ރޯދައިގެ ފަހު ދިހައެއްގައި އިމިގްރޭޝަންގެ ހިދުމަތްތައް ލިބޭނެ ދުވަސްތައް އާންމުކޮށްފި
ރޯދައިގެ ފަހު ދިހައެއްގައި އިމިގްރޭޝަންގެ ހިދުމަތްތައް ލިބޭނެ ދުވަސްތައް އާންމުކޮށްފި

ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ރަސްމީކޮށް ބަންދުކޮށްފައިވިޔަސް މޯލްޑިވްސް އިމިގްރޭޝަނުން ބައެއް ދުވަސްތަކުގައި ހިދުމަތް ދޭން ނިންމައި، އެ ދުވަސްތައް އާންމުކޮށްފި އެވެ.

އިމިގްރޭޝަނުން ކުރި އިއުލާނުގައި ވަނީ ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަސް ނިމެންދެން އެތަނުން ހިދުމަތް ދޭނެ ވަގުތުތައް އާންމުކޮށްފަ އެވެ.

އެ އިއުލާނުގައި ބުނީ އޮންލައިންކޮށް 24 ގަޑިއިރު ޕާސްޕޯޓުގެ ހިދުމަތަށް އެދެވޭނެ ކަމަށެވެ. އަދި 65 އަހަރުން މަތީގެ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެޕްލިކޭޝަން ފޯމު ބަލައިގަތުން ހެނދުނު 9:00 އިން މެންދުރު 1:00 އާ ހަމަށް ކުރިއަށް ދާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

އިމިގްރޭޝަންގެ ހިދުމަތް މާލެއިން ލިބޭނެ ދުވަސްތައް:

- 31 މާޗުން 4 އޭޕްރީލްގެ ނިޔަލަށް
- 7 އޭޕްރީލުން 9 އޭޕްރީލަށް

އެ ދުވަސްތަކުގައި ޕާސްޕޯޓު ދޫކުރުމަށް ނަމްބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު 12:00 އާ ހަމައަށެވެ. އަދި ޕާސްޕޯޓް ދޫކުރާނީ ހެނދުނު 9:00 އިން ހަވީރު 5:00 ގެ ނިޔަލަށެވެ.

އިމިގްރޭޝަނުގެ އިއުލާނުގައި ބުނީ ކުއްލި ހާލަތެއް މެދުވެރިވެގެން ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ޕާސްޕޯޓް ހިދުމަތް ހޯދަން ގުޅާނީ 9555333 އަށް ކަމަށެވެ.

އިއުލާނުގައިވާ ގޮތުން ވޯކް ވިސާއާއި އެހެން ވިސާތަކަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނީ ހެނދުނު 10:00 އިން 4:00 އަށެވެ. ވިސާގެ ހިދުމަތްތައް ފަހު ދިހައެއްގައި ލިބޭނީ ހަތަރު ދުވަހު އެވެ. އެއީ އޭޕްރީލް، 1، 3، 7، އަދި 9 ގަ އެވެ.

- ވޯކް ވިސާއަށް އެދި ޕާސްޕޯޓް ހުށަހެޅުން (އެޕޮއިންޓްމަންޓް އުސޫލުން) - ހެނދުނު 10:00 އިން 12:00 އަށް

- ވޯކް ވިސާއަށް އެދި ޕާސްޕޯޓް ދޫކުރުން (އެޕޮއިންޓްމަންޓް އުސޫލުން) - ހެނދުނު 10:00 އިން 12:00 އަށް

- ވޯކް ވިސާ ފިޔަވައި އެހެން ވިސާއަށް އެދި ޕާސްޕޯޓް ބަލައިގަނެ ވިސާ ދޫކުރުން - ހެނދުނު 10:00 އިން 12:00 އަށް

ރޯދަ މަހުގެ ފަހު ދިހައެއްގައި ވެސް އިމިގްރޭޝަނުގެ ހިދުމަތްތައް ދޭން ނިންމާފައިވާއިރު ރައީސް އޮފީހުން ފެބްރުއަރީ މަހުގެ ކުރީކޮޅު ކުރި އިއުލާނުގައި ވަނީ ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކޮށް، އެ މުއްދަތުގައި މުއައްސަސާތަކާއި ކުންފުނިތަކުން އަމަލުކުރާނެ ގޮތް އަންގައިދޭން އެދިފަ އެވެ.

މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދުކުރަން ނިންމައި، ނެރުނު އެ އެންގުމުގައި ރައީސް އޮފީހުން ބުނީ އެ ނިންމުން ނިންމާފައި ވަނީ އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް ރައްޔިތުންގެ ލޯބި ޖެއްސުމަށް އިސްކަން ދޭންވެގެން ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުން ވަނީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެކި ހިދުމަތްތައް ދިނުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާ ބައްދަލުކޮށް މަޝްވަރާ ވެސް ކޮށްފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ވަނީ މިމަހުގެ 11 ވަނަ ދުވަހަށެވެ.