12 ޖޫން 2016 - 11:39

ކަރާކަސް (ޖޫން 12) - ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް އެތައް ލައްކަ ބަޔަކު ސޮއިކޮށް ޕެޓިޝަން ހުށަހެޅި ނަމަވެސް އެ ވޯޓު މި އަހަރު ނުނަގާނެ ކަމަށް ރައީސް މަދޫރޯ ވިދާޅުވެއްޖެ އެވެ.

ރައީސްގެ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިން ނަގަން އުޅޭ ވޯޓުގެ ނަގާނެ ދުވަހެއް އަދި ނުނިންމާ ކަމަށް ވެސް މަދޫރޯ ވިދާޅުވި އެވެ.

ރައީސް މަދޫރޯ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެދި އިދިކޮޅު ފަރާތްތަކުން ވަނީ 1.85 މިލިއަން މީހުންގެ ސޮއި ހޯދައިފަ އެވެ. މި ޕެޓިޝަން ވަނީ މިދިޔަ މަހު 2 ވަނަ ދުވަހު ހުށަހަޅައިފަ އެވެ.
އެކަމަކު ނޭޝަނަލް އިލެކްޓޯރަލް ކައުންސިލް (ސީއެންއީ) އިން ބުނެފައި ވަނީ ޕެޓިޝަނުގައި ސޮއިކޮށްފައިވާ މީހުންގެ ތެރޭން 600،000 ސޮއި ސައްހަ ނޫން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އިލެކްޝަން ކޮމިޝަނުން ވެސް މަސައްކަތް ކުރަމުންދަނީ ސަރުކާރާ ގުޅިގެން ކަމަށެވެ. އަދި ޕެޓިޝަނުގައިވާ އިދިކޮޅު އިސް ލީޑަރުންގެ ސޮއި ވެސް ސައްހަ ނޫން ކަމަށް ބުނުމަކީ އިލެކްޝަން ކޮމިޝަން ވަކިކޮޅަކަށް ޖެހިފައިވާކަން އަންގައިދޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ސޮއި ސައްހަ ނޫން ފަރާތްތަކުން މި މަހު 20 ވަނަ ދުވަހުން ފެށިގެން ފަސް ދުވަސް ތެރޭ ސޮއި ޗެކް ކުރުމަށް އަންގައިފަ އެވެ.
ރައީސް މަދޫރޯ ވިދާޅުވީ މިއީ އިދިކޮޅު ފަރާތްތަކުގެ އަމިއްލަ އެދުމެއް އޮވެގެން ނަގަން އުޅޭ ވޯޓެއް ކަމަށާއި އެ ވޯޓު ބާތިލް ކުރުމަށް އެދި މާދަމާ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
"ރައީސް މަގާމުން ދުރުކުރުމުގެ ވޯޓު ނެގުމުގެ ހުރިހާ ކަމެއް ފުރިހަމަވާ ނަމަ އެ ވޯޓު ނަގާނީ އަންނަ އަހަރު. އެކަންކަން ފުރިހަމަ ނުވާ ނަމަ އެ ވޯޓު ނެގުމެއް ނޯންނާނެ،" ވެރި ރަށުގައި ބޭއްވި އެއްވުމެއްގައި މަދޫރޯ ވިދާޅުވި އެވެ.
ރައީސް މަގާމުން ދުރުކުރާ ވޯޓު ބާއްވާ ތާރީޚު ދެ ފަރާތަށް ވެސް މުހިންމެވެ. އަންނަ އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހުގެ ކުރިން ވޯޓު ނަގާ ރައީސް މަދޫރޯ އަށް ނާކާމިޔާބު ވެއްޖެ ނަމަ އާ އިންތިޚާބެއް ބާއްވަން ޖެހޭނެ އެވެ. އެ ތާރީޚުގެ ފަހުން އިންތިޚާބު ބާއްވާ ރައީސް މަދޫރޯއާ ދެކޮޅަށް ރައްޔިތުން ވޯޓު ދީފި ނަމަ ރައީސްކަމަށް އައްޔަން ކުރާނީ ނައިބް ރައީސް އެވެ. އަދި ރިޔާސީ ދައުރު، ޖެނުއަރީ 2019 ގައި ހަމަވަންދެން އޭނާ މަގާމުގައި ހުންނަވާނެ އެވެ.
ރައީސް މަދޫރޯ މަގާމުން ދުރުކުރެވޭނީ 2013 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވި އަދަދަށް ވުރެ ގިނައިން އޭނާ ވެރިކަމުން ދުރު ކުރުމަށް ރައްޔިތުން ވޯޓު ދީގެންނެވެ. އިންތިޚާބު ކާމިޔާބު ކުރެއްވީ 7،587،579 ވޯޓުންނެވެ. އޭނާ މަގާމުން ދުރު ކުރުމަށް ގާތްގަނޑަކަށް 7.6 މިލިއަން މީހުން ވޯޓު ދޭން ޖެހޭނެ އެވެ. ރައީސް އިންތިޚާބުކޮށްފައި ވަނީ ހަ އަހަރުގެ ޓާމަކަށެވެ.