ޓެކްސީއަކަށް އެރި އަންހެނަކަށް ބިރުވެރި ދަތުރެއް!
ޓެކްސީއަކަށް އެރި އަންހެނަކަށް ބިރުވެރި ދަތުރެއް!

ރޭ އިރާކޮޅު މާލޭގައި ޓެކްސީ އަކަށް އެރި އަންހެނަކު ދާން ބޭނުންވި ތަން ނޫން އެހެން ތަނަކަށް ގެންދަން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފުލުހުން ބުނީ ޓެކްސީ އަކަށް އެރި އަންހެނަކަށް ދިމާވި ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގި ގޮތް އެ އަންހެން މީހާ ވަނީ ފޭސްބުކްގައި ވެސް ލިޔެފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ސޯސަން މަގު ޑީއެޗްއެލް ކައިރިން އޭނާ ޓެކްސީ ނެގީ ސްޓެލްކޯ ކައިރީގައި ހުރި ގެއަކަށް ދިއުމަށެވެ. އެކަމަކު އެ ޑްރައިވަރު އޭނާ ގެންދިޔައީ މެރީ ބްރައުން ކައިރީގައި ހުރި އަނދިރި ސަރަހައްދަކަށް ކަމަށް އޭނާ ލިޔެފައި ވެ އެވެ.

"ޑްރައިވަރަށް އޮޅިގެން ނުބައި ތަނަކަށް ދެވެނީ ކަމަށް ހީކޮށް، ބުނިން ސްޓެލްކޯ ކައިރިއަށޭ ދާން ބޭނުންވަނީ. އެކަމަކު ޑްރައިވަރު އަޅާ ވެސް ނުލި. ދެން މި ދިޔައީ މެރީ ބްރައުން ކައިރީގެ އަނދިރި ސަރަހައްދަށް. ޓެކްސީ ހުއްޓަން ބުނީމަ ވެސް އެ ހުއްޓާނުލީމަ ދޮރު ހުޅުވީ. ހުޅުވީމަ ދެން ޓެކްސީ ހުއްޓާލީ،" އަންހެން ކުއްޖާގެ ފޭސްބުކްގައި ލިޔެފައި ވެ އެވެ.

އޭނާ ބުނީ އެއީ 1414ގެ ޓެކްސީއެއް ކަމަށެވެ.