28 ފެބުރުއަރީ 2024 - 11:21

ކަޅުއޮށްފުންމީގެ ރިޔާ ފެހުމަށް ބޮޑުތަކުރުފާނު ހއ. ބާރަށުގައި ޖެއްސެވި ކަޑައިން ހެދުނު ކަމަށް ބުނާ ކާނި ގަހުގައި ބަޔަކު ރޯކޮށްލައިފި އެވެ.

ބާރަށުގައި 400އަށް ވުރެ ގިނަ އަހަރުވީ ކާނިގަހަކީ އެރަށު އީދުކުޅޭ މަގުގައި، ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނި ކަޑައިން ހެދުނު ގަހެކެވެ.

ބާރަށު ކައުންސިލްގެ ރައީސް އާސިފް އަބްދުﷲ "މިހާރު" އަށް ވިދާޅުވީ އެ ކާނި ގަހުގައި ރޯކޮށްލީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެކަމަކު އޭގެ ތަފްސީލެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިއްޔެ ސާފުކުރީ. އެ ގަހުގައި އަދިވެސް ދިރުން ހުރީމަ އެ ގަސް ކައިރިއާ އެއްކޮށް ސާފުކުރީ. އެ ގަހުގެ އެތެރޭގައި ނިކަ ގަހެއް ފަޅާފައި ހުރީމަ އެއާ އެއްކޮށް ސާފުކޮށްފައި. ކިހިނެތް ހިނގި ކަމެއް ކަން އަދި ނޭނގެ ބުނާކަށް މިއީ،" ބާރަށު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ހުޅު ޖެހުމުގެ ސަބަބުން އެ ގަސް ވަނީ ވަރަށް ބޮޑަށް އަނދައި ހުލިވެފަ އެވެ.
ބާރަށުގެ ކާނިގަސް ކައުންސިލުން ބަލަހައްޓަމުން އަންނަނީ އާސާރީ ތަރިކައެއްގެ ގޮތުގަ އެވެ.
ކަޅުއޮށްފުންމިއަކީ 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާން އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމަށް އުތީމު މަހާރަދުން ބެންނެވި އޮޑިއެކެވެ.