27 ފެބުރުއަރީ 2024 - 08:18

ކޮންމެ ޕާޓީއަކަށް ނިސްބަތް ވިޔަސް އަދި ފިކުރުގެ ގޮތުން ތަފާތު ވިޔަސް، ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށް އެ މަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ވެރިކަމާ ހަވާލުވެވަޑައިގެން ރަށްރަށަށް ކުރައްވަން މި ފެއްޓެވި ދަތުރުފުޅުގައި، ވަކި ކުލައެއް އަދި ފިކުރަކަށް ނުބައްލަވައި ކޮންމެ ރަށެއްގެ ހުރިހާ ކައުންސިލަރުންނާ ބައްދަލުކުރައްވަމުން އަންނަ ކަމަށެވެ.

"އެކަމުގެ ތެރޭގައި ނުބައްލަވާ އެއީ އެމްޑީޕީތޯއެއް، ޑިމޮކްރެޓްސްތޯއެއް އަދި ޖޭޕީތޯއެއް، ޕީޕީއެމްތޯއެއް،" އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން ދައްކަވާނެ ވަރަކަށް ވާހަކަ ދައްކަން ޖާގަ ދެއްވައިގެން ހުންނެވީ. އަދި ނިމުނީމާ ވިދާޅުވަނީ ދެން އިތުރު ކަމެއް ނެތް ހެއްޔޭ. އެ ވަރަށް ޖާގަ ދެއްވައިގެން މަސައްކަތް ކުރައްވަނީ. އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުމެވަޑައިގެން އެ ހުންނެވީ ގައުމަށް ހިދުމަތްކުރުމުގެ ރޫހުގައޭ."
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު އިސްކުރައްވަނީ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ލިބޭނެ ވިސްނުމެވެ. އެއީ މިއަދު ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދިނުމުގެ ނިޔަތުގަ އެވެ. ދިވެހިން ގައުމަށް ހެޔޮ އެދޭ ނަމަ އަދި މާދަމާ އުފާވެރިކަމާ އެކު ދިރިއުޅެން ބޭނުންވާ ނަމަ، ސިޔާސީ ހިޔާލު ތަފާތުވުން އެއް ފަރާތްކޮށް ގައުމީ ވިސްނުން އިސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ވެރިކަމެއްގައި ރާއްޖޭގައި ބަސްބުނުމުގެ އިހުތިޔާރު އޮންނާނީ ދިވެހިންނަށް ކަމަށް ވިދާޅުވި ކަމަށާއި އެހެން އެއްވެސް ގައުމެއްގެ ބާރެއް، ނުފޫޒެއް އެ މަނިކުފާނުގެ މައްޗަށް ނޯންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު މިއަދު ހުންނެވީ އެ ބަސްފުޅުގެ މަތީގައި ސާބިތުވެ ކަމަށެވެ.