ކެޓަގަރީކޮށްފައިވާ ގޮތުން ކައުންސިލްތައް ހިމެނެނީ އެންމެ ދަށް ފަންތީގައި ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި މުސާރައިގެ އޮނިގަނޑު ހަދާއިރު އެކަމަށް ހައްލެއް ގެންނަން ބޭނުންފުޅު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކައުންސިލުތަކުގެ މުވައްޒަފުންނަކީ އެހެން އޮފީސްތަކާ ހިލާފަށް ބަންދު ދުވަސްތަކުގައި ވެސް ބުރަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ.
"ދެން އެހެންނަމަވެސް އަޅުގަނޑުމެންގެ ޕޭ ސްޓްރަކްޗާ ހެދުމުގެ ކަންކަމުގައި ކުރިއަށް އޮތް ތަނުގައި ތިކަމަށް ހައްލެއް ގެންނަން އަޅުގަނޑު ބޭނުން. އަޅުގަނޑު ވަރަށް ގާތުން ކައުންސިލު މުވައްޒަފުން ދެކިފައި ހުރި މީހެއް މިއީ. އެހެންވީމަ އަޅުގަނޑަށް އެނގޭ ކައުންސިލުތަކުގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް،"
އެހެންވެ، އެކަމުގައި ކުރިމަތިވަނީ ގާނޫނީ މައްސަލަތަކެއް ކަމަށާއި މަޖިލީހުގެ ތެރެއިން ގާނޫނީ ބަދަލުތައް ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަމަކީ އެ މަނިކުފާނު، މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ވެސް ހައްލު ކުރައްވަން މަސައްކަތް ކުރެއްވި ކަމެކެވެ.
"ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑު މަސައްކަތް ކުރާނީ ކައުންސިލުގެ ސިވިލް ސާވިސް ސްޓާފުންނަށް ވަޒީފާގައި އުޅޭއިރު ކިޔެވުމަށް ބޭސްޑްކޮށް ދެން ބަލަންޖެހޭ މިންގަނޑުތަކުގެ ކުރިއެރުންތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރަން،" މަނަދޫގައި ހުންނަވައި އައްޒާގެ ސުވާލަށް ޖަވާބަށް ދެއްވަމުން ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ އެކަމުގައި އަޅުގަނޑު މަސައްކަތްކުރާނަން. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާ އެކީގައި."
ރައީސްގެ ޖަވާބަކީ ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބު ދެއްވާ ޕްރޮގްރާމެކެވެ. ފްލެޓްގެ މައްސަލަތަކާއި ސަރުކާރާ ގުޅޭ ގޮތުން އިވޭ އަޑުތަކާއި ރަށްރަށަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ވެސް އެ ޕްރޮގްރާމުގައި އާންމުން މިހާތަނަށް ސުވާލުކޮށްފައިވެ އެވެ.