26 ފެބުރުއަރީ 2024 - 11:54

ހުޅުމާލޭ ފޭސް އެކަކުން ދުއްވާފައި ދިޔަ ވޭނެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ތިން އުޅަނދަކަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ނިރޮޅު މަގު، ދެވަނަ ރުއްގަނޑާ ހިސާބުން ދުއްވާފައި ދިޔަ ވޭނެއް ކާރެއްގައި ޖެހިގެން ކަމަށެވެ. އެ ކާރުން ކޮންޓްރޯލުން ނެއްޓި ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހި އެ އުޅަނދަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.
ހެނދުނު 6:20 ހާއިރު ހިނގި އެކްސިޑެންޓުގައި ކާރާއި ވޭން ދުއްވަން އިން މީހާއަށް ވެސް ކުދިކުދި އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 46 އަހަރާއި 52 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
ފުލުހުން ބުނި ގޮތުގައި އެ އުޅަނދު ދުއްވި މީހުންގެ އަތުގައި ލައިސަންސް އޮވެ އެވެ.
"އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދަށް ވެސް އެކިވަރުގެ ގެއްލުންވެފައިވޭ،" ފުލުހުން ބުންޏެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވޭނުގެ ކުރީކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ބަނޑިވެފަ އެވެ. އަދި ނަމްބަރު ބޯޑު ވެސް އެއްކޮށް ބިންދައިގެން ގޮސްފައި އޮތްއިރު ވޭން އެރި ކާރުގެ ފަހަތުން އޮތީ ވަރަށް ބޮޑަށް ބަނޑިވެފަ އެވެ.
މިއީ، ކިހިނެއް ހިނގަން މެދުވެރިވި އެކްސިޑެންޓެއް ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެ މައްސަަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.