ވިލާ ކޮލެޖުން މެއި މަހުގެ އިންޓޭކަށް ހުޅުވާލައިފި
ވިލާ ކޮލެޖުން މެއި މަހުގެ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުން މި އަހަރުގެ މޭ މަހުގެ އިންޓޭކަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މޭ މަހުގެ އިންޓޭކަށް އެ ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ފަހު ދުވަހަކީ އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހެވެ.

ވިލާ ކޮލެޖުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ، މޭ މަހުގެ އިންޓޭކަށް ހުޅުވައިލީ 150 އަށް ވުރެ ގިނަ ޕްރޮގްރާމުގެ ފުރުސަތާ އެކު ކަމަށެވެ. އޭގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި ޔޫކޭގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ޕްރޮގްރާމްތަކާއި މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ޕްރޮގްރާމްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޖީބު ވިދާޅުވީ، މާސްޓާސް ފެންވަރުގެ 21 ކޯހާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓު ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 26 ކޯހާއި ޑިގްރީ ފެންވަރުގެ 45 ކޯހާއި، ޑިޕްލޮމާ ފެންވަރުގެ 50 ކޯހާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހާއި ސެޓްފިކެޓް 3 ފެންވަރުގެ 15 ކޯހަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ވިލާ ކޮލެޖުން ފުރުސަތު ހުޅުވާލި ކޯސްތަކުގެ ތެރޭގައި ހިމެނެނީ:

- އިންފޮމޭޝަން ޓެކްނޮލޮޖީ.

- ކޮމްޕިއުޓާ ސައިންސް.

- ޓީޗިން، އެޑިއުކޭޝަން.

- ޝަރީއާ، ލޯ.

- ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ކޯސްތައް.

- ބިޒްނަސް މެނޭޖްމަންޓް.

- އޭވިއޭޝަން މެނޭޖްމެންޓް.

- އިންޓަނޭޝަނަލް ބިޒްނަސް.

- އިކޮނޮމިކްސް.

- އެކައުންޓިން އެންޑް ފައިނޭންސް.

- ބޭންކިން އެންޑް ފައިނޭންސް، މާކެޓިން.

- ހިއުމަން ރިސޯސް އަދި އިންޖިނިއަރިންގެ ކޯސްތައް.

އޭގެ އިތުރުން މޭ އިންޓޭކުގައި ރިސާޗް، ނާސިން އާއި ސައިކޮލޮޖީ އާއި ޕަބްލިކް ހެލްތު އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން އާއި ހެލްތު ސާވިސަސް މެނޭޖްނަންޓާއި ޕްރޮޖެކް މެނޭޖްމަންޓާއި ހޮސްޕިޓަލިޓީ މެނޭޖްމަންޓާއި މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާރްޓްސްގެ ކޯސްތައް ވެސް ހިމެނެ އެވެ.

ވިލާ ކޮލެޖުގައި އަލަށް މި ފަހަރު ފުރުސަތު ހުޅުވާލާ ކޯސްތަކުގެ ތެރޭގައި އެ ކޮލެޖުން ދާދި ފަހުން ތައާރަފްކުރި އެކައުންޓިންގެ އާ މާސްޓާސް ކޯސްތަކާއި އެޑިއުކޭޝަން މެނޭޖުމަންޓާއި ރިސާޗް ސްޓަޑީޒްގެ ކޯސް ހިމެނެ އެވެ. މި ފަހަރުގެ އިންޓޭކަށް ވިލާ ކޮލެޖުގެ އަމިއްލަ ކަލިނަރީ އާސްޓްގެ ސެޓްފިކެޓުގެ ތިނެއްގެ ކޯހަކާއި ނެޝަނަލް ސެޓްފިކެޓު ލެވަލް 3 އަދި 4ގެ ކޯސްތަކަށް ވެސް ފުރަތަމަ ފަހަރަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވަނީ އެއީ ފެނަވަރު ރަނގަޅު ތައުލީމެއް ހޯދުމަށް އެންމެ އެކަށީގެންވާ ސެންޓަރުކަން ފާހަގަކުރައްވައި، އެ ތަނުގައި އެކި ދާއިރާތަކަށް ކިޔެވުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމައަށް ހުރިކަން ފާހަގަކުރައްވައިފަ އެވެ. އެ ކޮލެޖުން މަސައްކަތް ކުރަނީ ރާއްޖޭގައި ތިބެގެން ފުރިހަމަ ތައުލީމު ހޯދޭނެ ފުރުސަތު ދިނުމަށް ކަމަށާއި އެއީ ކާމިޔާބު ދަރިވަރުންތަކެއް ބިނާކުރާ ކޮލެޖެއް ކަމަށް އަންވަރު ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ މޭ މަހުގެ އިންޓޭކަށް އެ ކޮލެޖުގެ ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.