28 ފެބުރުއަރީ 2024 - 17:22

އޫކްލާ އިން ދޭ "ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކް" އެވޯޑު ތިން ވަނަ ފަހަރަށް ދިރާގަށް ލިބިއްޖެ އެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން އެ އެވޯޑު ޖެހިޖެހިގެން ހޯދި ތިން ވަނަ އަހަރެވެ. މި ފަހަރު އެ އެވޯޑު ދިރާގަށް ދީފައި ވަނީ މި ދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުން ހަތަރުވަނަ ކުއާޓަރުގެ ޕާފޯމަންސަށް ބެލުމަށް ފަހު އެވެ.
އޫކްލާއިން އެ އެވޯޑް ދިރާގާ ހަވާލުކުރީ ސްޕެއިންގެ ބާސެލޯނާގައި މިހާރު ހިނގަމުންދާ މޯބައިލް ވޯލްޑް ކޮންގްރެސް 2023 ގައެވެ. ދިރާގުގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.
އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު، ސީއީއޯ އިސްމާއިލް ވިދާޅުވީ އެއީ އެ ކުންފުނިން އެންމެ ފުރިހަމަ ހިދުމަތާއި ފެންވަރު ރަނގަޅު ތަޖުރިބާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މުޅި ޓީމުން ކުރާ މަސައްކަތާއި ދޭ ހާއްސަ އަހައްމިއްޔަތުގެ ސަބަބުން ލިބުނު އެވޯޑެއް ކަމަށެވެ. ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކުގެ ގޮތުގައި ދިރާގު ބަލައިގަނެ، ކުންފުންޏާ އެކު ދެމިތިބި ކަސްޓަމަރުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
ޒިފް ޑޭވިސްގެ ޑިވިޝަނެއް ކަމަށްވާ އޫކްލާގެ ޕްރެސިޑެންޓް އަދި ސީއީއޯ ސްޓެފަން ބައި ވިދާޅުވީ، ދިރާގަށް އެވޯޑު ދިނީ ސްޕީޑް ޓެސްޓުގެ ތަފުސީލީ ދިރާސާއެއް ހެދުމަށް ފަހު ކަމަށެވެ. އެއީ 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ހަތަރުވަނަ ކުއާޓަރުގައި މާކެޓުގެ ބޮޑެތި މޮބައިލް ނެޓްވޯކްތަކާ އަޅާބަލާއިރު އާދަޔާހިލާފު ސްޕީޑާއި ޕާފޯމަންސް ދައްކާ މޮބައިލް ނެޓްވޯކު އޮޕަރޭޓަރުންނަށް ދޭ އެވޯޑެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެއީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން މިދިޔަ އަހަރު ކުރި މަސައްކަތުގެ އަލިގަދަ ހެއްކެއް ކަމަށް ވެސް ސްޓެފަން ބައި ވިދާޅުވި އެވެ.
އޫކްލާ އަކީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ނެޓްވޯކް ޓެސްޓްކުރާ އެކި އެޕްލިކޭޝަނާއި ޑޭޓާ އަދި އެނަލަސިސް ހެދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އޫކްލާގެ ފްލެގްޝިޕް ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓް އިން ކޮންމެ ދުވަހަކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނެޓްވޯކްތަކުގެ ޕާފޯމަންސާއި ކޮލިޓީއާ ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް އަންނަނީ އެއްކުރަމުންނެވެ.
ދިރާގަކީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 ޕަސެންޓް މޮބައިލް 4ޖީ ކަވަރޭޖް ފޯރުކޮށްދީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ.