އާލިޔާ
އާލިޔާ

އާދިއްތަ ދުވަހާ ގުޅޭ

ދެން އިވުނީ އަހަރެންގެ ހިތް ކުދިކުދިކޮށްލި ޚަބަރެކެވެ.

"ޕޭޝަންޓް މި ވަގުތު އޮތީ ކޯމާގަ،" ޑަކުޓަރު ބުންޏެވެ. "ތަންކޮޅެއް އަވަހަށް ފަރުވާހޯދުނު ނަމަ ނަތީޖާ ބަދަލުކުރެވުނީސް."

ކުރިޔަށްވުރެ ބޮޑަށް އަހަރެން ހާސްވިއެވެ. ދެރަވިއެވެ. ހިތަށްއެރިއެވެ. ކިނާން ކޯމާއަށް ދިޔައީ އަހަންނާ ހެދިއެވެ. އެކަމަކު ހަގީގީ ސަބަބު ޑަކުޓަރު ބުނި ވެސްމެއެވެ. ކިނާނަކީ ހަކުރުބަލި ހުންނަ މީހެކެވެ. ކޯމާއަށް ދަނީ ހަކުރު އިންތިހާއަށް މަތިވީމައެވެ. އަނެއްކާ ވެސް ކިނާންގެ އާ ކަމެއް އެނގުނީއެވެ. ދެން ހަނދާންވީ ކިނާން ކެއި ޒިލޭބީތައް މަތިންނެވެ. ވީކަމެއް ކިނާނަށް ވީ އޭނަގެ ހަށިގަނޑާ މެދު އޭނައަށް ފަރުވާކުޑަކޮށްލެވުނީމައެވެ. އެހެނަސް އަހަންނަށް އަވަސް ފިޔަވަޅެއްއެޅުނު ނަމައޭ ހިތަށްއެރިއެވެ.

ކިނާން ދެކިލުމުގެ ފުރުސަތު އަހަންނަށް ދިނެވެ. އެ ތަނަށް ވަނުމުން އިވެނީ މެޝިނުތައް ވިންދުޖަހާ އަޑެވެ. ނޭވާލާ އަޑެވެ. ކިނާނަށް ބޭނުންވާ ހުރިހައި އެހީއެއް ފޯރުކޮށްދެނީ މެޝިނުތަކެވެ. ހިތަށްއެރިއެވެ. އަހަންނަށްވުރެ މެޝިނުތައް ވެސް މާ ރަނގަޅެވެ. މާ ވަފާތެރިއެވެ. ކިނާނަށް ދެވެންހުރި ހުރިހައި ހިދުމަތެއް ދިނުމުގައި ސާބިތުވެ އެބަ ތިއްބެވެ. މަރަށްތެޅެން ކިނާން ދޫކޮށްލައިފައި ދިޔައީ އަހަންނެވެ. އަހަންނަށް މާފުކުރާށެވެ. ކިނާންގެ އަތުގައި ބީހިލަމުން، ހިތާހިތުން އަހަރެން ބުނީމެވެ. ލޯހުޅުވައިލާށެވެ. އެއް ފަހަރު އަހަންނަށް ބަލައިލާފައި ބުނާށެވެ. މާފުކޮށްފީމެވެ. ބަދަލުގައި ކިނާން އެދުނު ކޮންމެ ކަމެއް އަހަރެން ކޮށްދޭނަމެވެ. އެކި މެޝިނަށް ވަކިވަކީން އަހަރެން ބެލީމެވެ. ނަންބަރުތަކާއި، ރޮނގުތަކާއި، ސިގުނަލުން ތަކުން އެއްޗެއް ދޭހަވޭތޯބެލީމެވެ. އަހަންނަށް ދޭހަވީ ހަމަ އެންމެ މާނައެކެވެ. ކިނާން އެ ތަނުގައި އޮންނަންޖެހުނީ އަހަންނާ ހެދިއެވެ. ކުށްވެރިޔަކީ އަހަންނެވެ.

ފަތިސްނަމާދު ވަގުތު ކައިރިވަމުން އަންނަނިކޮށް ކިނާންގެ ދައްތަ ގުޅިއެވެ. ތިމާގެ އެހެން މީހުން ވެސް ގުޅަން ފެށިއެވެ. އަހަރެން އިނީ، އީއާރު ކައިރީގައި ހުންނަ ކޮޓަރީގެ ގޮނޑިއެއްގައެވެ. ކިނާނަށް ވީ ގޮތް އެންމެނަށް އެއްގޮތަށް ކިޔައިދޭން ކުރެވުނު ހުރިހައި މަސައްކަތެއް އަހަރެން ކުރީމެވެ. ހަދަހަދައިގެން ކިޔައިދޭން ޖެހޭތީ ވަރަށް ވިސްނަންޖެހުނެވެ. ބޭޒާރުވެދާނެތީ ވަރަށް ބިރުގަތެވެ.

"ޓަސްލާފަ މެޔަށް ތަދެއްއަރައިފަ ވެއްޓުނީ،" ފޯނުން ވާހަކަދައްކަމުން އަހަރެން ބުނީމެވެ. "ޑޮކްޓަރު ބުނީ ހަކުރު ހުރީ އެއް ހާހަށް ވުރެ މަތީގައޭ. ކެލަސްޓްރޯލް ވެސް އެބަ ހުރި. އެކަމަކު އެކަކު ވެސް ނުބުނޭ ކިނާނަކީ ޑައިބިޓީސް ހުންނަ މީހެކޭ."

"ފަރުވާކުޑަކަމުން ވާހާ ކަންކަން ތި ހުންނަނީ،" ކިނާންގެ ބޭބެއެއް ބުންޏެވެ. "އެބަ އެނގޭ ތިމާއަކީ ހެސްކިޔާފަ ހަކުރުހުންނަ މީހެއްކަން. އެކަމަކު ކަސްރަތެއް ނުކުރޭ! އެ ވަރަށް ފޮނިއެއްޗެހި ކައި. ހެދިކާ ކައި. ބަރާބަރަށް ޑޮކްޓަރަކަށް ނުދައްކާ. ދެއްކިޔަސް ޑޮކްޓަރު ބުނާ ގޮތެއް ހަދަނީކީއެއް ނޫން. އެހާ ސިއްރުކޮށްގެން އުޅޭނީ. ފެމެލީގެ ވެސް ގިނަ މީހުންނަކަށް ނޭނގޭނެ. ކިތަންމެ ފަހަރަކު އަހަރެން ބުނިން އާލިޔާއަށް ސިއްރުނުކުރާށޭ! ހާދަހައޭ ފަރުވާކުޑައީ. އޭނައަށް ހީވަނީ އޭނަ ކިހާ ބަލިކަން އާލިޔާއަށް އެނގިއްޖެއްޔާ އޭނަ ދަށްވީއޭ. އަނބިދަށުވީއޭ! ކިތަންމެ ފަހަރަކު އެހެން ބުނެފަ އެބަ ހުއްޓޭ!"

"ދެން މި ވަގުތު ބޭބެ ތި ކަހަލަ އެއްޗެހި ކިއީމަ ކިހިނެއްވާނީ؟" އަހަރެން ބުނީމެވެ. "ވީކަމެއް އެ ވީ! މިހާރު ދެން ދުއާއެއްނު ކުރަންވީ!"

"ތީ ވެސް ތެދެއް،" ބޭބެ ބުންޏެވެ. "މި ދަނީ ނަމާދުކޮށްލައިގެން."

ކޮންމެ ފޯނެއް ނިންމައިލާފައި ވެސް އެތައް އިރަކު އަހަންނަށް ވިސްނެއެވެ. ސްޓްރޯކާއި، ހާޓްއެޓޭކާ، ކޯމާ ކިޔާ އަޑުއަހަމެވެ. އެއީ ރަހުމެއް ހަމުދަރުދީއެއްހުންނަ އެއްޗިއްސެއް ނޫނެވެ. އަހަރެން ނެޓަށް ވަދެ ކުޑަކޮށް ބަލައިލީމެވެ. އެ ކޯމާގައި އެއްދުވަހުން ދެ ހަފުތާޔާ ދެމެދުގެ މުއްދަތަކަށް ބަލިމީހާ ހޭނާރައި އޮވެދާނެއެވެ. ހޭއެރުމަށް ފަހު ގިނަ ގުނަވަންތައް ބަރާބަރަށް މަސައްކަތްކުރާނެއެވެ. ބައެއް ގުނަވަންތައް ފުރިހަމައަށް ހަރަކާތްކުރަން އެތައް ދުވަހެއް ނަގައިފާނެއެވެ. ފެނުމާއި، އިވުމާއި، ވާހަކަދެއްކުމަށް އުނިކަމެއް އަތުވެދާނެއެވެ. ލިބޭ ގެއްލުމުގެ ކުޑަބޮޑުމިން ބިނާވެފައި އޮންނަނީ ފަރުވާދޭން ފެށޭލެއް އަވަސްވުމާއި ލަސްވުމުގެ މައްޗަށެވެ. އަހަންނަށް ކުރެވުނު ކުށުން އަހަރެން ރެކޭނީ ކިހިނެއްހެއްޔެވެ؟ އަހަރެންގެ ސަބަބުން ކިނާނަށް އެ ލިބުނީ ހާދަހާވާ ބޮޑު ދެރައެކޭ ހިތަށްއެރިއެވެ.

އިރުއެރުމުން ކިނާން އާއިލާގެ ވަރަށް ގިނަ މީހުން ހޮސްޕިޓަލަށް އައިސްގޮސްވާން ފެށިއެވެ. އެހެނަސް ވާނެ ފައިދާއެއް ނެތެވެ. ކިނާނާ ބައްދަލެއް ވެސް ނުކުރެވެއެވެ. އެމީހުން އަންނަނީ އަހަންނަށް ހިތްވަރުދޭށެވެ. އަހަރެންގެ ސިކުނޑިއަށް ލުޔެއްވެދެވޭތޯއެވެ. ނިދައި، ފެންވަރައި، ސައިބޯހަދަން އަހަރެން ގެއަށް ފޮނުވަން ވެސް، އެކި ފަހަރު މަތިން މަސައްކަތްކުރިއެވެ. އެމީހުންނަށް ނޭނގެނީއެވެ. އަހަންނަށް ވާނީ ކޮން ލުޔެއްހެއްޔެވެ؟ މެޔަށް ނުތަކާ ވަރަށް އަހަރެންގެ ހިތް އޮތީ ބަރުވެފައެވެ. ކުރެވުނީ އެންމެ ކުށެއް ނޫންކަމުގައި ވީތީއެވެ. ފުރިހަމަ ވަގުތުގައި ކިނާނަށް އަޅައިނުލެވުން އެއީ އެއް ކުށެވެ.

އޮފީހަށް ދަމުން މުޝީރާ އައެވެ. އަހަންނަށް ސައިދިނީ ވެސް އޭނައެވެ. އާއިލާ މީހަކަށް ވުރެ ގިނަ ވަގުތު މުޝީރާ ހޮސްޕިޓަލުގައި ހޭދަކުރިއެވެ.

"ހަމަ އެއްވެސް ކަމެއް ނުވެ ކުއްލިއަކަށް ވެއްޓުނީ؟" މުޝީރާ އެހިއެވެ. "ކުރިން ނުވެސް އެނގޭ ދޯ؟"

"އާނއެކޭ!" ކަންބޮޑުވެފައި، ފެންކަޅިވެފައި އަހަރެން ބުނީމެވެ. "ފޯނުން އަހަރެން ކިޔައިދިނީމެއްނު! އަހަންނާ ވާހަކަދައްކަން ހުރެފަ، ކުއްލިއަކަށް މެޔަށް ތަދެއްއަރައިފަ ކިނާން ވެއްޓުނީ. އަހަރެން ވަގުތުން ހޮސްޕިޓަލަށް ގުޅިކަމުން މި ވަރު ވެސް މި ވީ."

އެންމެނަށް ދޮގުހެދި އިރު ވެސް އަހަންނަކަށް މާ ބޮޑު އުނދަގުލެއް ނުވެއެވެ. އެކަމަކު މުޝީރާއަށް ދޮގުހަދަންޖެހުމުން ވަރަށް އުނދަގޫވިއެވެ. ހުރިހައި ވާހަކައެއް ހިއްސާކުރާ، ކަންކަމުގައި އެހީތެރިވާ، ހިޔާލުދޭ މީހާއަށް ދޮގުހެދުމަކީ ފަސޭހަކަމެއް ނޫނެވެ. ނަތީޖާއަކަށްވީ އަހަރެން ބޭޒާރުވުމެވެ.

"ތެދަށް ބުނޭ!" މުޝީރާ ބުންޏެވެ. "އަސްލު ކިހިނެއްވީ؟"

އަހަރެން އިސްޖަހައިލީމެވެ. އެހެން މީހުން އަހަނީ އަހަރެންގެ އަޑެވެ. އަހަރެންގެ ތަދެއް ނީވެއެވެ.

"މުޝީރާ ހުއްޓައެއްނު ދެންމެ ވެސް އަހަރެން މީހަކަށް ކިޔައިދިނީ." އަހަރެން ބުނީމެވެ.

"އާލިޔާ ދައްކާ ވާހަކަ އެހެން މީހުންނަށް ގަބޫލުކުރެވެނީ އެމީހުންނަށް އާލިޔާ ނޭނގޭތީ،" މުޝީރާ ބުންޏެވެ. "ކިނާން ކަންތައްކުރާ ގޮތް ވެސް ނޭނގޭތީ. އަހަރެން މިހިރީ ކިނާންގެ ގޯސްވާހަކަ ނުދައްކަން ނިންމައިގެން. އެކަމަކު މިހެން ބުނެވިދާނެ. ކިނާން ކަހަލަ މީހަކަށް ކަމެއްވެގެން އާލިޔާ ތިހާ ދެރަވާނެތަ؟ އަހަންނަކަށް ގަބޫލެއް ނުކުރެވޭ!"

އަހަރެން ރޯން ފެށީމެވެ. މުޝީރާ ގޮނޑި ކައިރިކޮށްލައިފައި އަހަރެންގެ ކޮނޑުގައި ފިރުމައިލިއެވެ. އޭނަ ދެން ސުވާލެއް ނުކުރެއެވެ. ވީ ގޮތް އަހަރެން ކިޔައިދިނީމެވެ. އަކުރަކަށް ފިއްޔަކަށް ވެސް ބަދަލުނުގެނަހެވެ.

"އޭނަ މަރަށް ތެޅެން ދޫކޮށްލާފަ އަހަރެން ނުކުމެގެން ދިޔައީ،" އަހަރެން ބުނީމެވެ. "ދިޔުން އެކަންޏެއް ވެސް ނޫން. ދެރަވެފަހުރި ވަރުން އެހެން ކުށެއް ވެސް އަހަންނަށް ކުރެވުނު. އެ ކަމާ އެންމެ ދެރަވަނީ. އަހަރެން ހިތަށްއެރި، ކިނާން އެ ކުރާ ކަންތަކުގެ ބަދަލު އޭނައަށް ދައްކަވާނޭ!"

މުޝީރާ އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަންނަށް އެނގެއެވެ. އޭނަ ވެސް ދެން ކުށްވެރިކުރާނީ އަހަންނެވެ. ފިރިމީހާއަށް ބަދުދުއާކުރާނީ ކިހައި ނުބައި އަންބެއްހެއްޔެވެ؟

"ދެން ހުއްޓާލާ!" އޯގާތެރި ރާގެއްގައި މުޝީރާ ބުންޏެވެ. "އެ ހުންނަނީ ހިތަށް ވެސް އަރުވަން ހެޔޮނުވާ ކަހަލަ އެއްޗެހި. ފިރިމީހާއެއް ނޫން، އެއްވެސް މުސްލިމަކަށް ބަދުދުއާކުރާކަށް ނުވާނެ. މިހާރު ވިސްނޭ އާލިޔާ ކިހާ ގިލްޓީ ފީލްވާނެކަން. އަހަރެން ވެސް މިހިރީ ހަމަ އެހާ ގިލްޓީ ފީލްވެފަ. ކަޑަކަމެއް އަހަންނަށް ވެސް ކުރެވިއްޖެ!"

ކިނާންގެ ހިތުވިންދަށް "ބަލަހައްޓައިގެން" އަހަރެން ހުރީމެވެ. ހޮސްޕިޓަލުގެ އިމަޖެންސީރޫމަކީ ބަލިމީހާގެ ހިތަށް ލުއިކޮށްދޭ ތަނެކެވެ. ކައިރީގައިހުންނަ އެހީތެރިޔާގެ ހިތަށް ވެސް ވާންޖެހޭނީ ލުޔެވެ. އަހަންނަކަށް އެހެނެއް ނުވިއެވެ. ކައިރީގައި ހުރި ކުޑަކުޑަ މޮނީޓަރުން އަހަރެން ބެލީ ކިނާންގެ ހިތުގައި އަހަންނަށް ޓަކައި އެންމެ ވިންދެއް ނަމަވެސް ޖަހާތޯއެވެ. ޖަހާ ނަމަ، މުޝީރާ ކިޔައިދިން ހާދިސާ ހިނގީ ކީއްވެގެންހެއްޔެވެ؟ އަހަރެން ހިތަށްއެރިއެވެ. އެހައި ދުވަހު ސިއްރުކޮށްގެން ހުރެފައި އެ ވާހަކަ މުޝީރާ ބުނީ ކީއްކުރަންހެއްޔެވެ؟ އެތަކެއް މަހެއްވާންދެން ނުބުނެހުރި ވާހަކަ ބުނަންވީ ވަގުތަކީ، ކިނާން ކޯމާގައި އޮތް ވަގުތުހެއްޔެވެ؟ ކިނާންގެ މޫނަށް އަހަރެން ބަލައިލީމެވެ. މުޝީރާ ބުނީ ތެދެއްހެއްޔެވެ؟ ހިތާހިތުން އަހަރެން އެހީމެވެ.

"އެކްސްގިއުޒް!" މީހަކު ބުނި އަޑަށް އަހަރެން ސިހިފައި ބަލައިލީމެވެ.

ޓެކުސީ އޮތީ ގެކައިރިއަށް މަޑުކޮށްފައެވެ. އަހަންނަށް އިނދެވުނީ ފިކުރަކަށް ގެއްލިފައެވެ. އަވަސްއަވަހަށް ލާރިދީފައި އަހަރެން ޓެކުސީން ފެއިބީމެވެ. އެ ވަގުތު ކިނާންގެ ދައްތައެއްގެ ފޯނެއްއައެވެ.

"އޮފީހުން ގުޅައިގެން ބޭބެ ހިނގައްޖެ އޮފީހަށް،" ދައްތަ ބުންޏެވެ. "މިހާރު އަހަރެން މިއިނީ. އަނެއްހެން ކަމެއް ނޯންނާނެއްނު. ހަމަ އިންނާކަށްނު ޖެހޭނީ. އާލިޔާ ނިދައިލާފަ، ހަމަޖެހިލައިގެން ރޭގަނޑު އާދޭ! އޯކޭވާނެ."

"ތެންކިޔޫ ދައްތާ!" އަހަރެން ބުނީމެވެ. "ކަމެއް ޖެހިއްޖެއްޔާ ވަގުތުން ގުޅާތި! ފޯން ޖައްސާފަ ބާއްވާނީ."

އަހަރެން ގެއަށް ވަނީމެވެ. ހިތަށްއެރިއެވެ. ނިދައިލާށޭ ބުނެވިދާނެއެވެ. އެހެނަސް، މުޝީރާ ނިދި އަހަންނާ ރުޅިކުރުވައިފިއެވެ. އަހަރެން އެޕާޓުމަންޓުގެ ދޮރު ހުޅުވައިލީމެވެ. ތަން އޮތީ އެންމެ ފަހުން އަހަރެން ނުކުތް އިރު އޮތް ގޮތަށެވެ. މިލައި މޯޅިވެފައިވާ މާތައް ތަޅުންގަނޑުގައި ވިއްސިވިހައިލިވެފައި ހުއްޓެވެ. އެނދުގައި ހުރި ރޫތައް އަޑުވީއްލައި، އެ ރޭގެ ހާދިސާ ކިޔައިދެމުންގެންދިޔައެވެ. އެނދުގެ ކަނެއްގައި ސެންޓުފުޅި ވެސް އޮތެވެ. އަހަރެން ވަށައިގެން ނަޒަރުހިންގައިލީމެވެ. ހޮސްޕިޓަލުން ނުކުމެގެން އަހަރެން އައީ ކިނާންގެ ފޯނު ހޯދާށެވެ. ފޯނު ފެންނާކަށް ނެތެވެ. އަހަރެން އެ ނަންބަރަށް ގުޅައިލީމެވެ. ފޯނު ވައިބުރޭޓުވީ އަލަމާރި ތެރެއިންނެވެ. އަހަންނަށް އެ އަޑުއިވުނެވެ. އަލަމާރިޔާ ދިމާއަށް އަހަރެން ދިޔަ އިރު، ކިނާންގެ ފޯނު، ޑުރެސިން ޓޭބަލު މަތީގައި އޮއްވައި ފެނުނެވެ. އެ ފޯނު ކައިރިއަށް ދިޔަ އިރު އަހަރެންގެ ނަން އަރާފައި އޮތެވެ. ފޯނު އޮތީ އަޑުކަނޑައިލާފައެވެ. އޭރު ވެސް އަލަމާރި ތެރެއިން އިވުނު އަޑު އިވެއެވެ. އަހަރެން އަލަމާރި ހުޅުވައިލީމެވެ. އެ ހިސާބުން ފޯނުގެ އަޑު ކެނޑުނެވެ. އެއީ ކޮން ފޯނެއްހެއްޔެވެ؟ އެ ފޯނަށް ގުޅީ ކާކުހެއްޔެވެ؟

ނުނިމޭ