01 މާޗް 2024 - 11:21

އިންސާނާގެ ދިރިއުޅުމުގެ ހަޔާތަކީ ކޮންމެ މީހަކަށް ވެސް ތަޤުދީރުގައި ލިޔެވިފައިވާ މުއްދަތަކަށް އެކަނި ދެމިގެންދާ އެއްޗެކެވެ. އެ އަށް ފަހު ކޮންމެ އިންސާނަކީ ވެސް މަރުވެ މި ދުނިޔެ ދޫކޮށް ދާނެ މީހެކެވެ. މަރުވެ ދިއުމަށް ފަހު، އިންސާނާ އަބަދަށް ނެތިދިޔައީ ކަމަށްވާ ނަމަ މި ދުނިޔެމަތީގައި އެ މީހެއްގެ ނަފްސު އިސްލާހުކޮށް، މީސްތަކުންނަށް ހެޔޮކޮށް ހިތައި އުޅުނު މީހެކޭ ނަފްސު މުޑުދާރުކޮށް މީސްތަކުންނަށް އަނިޔާ އާއި ގެއްލުންދީ އުޅުނު މީހެކޭ އެއްވަރުވީ އެވެ. މި ދެމީހުންނަށް ވެސް ދުނިޔެމަތީގައި އެ މީހަކު ކުޅަ އަމަލެއްގެ ޖަޒާ، ހެޔޮވިޔަސް ނުވަތަ ނުބައިވިޔަސް ހަމައަށް ލިބިގެން ނުދާކަމީ ފެންނަން އޮތް ހަގީގަތެކެވެ.
އެހެންކަމުން މި ބޭއިންސާފު ނެތި ދިޔުމަށްޓަކައި ޖަޒާ ލިބުމުގެ އެހެން ނިޒާމެއް އޮތުން ބުއްދީގެ ހަމަތަކުން ބަލާއިރު ލާޒިމުވެ އެވެ. ހަގީގަތުގައި މިކަން އޮތީވެސް މިހެންނެވެ. އެއީ އުޚުރަވީ ހަޔާތުގައި އަލުން ދިރުވި، ދުނިޔެމަތީ ކުޅަ ޢަމަލުތަކުގެ ހިސާބު ކުރެވި އެ މީހެއްގެ ޢަމަލަކާ އެއްގޮތްވާ ގޮތުގެ މަތިން އިންސާފުވެރި ކަމާ އެކު ޖަޒާ ލިބުމުގެ ނިޒާމެއް މި ދިރިއުޅުމުގެ ހަޔާތުގެ ނިޒާމު ލެއްވެވި ފަރާތުން ހަމަޖައްސަވާފައިވާތީ އެވެ. އެހެންކަމުން އެ ހަޔާތަށްޓަކައި އަދި ކިއެއްތަ، ދުނިޔަވީ ހަޔާތުގެ ބާއްޖަވެރި ކަމަށްޓަކައި ވެސް އިންސާނާގެ ނަފްސު އިސްލާހު ކުރަން ޖެހެއެވެ. އަދި ހެޔޮކަންކަމަށް އެހެން މީހުންނަށް ނަސޭހަތްދީ، ވަސިއްޔަތް ކުރަން ޖެހެ އެވެ.
ދިރިއުޅުމުގެ ހަޔާތުގައި ކޮންމެ އިންސާނަކަށް ވެސް ކުށް ކުރެވޭނެ އެވެ. ތިމާ އަށް ކުށް ކުރެވޭކަން ބައެއް ފަހަރު އެނގުނަސް އަނެއްބައި ފަހަރު އެކަން އިހުސާސް ނުވެ ހިނގައިދާނެ އެވެ. އެހެންކަމުން ކޮންމެ މުސްލިމަކު ވެސް އެ މީހެއްގެ އަމިއްލަ ނަފްސު ހިސާބު ކުރަން ޖެހެ އެވެ. ﷲގެ ހަޒުރަތަށް ތިމާ ރުޖޫއަ ކުރެވޭނެ ދުވަހަށްޓަކައި (މާދަމާއަށްޓަކައި) ތިމާގެ ނަފްސު ހިސާބު ކުރުމަށް (އިސްކޮށްފައިވާ ޢަމަލެއް ބެލުމަށް) ކީރިތި ޤުރްއާނުގައި އަންގަވާފައި ވެ އެވެ. (އަލްޙަޝްރު 18). ހަމަ މި ސަބަބަށްޓަކައި މުސްލިމުން އެކަކު އަނެކަކަށް ހަނދާން ކޮށްދިނުމަކީ ވެސް މުހިންމު ކަމެކެވެ. މިއީ މުއުމިނުންނަށް ފައިދާކުރަނިވި ކަމެއް ކަމުގައި ކީރިތި ޤުރުއާނުގައި މާތްﷲ ބަޔާން ކުރައްވާފައި ވެ އެވެ. އައްޛާރިޔާތު ސޫރަތުގެ 55 ވަނަ އާޔަތުގެ މާނައިގައި ވެ އެވެ. "ކަލޭގެފާނު މީހުންނަށް ނަޞޭޙަތް ދެއްވައި ހަނދާން ކޮށްދެއްވާށެވެ! ހަމަކަށަވަރުން ވަޢުޒާއި ނަސޭހަތަކީ މުއުމިނުންނަށް މަންފާ ކުރާނޭ އެއްޗެކެވެ."
ވީމާ ކޮންމެ މީހަކު ވެސް އެ މީހެއްގެ ގާތްތިމާގެ މީހުންނަށާއި ރައްޓެހިންނަށް ހެޔޮ ކަންކަމަށް ވަސިއްޔަތް ކުރަން ޖެހޭނެ އެވެ. ވަކިން ޚާއްސަކޮށް ބަލިވެ އުޅޭ މީހަކަށް އޭނާގެ އަހުލުވެރިންގެ ފަރާތުންނާއި ރައްޓެހިންގެ ފަރާތުން ވެސް ހެޔޮ ވަސިއްޔަތް ކޮށްދޭން ޖެހޭނެ އެވެ. ތައުބާވާން ހަނދާން ކޮށްދޭން ޖެހޭނެ އެވެ. އެއީ މާތްﷲ ގެ ހައްގުގައި އޭނާ އަށް އަދާނުކުރެވި ދޫކޮށްލެވުނު ހުރިހާ ކަމަކަށް މަޢާފަށް އެދުމަށްޓަކަ އެވެ. އެކަލާނގެ އަމުރުތަކަށް ކިޔަމަން ގަތުމުގެ އަޒުމް އަލުން އާ ކުރުމަށެވެ. އެހެން އަޅުތަކުންނަށް އަނިޔާއެއް ވެވިފައިވާ ނަމަ އެ އަނިޔާތަކުން ސަލާމަތް ވުމަށެވެ. އެ މީހުންގެ ހައްގުތައް އެ މީހުންނަށް އަނބުރާ ދިނުމަށެވެ.
އައްނޫރު ސޫރަތުގެ 31 ވަނަ އާޔަތް ނިމޭ ތަނުގައި މާތްﷲ އަމުރު ކުރައްވަނީ ހުރިހާ މުއުމިނުން މާތްﷲ އަށް ތައުބާ ވުމަށެވެ. އެއީ މުއުމިނުންނަށް ކާމިޔާބާއި ފަލާޙު ލިބުމަށްޓަކަ އެވެ. މުއުމިނުންގެ ތެރެއިން އުމުރުން ދުވަސްވެފައިވާ މީހުންނާއި ބަލިމީހުން ވަކިން ޚާއްސަ ގޮތެއްގައި މިކަމަށް ސަމާލުވާން ޖެހޭނެ އެވެ. އެހެން މީހުންގެ ފަރާތުން ހަނދާން ކޮށްދިނުމަކީ މިފަދަ ދަނޑިވަޅެއްގައި ވަރަށް މުހިންމު ކަމެކެވެ. އެއީ ވަގުތު ފާއިތު ވުމުގެ ކުރިން ތައުބާ ވުމަށްޓަކަ އެވެ. އެ މީހުންގެ ޚުލްގު ރިވެތި ކުރުމަށްޓަކަ އެވެ. ދުނިޔަވީ ކަންކަމާ މެދު ދެބަސްވެ އަރައިރުންވުން ފަދަ ކަންކަމުން ދުރުހެލިވުމަށެވެ. އުމުރުގެ ފަހު ދުވަސްކޮޅު ކަމަށް ވިސްނައި ހެޔޮ ނިމުމެއް ގެނައުމަށެވެ. އަނބިން ނުވަތަ ފިރިންގެ ފަރާތުންނާއި ދަރިންގެ ފަރާތުން މަޢާފު ހޯދުމަށްޓަކައެވެ. ރައްޓެހިންނާއި އަވައްޓެރިން އަދި އެ ނޫން ވެސް އެ މީހަކާ ދެމެދު އެއްވެސް މުއާމަލާތެއް ކުރެވުނު މީހުންގެ ރުހުން ވެސް ހޯދުމަށްޓަކަ އެވެ. މީގެ އިތުރުން ކީރިތި ޤުރުއާން ކިޔެވުން ގިނަ ކުރުމަށްޓަކަ އެވެ. ޒިކުރު ކުރުމާއި ސާލިހު އަޅުންގެ ވާހަކަތައް ކިޔައި އެއިން އިބުރަތް ލިބިގަތުމަށްޓަކަ އެވެ. ނަމާދާއި އެ ނޫން ވެސް އަޅުކަންތަކަށް ފަރުވާތެރިކަން ބެހެއްޓުމަށެވެ.
މިފަދަ ގޮތަކަށް މަސައްކަތް ކުރެވިއްޖެ ނަމަ އެ މީހެއްގެ އެންމެ ފަހުގެ ޢަމަލުތަކަކީ އެންމެ ހެޔޮ ޢަމަލުތައް ކަމުގައި ވެގެންދާނެ އެވެ. ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އުމުރުގެ އެންމެ ފަހު ދުވަސްކޮޅު ކުރެވޭ މަސައްކަތް އެއީ އެންމެ ހެޔޮ މަސައްކަތަށް ވުމަށް އުންމީދު ކުރެވޭނެ އެވެ. މިހެންވެ ކީރިތި ރަސޫލާ ﷺ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ ދުޢާތަކުގެ ތެރޭގައި "މިއަޅާގެ ޢުމުރުގެ އެންމެ ފަހު ދުވަސްކޮޅު އެއީ އެންމެ ހެޔޮ ދުވަސްކޮޅު ކަމުގައި ލައްވާނދޭވެ!" މިދުޢާ ހިމެނެ އެވެ. އަނަސްގެފާނުގެ ކިބައިން ރިވާ ކުރެވިގެންވާ ހަދީސެއްގައި ވެ އެވެ. "މާތްﷲ އެކަލާނގެ އަޅުތަކުން ކުރެ އަޅަކަށް ހެޔޮގޮތް އިރާދަ ކުރައްވައިފި ނަމަ އޭނާ މަރުވުމުގެ ކުރިން ހެޔޮ ޢަމަލަކަށް ތައުފީގު ދެއްވާނެ އެވެ." ނުވަތަ އެހެން ރިވާޔަތެއްގައިވާ ގޮތުން އެ މީހަކު ތާހިރު ކުރައްވާނެ އެވެ. މިފަދަ ހެޔޮ ގޮތެއް ތިމާގެ އަހުލުންނަށާއި ރައްޓެހިންނަށް މެދުވެރިވުމަށްޓަކައި ކޮންމެ މީހަކު ވެސް ހެޔޮގޮތް ހަނދާންކޮށްދީ ތައުބާވުމަށް ނަސޭހަތްދީ ވަސިއްޔަތް ކުރަން ޖެހޭނެ އެވެ. އަދި މިކަމަށް ތަސައްރަފު ފުދޭ މީހެއް ކަމުގައި ވުމަށްޓަކައި ތިމާގެ އަމިއްލަ ނަފްސު އެންމެ ފުރަތަމަ އިސްލާހު ކުރަން ޖެހޭނެ އެވެ.
ނަފްސު އިސްލާޙު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ ނަފްސު ހިސާބު ކުރުން ނުވަތަ މުޙާސަބާ އެވެ. މީގެ މާނައަކީ ނަފްސުގައި ހުރި ރަނގަޅު ކަންކަމާއި އައިބުތައް ދެނެގަތުމެވެ.
ދެވަނަ ކަމަކީ ނުރަނގަޅު ކަންކަމާ މެދު އަމިއްލަ ނަފްސު ކުށްވެރިކޮށް ﷲ ގެ ހަޒުރަތުން މައާފަށް އެދުން ނުވަތަ މުޢާތަބާ އެވެ. އެހެނީ ތިމާއަށް ކުރެވޭ ކުށަށް އިއުތިރާފުވުމާއި އެކަމާ ދެރަވުން ނެތް ނަމަ ނަފްސު އިސްލާހު ކުރާކަށް މަސައްކަތެއް ކުރުމުގެ ރޫހެއް ނޯންނާނެ އެވެ.
ތިން ވަނަ ކަމަކީ ރަނގަޅު ކަންކަން އެގޮތުގައި ދެމެހެއްޓުމާއި އައިބުތައް އިސްލާހު ކުރުމަށް އަމިއްލަ ނަފްސަށް އަހުދުވުން ނުވަތަ މުޢާހަދާ އެވެ. އެބަހީ ކުށްތައް އިސްލާހު ކުރަން އަޒުމް ކަނޑައެޅުމާއި އެގޮތަށް މަސައްކަތް ފަށައިގަތުމެވެ.
ހަތަރު ވަނަ ކަމަކީ ނަފްސު އިސްލާހު ކުރުމުގައި ގަދައަޅައި މަސައްކަތް ކުރުން ނުވަތަ މުޖާހަދާ އެވެ.
ފަސްވަނަ ކަމަކީ ނަފްސު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުން ނުވަތަ މުރާޤަބާ އެވެ. މިކަމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވަނީ ތިމާގެ ޢަމަލުތައް ﷲ މުރާޤަބާ ކުރައްވާނެކަން ގަބޫލު ކުރުމެވެ. މި ގަބޫލުކުރުން އޮންނަހާ ހިނދަކު ތިމާ އަމިއްލަ ނަފްސަށް ވެސް ނަފްސު މުރާޤަބާ ކުރަމުން ގެންދެވޭނެ އެވެ. އަދި މި މުރާޤަބާ ވެގެންދަނީ އަނެއްކާވެސް ނަފްސު ހިސާބު ކުރުމަށް މަގުފަހި ކުރާ ކަމެއް ކަމުގަ އެވެ.
އެހެންކަމުން ނަފްސު އިސްލާހު ކުރުމުގެ ބުރު އަނެއްކާ އަލުން އެ ހިސާބުން ފެށިގެން ތަރުތީބުން ގެންދެވޭނެ އެވެ. މިގޮތުގައި މި ހުރިހާ ހަރަކާތެއް ކުރިއަށް ގެންދިއުމުގައި ދެމި ހުރެވޭ ނަމަ ހަމަ ޔަގީނުން ވެސް ނަފްސު އިސްލާހު ކުރެވޭނެ އެވެ. ވީމާ މިކަމަށް ސަމާލުވެ ނަފްސު އިސްލާހުކޮށް، އެހެން މީހުން ވެސް އިސްލާހު ކުރަން އަބަދުވެސް މަސައްކަތް ކުރަންޖެހޭނެއެވެ.