އެޕޯލޯގެ ޓަވަރުތަކުގައި އެސްޓީއޯއިން ލިފްޓު ހަރުކުރަނީ
އެޕޯލޯގެ ޓަވަރުތަކުގައި އެސްޓީއޯއިން ލިފްޓު ހަރުކުރަނީ

އެޕޯލޯ ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ އެޕާޓްމަންޓް ކޮމްޕްލެސްތަކަށް ބޭނުންވާ ލިފްޓުތައް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް އެސްޓީއޯއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން އެޕޯލޯއާ އެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެޕޯލޯ އެޕާޓްމަންޓު ކޮމްޕްލެކްސްގައި ހިމެނޭ ނުވަ ޓަވަރަށް ބޭނުންވާ 46 ލިފްޓު ސަޕްލައިކޮށް އިންސްޓޯލުކޮށްދޭނެ ކަމަށެވެ. ފުރަތަމަ ދެ ޓަވަރަށް ބޭނުންވާ ލިފްޓުތައް މި އަހަރު އިންސްޓޯލް ކުރާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެއްބަސްވުމުގައި ވާގޮތުން ކޮންމެ ޓަވަރެއްގައި ވެސް މަދުވެގެން ޖުމްލަ ފަސް ލިފްޓް ހަރުކުރާނެ އެވެ.

އެސްޓީއޯއިން އެޕޯލޯ އެޕާޓްމަންޓު ކޮމްޕްލެސްތަކުގައި ހަރުކުރާނީ "ކޯނޭ" ބްރޭންޑުގެ ލިފްޓެވެ. މި ބްރޭންޑުގެ ލިފްޓުތަކަކީ އެންމެ ޒަމާނީ އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފީޗާތައް ހިމެނޭ ލިފްޓުތަކެކެވެ. އެސްޓީއޯ އަކީ "ކޯނޭ" ބްރޭންޑުގެ ރާއްޖޭގެ ޑިސްޓްރިބިއުރެވެ.

އެސްޓީއޯއިން ރިއަލްއެސްޓޭޓް މާކެޓުގައި ހިމެނޭ ބޮޑެތި އެކި ޕްރޮޖެކްޓުތަކަށް މީގެކުރިން ވެސް ވަނީ "ކޯނޭ" ބްރޭންޑުގެ ލިފްޓު ސަޕްލައިކޮށް، އިންސްޓޯލްކޮށްފަ އެވެ.

"ކޯނޭ" ބްރޭންޑަކީ ލިފްޓް ޓެކްނޮލަޖީގައި އިންގިލާބީ ބަދަލެއް ގެނައި "މެޝިންރޫމްލެސް" ލިފްޓު ތައާރަފްކުރި ބްރޭންޑެވެ. މި ބްރޭންޑަކީ ލިފްޓާއި އެސްކެލޭޓާ އިންޑަސްޓްރީގެ އެންމެ ކުރީގައި ހިމެނޭ އެއް ނަމެވެ.