17 ފެބުރުއަރީ 2017 - 06:08

ހިތުގެ ބަލިން ގެއްލުން ވަނީ ހަމައެކަނި ހިތަށް ނޫން ކަމަށާއި ފަޔާއި ފައިތިލަ އާއި ކިޑްނީ އަދި ސިކުނޑިއަށް ވެސް ގެއްލުންވާ ކަމަށް ހިތުގެ ޑޮކްޓަރުންގެ ތަޖުރިބާކާރުންގެ ޓީމަކުން ބުނެފި އެވެ.
ހިތުގެ ބައްޔަކީ ހިތުގެ ލޭ ހޮޅިތައް ހަރުވުމާއި ލޭ ހޮޅިތައް ހިމަވުމުން ދިމާވާ މައްސަލަތަކަށް އާންމުކޮށް ކިޔާ ނަމެކެވެ.
ލޭ ހޮޅިތަކުގެ އެތެރޭގައި ޖާގަ ކުޑަވުމުން އެކަށީގެންވާ މިންވަރަށް އޮކްސިޖަން ހުންނަ ލޭ ހަށިގަނޑުގައި ދައުރު ކުރުމަށް ހުރަސް އެޅޭ ކަމަށް ސޮސައިޓީ ފޯ ވެސްކިއުލާ ސާޖަރީގެ ސެކްރެޓަރީ ޑރ. އަލީ އަބްދުއްރަހްމާ ވިދާޅުވި އެވެ. އޭނާ އަކީ ވެސްޓް ވާޖިނިއާ ޔުނިވަސިޓީގެ ހިތުގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓުގެ ވެރިޔާ އެވެ.
ޕެރިފެރަލް އާޓެރީ ޑިޒީޒް (ޕީއޭޑީ) އަކީ ހިތުގެ ބަލީގެ ސަބަބުން ފަޔާއި ފައިތިލަޔަށް ކުރިމަތިވާ މައްސަލައެކެވެ. އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލުން ބުނާ ގޮތުގައި އެމެރިކާގެ 8.5 މިލިއަން މީހުންގެ މި މައްސަލަ ހުރެ އެވެ. މި މައްސަލަ ދިމާވުމުން ލޭ ހޮޅިތަކަށް ލޭ ފޮނުވައިދެވެނީ ވަކި ހިސާބަކަށެވެ. ނަތީޖާއަކަށް ވަނީ ލޭ ހޮޅިތަކަށް ބާރު ބޮޑުވެ އެތެރެއިން ފާރުވާން ފެށުމެވެ. އަދި މިއީ ރަނގަޅު ނުކުރެވޭ ފާރުތަކަކަށްވެ އެވެ. މާބޮޑަށް މި މައްސަލަ ކުރިމަތިވެއްޖެ ނަމަ ފައި ބުރިކޮށްލަން ވެސް ޖެހެ އެވެ.
ސޮސައިޓީ ފޯ ވެސްކިއުލާ ސާޖަރީގެ ތަޖުރިބާކާރުން ވިދާޅުވީ ހިނގާއިރު ފަޔަށް ތަދުވާ ނަމަ ފައިގެ ލޯ ހޮޅިތަކުގެ ލޭގެ ޕްރެޝަރު ޓެސްޓްކުރުން ބުއްދިވެރި ކަމަށެވެ. މައްސަލަ އުޅޭކަން ކުރިން ދެނެގަނެވިއްޖެ ނަމަ ހާލަތު ގޯސް ނުވަނީސް ހައްލު ހޯދުމަށް ފަސޭހަވާނެކަން ތަޖުރިބާކާރުން ވަނީ ފާހަގަކުރައްވައިފަ އެވެ.
އަބޫރަހްމާ ވިދާޅުވީ ލޭހޮޅިތައް ހަރުވުމުގެ މައްސަލައަށް ހައްލު ހޯދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ހިތުގެ ބަލި ހުންނަ މީހުން ލޭހޮޅިތަކުގެ ހާލަތު ވަޒަންކޮށް އެކަމަށް ވަކިން ފަރުވާ ހޯދުމުން، ބޮޑެތި ނުރައްކާތަކުން ސަލާމަތްވެވިދާނެ ކަމަށެވެ.