28 ފެބުރުއަރީ 2024 - 14:21

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ސްމާޓް ގޭޓުގެ ހިދުމަތް ފަށައިފި އެވެ.

މިއީ، ކަސްޓަމަސްއިން ލަގެޖްތައް ސްކޭންކުރާއިރު، އިތުރަށް ބަލަން ޖެހޭ ލަގެޖުތަކުގައި ކުރިން ބޭނުންކުރަމުން އައި ރަތް ސްޓިކާ ޖެހުމުގެ ބަދަލުގައި، "ރޭޑިއޯ ފްރީކުއަންސީ އައިޑެންޓިފިކޭޝަން" (އާރްއެފްއައިޑީ) ޓެގްތަކެއް ހަރުކޮށް، އެ ލަގެޖުތަކަށް ކަސްޓަމްސް ކްލިއަރެންސް ނުުހޯދައި ލަގެޖް ނެރެން މަސައްކަތްކުރާ ނަމަ ސްމާޓް ގޭޓުން އައިޑެންޓިފައިކޮށް އެލާމް އަޅާ ނިޒާމެކެވެ.
މި ހިދުމަތް، އިފްތިތިތާހްކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
މި ނިޒާމުގެ ތެރެއިން އިތުރަށް ބަލައި ފާސްކުރުމަށް ޓެގް ހަރުކުރާ ލަގެޖްތައް، ވެރިފަރާތުން ރެޑް ޗެނަލަށް ގޮސް ކަސްޓަމްސް ކްލިއަރަންސް ހޯދޭނެ އެވެ. އަދި ސްމާޓް ގޭޓު ހިދުމަތާއި އެކު ގްރީން ޗެނަލްއިން ކްލިއަރަންސް ލިބެން ޖެހޭ ދަތުރުވެރިންގެ ކްލިއަރަންސް ޕްރޮސެސް އިތުރަށް އަވަސްވެ އެއްވެސް ހުރަހެއް ނެތި، ފުރިހަމަ ކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
މި ހިދުމަތް އިފްތިތާހްކޮށްދެއްވައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ކަސްޓަމްސްއިން ތައާރަފްކުރި ސްމާޓް ގޭޓުގެ ސަބަބުން އެއާޕޯޓުން ފަސިންޖަރުންނަށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، އަވަސް ހިދުމަތެއް ދިނުމަށް މަގުފަހިވާނެ ކަމަށެވެ. އެއާޕޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށް ވުރެ ފަސޭހަކޮށް ހިދުމަތްތައް ދިނުމަށް ސްޓޭކް ހޯލްޑަރުންނާއި އެންފޯސްމަންޓް އެޖެންސީތަކާއި ގުޅިގެން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި ސްމާޓް ގޭޓުގެ ހިދުމަތާ އެކު ދަތުރުވެރިންގެ ކްލިއަރެންސް އަވަސްވެ ގިނަ، ފަސޭހަތަކެއް ލިބޭނެ އެވެ.
މި ހިދުމަތުގެ ސަބަބުން ޓެރަރިޒަމާއި މަނީ ލޯންޑަރިން އަދި ހިއުމަން ޓްރެފިކިން އާއި މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި ހުއްޓުވައި ގަނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް ފާރަވެރިވެ، ރާއްޖެއަށް ވަދެ ނިކުމެވާ ދޮރާށިތައް ރައްކާތެރިކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުވޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
އެއާޕޯޓުގައި ސްމާޓް ގޭޓުގެ ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސަވިސްއިން ހާސިލްކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ލިސްޓުގައި ހިމެނޭ ކަމެކެވެ.