އެމްއައިބީގައި ހުރި ބޭނުން ނުކުރާ އެކައުންޓްތައް އުވާލަން ފަހުގެ ނޯޓިސް ދީފި
އެމްއައިބީގައި ހުރި ބޭނުން ނުކުރާ އެކައުންޓްތައް އުވާލަން ފަހުގެ ނޯޓިސް ދީފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެކައުންޓު ހުޅުވުމަށް ފަހު އެއްވެސް ވަރަކަށް ބޭނުން ނުކުރާތާ ފަސް އަހަރު ވެފައިވާ އެކައުންޓުތައް އާއްމުކޮށް، އުވާލުމުގެ ކުރިން ބޭނުންކުރަން ފަށަން ފަހު ފުރުސަތު ދީފި އެވެ.

އެ ބޭންކުން ވަނީ އެއްވެސް މުއާމަލާތެއް ނުކުރާތާ ފަސް އަހަރުވެފައިވާ 4،754 އެކައުންޓް އުވާލަން، މައުލޫމާތު މިއަދު އާއްމުކޮށްފަ އެވެ.

އެ އެކައުންޓްތައް އަލުން ބޭނުންވާ ނަމަ، އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެ ބޭންކަށް އަންގަން މިއަދު ކުރި އިއުލާނުގައި އެމްއައިބީން އެދެ އެވެ. އެކައުންޓު އެކްޓިވޭޓް ކުރާނީ https://applynow.mib.com.mv/ މި ލިންކް ނުވަތަ އެމްއައިބީއަށް ހުށަހަޅައިގެންނެވެ.

ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތައް އަލުން ހިންގަން ދޭ ފުރުސަތުގައި އެކަން ނުކޮށްފި ނަމަ އެކައުންޓްތައް ބަންދުކޮށް، އޭގައި ހުރި ހުރިހާ ފައިސާއެއް މަރުކަޒީ ބޭންކް، އެމްއެމްއޭ އަށް ފޮނުވަން ބޭންކިިންއާ ބެހޭ ގާނޫނު ލާޒިމްކުރެ އެވެ.

އެފަދަ އެކައުންޓްތަކުގައި ހުންނަ ފައިސާ ބޭންކްތަކުން އެމްއެމްއޭ އަށް ފޮނުވާ ފަހުން އެކައުންޓެއްގެ ވެރިފަރާތުން އެ ފައިސާ ބޭނުންވެގެން ހުށަހަޅައިފި ނަމަ އެމްއެމްއޭ އިން ދޫކުރާނެ އެވެ.

އެމްއެމްއޭ އިން ބުނީ އެ ފައިސާ ހޯދަން އެމްއައިބީގެ ކޮންމެ ބްރާންޗަކަށް ފޯމު ހުށަހެޅިއަސް ލިބޭނެ ކަމަށެވެ.

އެމްއެމްއޭގައި އެ ފައިސާ ފަސް އަހަރު ވަންދެން ބެހެއްޓުމަށް ފަހު ދެން ފޮނުވާނީ ފިނޭންސް މިނިސްޓްރީއަށެވެ. އެ މިނިސްޓްރީ އަށް އެ ފައިސާ ފޮނުވާ ފަހުން ވެސް އެކައުންޓުގެ ވެރި ފަރާތުން ފައިސާ ބޭނުންވެއްޖެ ނަމަ ފިނޭންސް މިނިސްޓްރީން އެ ފައިސާ ދޫކުރާނެ އެވެ.