ބޮމުގެ ހަމަލާގައި ޒަޚަމްވި ޔޫއޭއީގެ ސަފީރު އަވަހާރަވެއްޖެ
ބޮމުގެ ހަމަލާގައި ޒަޚަމްވި ޔޫއޭއީގެ ސަފީރު އަވަހާރަވެއްޖެ

ދުބާއީ (ފެބްރުއަރީ 16) - އަފްޣާނިސްތާނުގެ ކަންދަހާރުގައި މިދިޔަ މަހު ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި ޒަޚަމްވި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު އަވަހާރަވެއްޖެ އެވެ.

އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަ ޔޫއޭއީގެ ސަފީރު ޖުމާ މުހައްމަދު އަބްދުﷲ އަލް ކާބީ، 65، ޒަޚަމްވީ މިިދިޔަ މަހު 10 ވަނަ ދުވަހު ކަންދަހާރުގެ ގަވަރުނަރުގެ ގެސްޓްހައުސް އަށް ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގަ އެވެ. މި ހަމަލާގައި 11 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ޔޫއޭއީގެ ފަސް އޮފިޝަލުންނާއި އިތުރު ހަ މީހަކު ހިމެނެ އެވެ. މަރުވި މީހުންގެ ތެރޭގައި އަފްޣާނިސްތާނުގެ ސީނިއާ ދެ އޮފިޝަލަކާއި ޕާލަމެންޓުގެ ދެ މެންބަރުން ވެސް ހިމެނެ އެވެ. ބޮމުގެ ހަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި ޕްރޮވިންސްގެ ގަވަރުނަރު ވެސް ހިމެނެ އެވެ. ސަފީރު އަވަހާރަވީ އަބޫ ދާބީ އަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ޔޫއޭއީން ބުނެފައި ވަނީ ސަފީރާއި އެ ގައުމުގެ އޮފިޝަލުން އަފްޣާނިސްތާނުގައި ކުރިއަށް ގެންދިޔައީ އިންސާނީ އެހީ ދިނުމާ އަދި ތައުލީމީ މަސައްކަތްތަކެއް ކަމަށެވެ. ދެ ގައުމުގެ މެދުގައި ސޮއިކުރި މަޝްރޫއުތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ ކުދިންނަށް ޔޫއޭއީގައި ތައުލީމް ދިނުން ވެސް ހިމެނެ އެވެ.